މާލޭގައި ހަދަމުންދާ އިމާރާތަކުން ދަގަނޑެއް ވެއްޓި ސައިކަލުތަކަކަށް ގެއްލުން ވެއްޖެއެވެ.

ފުލުހުން ބުނީ، މިއަދު މެންދުރު 2:20 ހާއިރު ކޮއިމަލާ ހިނގުމުގައި ހަދަމުންދާ އިމާރާތަކުން ދަނޑެއް ވެއްޓި ހަތަރު ސައިކަލަކަށް ގެއްލުން ވެފައިވާ ކަމަށެވެ. އެ އިމާރާތުގެ ހަތަރުވަނަ ފަންގިފިލާއިން ވެއްޓިފައި ވަނީ ގާތްގަނަޑަކަށް 10 ވަރަަކަށް ފޫޓުގެ ދަގަނޑެއް ކަމަށް ފުލުހުން ބުނެއެވެ. ދަގަނޑު ވެއްޓިފައިވަނީ އެމަގުގައި ޕާކްކޮށްފައިވާ ސައިކަލު ތަކެއްގެ މައްޗަށް ކަމަށާއި މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުން ވެފައި ނުވާ ކަމަށް ފުލުހުން މައުލުމާތު ދެއެވެ.

ފުލުހުން ބުނީ މި ހާދިސާގެ މައުލޫމާތު ވާނީ ހައުސިންގް މިނިސްޓްރީއަށާއި ސިޓީ ކައުންސިލާ ހިއްސާ ކުރެވިފައި ކަމަށެވެ.

އިމާރާތް ކުރަމުންދާ ތަންތަނުން މިފަދަ މައްސަލަތައް ރިޕޯޓް ކުރަމުން އަންނަކަން ފާހަގަ ކުރެވެއެވެ. ބައެއް ފަހަރު މަގުމަތިން ހިނގާ ބިނގާވެ އުޅޭ މީހުންނަށް އަނިޔާ ވާ އިރު އަނެއް ބައިފަހަަރު މީހުންގެ މުދަލަށް ގެއްލުން ލިބިފައިވެއެވެ. އެ ގޮތުން މިދިޔަ ހަފްތާ ތެރޭގައި މ. ގުލްބަހާރުގެ އިމާރާތް ތަޅަމުން ދަނިކޮށް ކޮންކްރީޓް ގަނޑެއް ވެއްޓި ޖެހިގެން ހުރި މ. ސަމަންދަރުގޭގެ ދެވަނަ ފަންގިފިލާގެ ފާރުން ބައެއް ހަލާކުވެފައި ވެއެވެ.

މީގެ އިތުރުން މިދިޔަ މަހު، އިމާރާތް ކުރަމުންދާ މާވެޔޮ މިސްކިތުން، މަސައްކަތް ކުރުމަށް ބޭނުން ކުރި ބިއްލޫރި ޝީޓެއް މައްޗަށް ނަގަން އުޅުމުގެ ތެރޭގައި އެ ބިއްލޫރި ޝީޓްތައް ވެއްޓި ދެ މީހަކަށް ވެސް ވަނީ އަނިޔާވެފައެވެ. މި ހާދިސާގައި އަނިޔާވެފައި ވަނީ މާވެޔޮމިސްކިތުގައި މަސައްކަތް ކުރަމުން ދިޔަ ދެ ބިދޭސީންނަށެވެ.

ހަމައެއާ އެކު މިދިޔަ ޑިސެމްބަރު މަހު، ޑަބްލިއު ކޮންސްޓްރަކްޝަނުން އިމާރާތް ކުރަމުން ދިޔަ އިމާރާތަކުން ވެއްޓުނު ސިމެންތި ބަސްތާއެއް ދަށުވެ އުމުރުން އަށް އަހަރުގެ ޖިއާން ރައުޝަން ނަމަކަށް ކިޔާ ބަންގްލަދޭޝަށް އުފަން ކުއްޖަކު ވަނީ މަރުވެފައެވެ.