30 އަހަރުގެ ދިގުވެރިކަމަކަށްފަހު މިއަހަރުގެ އޭޕްރިލް މަހު މަގާމުން ދުރުކުރެވިފައިވާ ސޫދާންގެ ކުރީގެ ރައީސް އުމަރު އަލް ބަޝީރު، މަގާމުން ދުރުކުރެވުނު ފަހުން ފުރަތަމަ ފަހަރަށް އާންމުންގެ ތެރެއަށް ނިކުމެވަޑައިގެންފިއެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި، ފެންނަ ފެނުމަށް އުމަރު އަލް ބަޝީރުގެ ހަށިކޮޅަށް މާ ބޮޑު ބަދަލެއް އައިސްފައެއް ނުވެއެވެ.

އުމަރު އަލް ބަޝީރު އާންމުންގެ ތެރެއިން ފެނިފައިވަނީ، އޭނާއާއި ދެކޮޅަށް އުފުލާފައިވާ ކޮރަޕްޝަންގެ ދައުވާއާއި ގުޅިގެން، ޕްރޮސެކިއުޓަރުގެ އޮފީހަށް ކާރުކޮޅުގައި ވަޑައިގެންނެވި ވަގުތުއެވެ.

ޕްރޮސެކިއުޓާ އަލާއުއްދީން ޢަބްދުﷲ ވިދާޅުވީ އުމަރު އަލް ބަޝީރާ ދެކޮޅަށް ދައުވާ އުފުލާފައިވަނީ، ގަވާއިދާ ހިލާފަށް ބޭރު ފައިސާ ގެންގުޅުއްވުމާއި، ގަވައިދާ ހިލާފަށް ހަދިޔާ ގަބޫލުކުރެއްވުމުގެ ކުށުގައި ކަމަށާއި، މި ތުހުމަތުތަކަށް ޖަވާބުދާރީ ވެވަޑައިގަތުމުގެ ފުރުސަތު އުމަރު އަލް ބަޝީރަށް ލިބިވަޑައިގަންނަވާނެ ކަމަށެވެ.

އުމަރު އަލް ބަޝީރާ ދެކޮޅަށް ކުރިޔަށްގެންދާ ސަރިޔަތް ވެގެންދާނީ، ސޫދާންގައި މިހާރު އޮތް ވަގުތީ އަސްކަރީ ސަރުކާރުގެ ސީރިއަސްކަން ވަޒަން ކުރެވިގެންދާ އިމްތިހާނަކަށް ކަމަށް މުރާސިލުން ސިފަކުރެއެވެ.