ގަވާއިދާ ހިލާފަށް ދުއްވާފައި ދިޔަ ސައިކަލެއް ފުލުހުންގެ ވެހިކަލުގައި ޖެހި އެކްސިޑެންޓެއް ހިނގައިފިއެވެ.

ފުލުހުން ބުނީ، މި އެކްސިޑެންޓް ހިނގާފައި ވަނީ، މޫންލައިޓް ހިނގުމުގެ އުތުރުން ދެކުނަށް ދުއްވަން ނުޖެހޭ ލޭނުން ދެކުނަށް އުތުރަށް ދުއްވާފައި ދިޔަ ސައިކަލެއް ފުލުހުންގެ ވެހިކަލުގައި ޖެހިފައި ކަމަށެވެ. ރޭ ދަންވަރު 12:25 ގައި ހިނގި މި އެކްސިޑެންޓްގައި ސައިކަލު ދުއްވަން އިނީ 18 އަހަރުގެ ބިދޭސީއެއް ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

މި އެކްސިޑެންޓަގއި އެއްވެސް މީހަކަށް އަނިޔާ ވެފައި ނުވާ ކަމަށާއި އެ ސައިކަލު ދުއްވި ބިދޭސީ މީހާގެ އަތުގައި ލައިސަންސް ނެތް ކަމަށްވެސް ފުލުހުން ބުނެއެވެ.

މަގުމަތީގައި ހިނގާ އެކްސިޑެންޓްތަކަށް ބަލާއިރު މިމަހުގެ އަށްވަނަ ދުވަހުން ފެށިގެން 14 ވަނަ ދުވަހަށް ފުލުހުން އާންމުކުރި ތަފާސް ހިސާބުތައް ދައްކާގޮތުން 486 ވެހިކަލެއް ޗެކްކޮށްފައިވާނެ ކަމަށެވެ. އަދި އެންމެ ގިނައިން ފާހަގަ ވެފައިވަނީ ލައިސަންސް ނެތި ދުއްވާ މައްސަލަ ކަމަށާއި، އޭގެ 143 މައްސަލައެއް ބެލިފައިވާ ކަމަށެވެ. މީގެ އިތުުރުން ލައިސަންސް އަތުގައި ނެތި 85 މީހަކު ހުއްޓުވާ ބަލާފައިވާ އިރު، ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ 56 މީހެއްގެ މައްސަލަ ފުލުހުން ފާހަގަކޮށްފައި ވެއެވެ.