3 ގަޑިއެއް ހާއިރަށް ދެމިގެންދާ "އެވެންޖާޒް: އެންޑްގޭމް" ފިލްމް 110 އަކަށް ވުރެ ގިނަ ފަހަރު ބަލައިގެން، ފްލޮރިޑާގެ ހިލްސްބަރޯ ކައުންޓީގެ ޒުވާނަކު، ދުނިޔެގެ ރެކޯޑްފޮތުން ޖާގަ ހޯދައިފިއެވެ.

އުމުރުން 30 އަހަރުގެ އޯގަސްޓިން އެލާނިސް ވަނީ އޭނާ މި ފިލްމް ބެލި ކޮންމެ ފަހަރަކު، ޓިކެޓާ އެކު ސެލްފީއެއް ނަގާ، ޓުވިޓާގައި އެ މަންޒަރުތައް ހިއްސާކޮށްފައެވެ.

ސިނަމާއަށް ގޮސްގެން އެންމެ ގިނަ އަދަދަކަށް އެއް ފިލްމެއް ބެލި މީހެއްގެ ރެކޯޑް މިހާތަނާ ޖެހެންދެކަށް އޮތީވެސް އެވެންޖާޒް ފޭނެއްގެ އަތުގައެވެ. އޯގަސްޓިން މި ރެކޯޑް މުގުރާލުމާ ހަމައަށް، ސިނަމާއަށް ގޮސްގެން އެއް ފިލްމެއް އެންމެ ގިނައިން ބެލި މީހާގެ ރެކޯޑް ހޯދާފައިވަނީ އެންތަނީ މިޝެލް ނަމަކަށް ކިއާ މީހެކެވެ. އޭނާ ވަނީ "އެވެންޖާޒް: އިންފިނިޓީ ވޯ"، 103 ފަހަރު ބަލާފައެވެ.

އޯގަސްޓިން ބުނާ ގޮތުގައި އޭނާގެ އެންމެ ބޮޑު އިންސްޕިރޭޝަން އަކީވެސް އެންތަނީ މިޝެލްއެވެ.