މޯލްޑިވްސް ރިޓަޔަމަންޓް ޕެންޝަން ސްކީމުން ހައްޖުގެ އަޅުކަން އަދާކުރުމަށް ފައިސާ ދޫކުރުމާބެހޭ އެއްބަސްވުމެއްގައި ޕެންޝަން އޮފީހާއި މޯލްޑިވްސް ހައްޖު ކޯޕަރޭޝަނާ ދެމެދު ސޮއިކޮށްފިއެވެ.

މި އެއްބަސްވުމުގެ މަގުސަދަކީ ހައްޖުވުމަށް މޯލްޑިވްސް ރިޓަޔަމަންޓް ޕެންޝަން ސްކީމުން ފައިސާ ދައްކަން އެދޭ ފަރާތްތަކަށް އެ ފުރުސަތު ފަހިކޮށްދިނުމެވެ. މި އެއްބަސްވުމުގެ ދަށުން، މޯލްޑިވްސް ރިޓަޔަމަންޓް ޕެންޝަން ސްކީމުގެ ބައިވެރިން ހައްޖުވުމަށް ފައިސާ ދޫކޮށްދިނުމަށް އެދި ފޯމް ހުށަހަޅާނީ މޯލްޑިވްސް ހައްޖު ކޯޕަރޭޝަނަށެވެ. އަދި ޝަރުތު ހަމަވާ ބައިވެރިންގެ ފައިސާ، ޕެންޝަން އޮފީހުން ދޫކުރާނީ ހައްޖު ކޯޕަރޭޝަން ލިމިޓެޑަށެވެ.

މީގެ އިތުރުން، މި އެއްބަސްވުމުގައިވާ ގޮތުގެމަތިން މޯލްޑިވްސް ހައްޖު ކޯޕަރޭޝަން ލިމިޓެޑަށް، އަމިއްލަ ގޮތުން ހައްޖަށް ދިއުމަށް ދައްކަންޖެހޭ އަގުގެ 50 ޕަސެންޓް ދައްކާފައިވާ ބައިވެރިއެއްގެ ޖާގަ ރިޒާވް ކުރުމަށް އެ ބައިވެރިއެއްގެ ރިޓަޔަމަންޓް ސޭވިންގްސް އެކައުންޓު ބޭނުންކުރުމުގެ ފުރުސަތު ވެސް ވަނީ ހުޅުވާލެވިފައެވެ.

ހައްޖުވުމަށް ޕެންޝަން ސްކީމުން ފައިސާ ދޫކުރުމަށް ހަމަޖެހިފައިވަނީ ހައްޖުގެ އަޅުކަން އަދާކޮށްފައި ނުވާ ފަރާތްތަކުގެ ތެރެއިން ރިޓަޔަރމަންޓް ސޭވިންގްސް އެކައުންޓު ބެލެންސްގައި މަދުވެގެން 336,000 ރުފިޔާ ޖަމާކުރެވިފައިވާ ފަރާތްތަކަށެވެ. ހައްޖުވުމަށް ޕެންޝަން ސްކީމުގެ މެންބަރުންނަށް ބޭނުންކުރެވެންހުރި އަދަދު އެ މެންބަރެއްގެ ރިޓަޔަމަންޓް ސޭވިންގްސް އެކައުންޓު ސްޓޭޓްމަންޓުންނާއި ޕެންޝަން އޮފީހުގެ މޯބައިލް އެޕްލިކޭޝަނުން ބެލޭނެ އިންތިޒާމުވަނީ ހަމަޖައްސާފައެވެ. އަދި ޙައްޖުވުމަށް ޕެންޝަން ފަންޑުގެ ފައިސާ ބޭނުންކުރުމަށް ޝަރުތު ހަމަވޭތޯ ޕެންޝަން އޮފީހުގެ ވެބްސައިންޓުން ވެސް ބެލޭނެ އިންތިޒާމު ވަނީ ހަމަޖައްސާފައެވެ.