މާލޭގައި ހުންނަ ގެސްޓް ހައުސަކުން ހަރަކާތް ހުއްޓިފައި އޮތް ޒުވާނެއް ފެނިއްޖެއެވެ.

ފުލުހުން ބުނީ، މާފަންނުގައި ހުރި ގެސްޓް ހައުސްގައި އޮތް މީހާގެ އަނގައިން ފޮނުތަކެއް އަރާ ކަމަށާއި އެމީހާގެ އެއްވެސް ހަރަކާތެއް ނެތް ކަމަށެވެ. އެ ފިރިހެން މީހާ މިހާރު ވަނީ އައިޖީއެމްއެޗް ހޮސްޕިތަލަށް ގެންގޮސްފައި ކަމަށް ފުލުހުން ބުނެއެވެ. އެމީހާ އަކީ 22 އަހަރުގެ ދިވެހި ފިރިހެނެކެވެ.

މި މައްސަލަ ރިޕޯޓްކޮށްފައި ވަނީ މިއަދު މެންދުރު 12:18 ހާއިރުކަމަށް ފުލުހުން މައުލޫމާތު ދެއެވެ. އަދި ފުލުހުން ދަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ.

މާލޭގެ ގެސްޓްހައުސްތަކުގައި މަދުން ނަމަވެސް މިފަދަ ހާދިސާތައް ހިނގަމުން އަންނަ ކަން ވަނީ ފާހަގަ ކުރެވިފައެވެ. އެގޮތުން، މި މަހުގެ ތިންވަނަ ދުވަހު މާލޭގައި ހުންނަ ވިކްޓްރީ ގެސްޓް ހައުސްއިން 24 އަހަރުގެ ފިރިހެނަކު ހާލު ދެރަވެގެން ފުލުހުންނަށް ރިޕޯޓް ކޮށްފައި ވާއިރު، އައިޖީއެމްއެޗަށް ގެންދިޔަ އިރުވެސް އެމީހާ ވަނީ މަރުވެފައެވެ.