މުވާސަލާތީ މައި ކުންފުނި ދިރާގުން ދެމުން ގެންދަ މޮބައިލް ހިދުމަތްތައް މިއަދު ގަނޑިއެއް ހާއިރަށް މެދުކެނޑިއްޖެއެވެ. ހެނދުނު 8 އިން 9 އާއި ދެމެދު ހިދުމަތް މެދު ކެނޑުމުގެ ސަބަބުން މުޅި ރާއްޖޭގައި ދިރާގު ނެޓްވޯކުން މޮބައިލްފޯން ބޭނުން ކުރުމުގެ ހިދުމަތްތައް ހުއްޓިގެން ދިޔައެވެ.

މޯބައިލް ފޯން ކޯލާއި، ޑޭޓާގެ އިތުރުން އެސްއެމްއެސްގެ ހިދުމަތްތައްވެސް ހުއްޓިގެން ދިޔައެވެ.

ދިރާގުން ބުނީ ހެނދުނު ދިމާވި ޓެކްނިކަލް މައްސަލައިގެ ސަބަބުން ޑޭޓާގެ އިތުރުން ފޯން ކޯލް ކުރުމުގެ ހިދުމަތްތަކަށް ބުރޫ އެރިކަމަށެވެ. ނަމަވެސް މިހާރު މައްސަލަ ހައްލުކޮށް ހިދުމަތްތައް އަލުން ވަނީ ދޭން ފަށާފައެވެ.

ދިރާގަކީ ބެޓެލްކޯގެ 52 ޕަސެންޓާއި ދިވެހި ސަރުކާރުގެ 41 ޕަސެންޓް ހިއްސާ އޮންނަ މުވާސަލާތީ ކުންފުންޏެވެ. ދިރާގުގެ ހިދުމަތްތައް 5 ލައްކައެއްހާ މީހުން ރާއްޖޭގައި ބޭނުން ކުރެއެވެ.