ތެޔޮ އުފުލާ 2 ޓޭންކަރަކަށް ގަލްފް އޮފް އޮމާން ކަނޑުގެ ސަރަހައްދުން ބުރާސްފަތި ދުވަހު ހަމަލާދީފައި ވަނީ އީރާނުން ކަމަށް ބުނެ އެމެރިކާއިން ކުރާ ތުހުމަތު ތަކަށް އިންކާރު ކުރާކަމަށް އީރާނުން ބުނެފިއެވެ.

ތެޔޮ ޓޭންކަރުތަކަށް ހަމަލާދީފައިވަނީ އީރާނުން ކަމަށް އެމެރިކާގެ ހާރިޖީ ވަޒީރު މައިކް ޕޮމްޕޭއޯ ވިދާޅުވީ ބުރާސްފަތި ދުވަހުއެވެ. ޕޮމްޕޭއޯ ވިދާޅުވީ، މި ހަމަލާ ދިނުމަށް ބޭނުންކޮށްފައިވާ އާލާތްތަކާ ޖާސޫސީ މައުލޫމާތުގެ މައްޗަށް ބިނާކޮށް އެމެރިކާއިން އެސެސްމަންޓެއްވެސް ހަދާފައިވާކަމަށެވެ.

ޕޮމްޕޭއޯގެ ވާހަކަފުޅު މިފަދަ ގޮތަކަށް ހުރިއިރު އީރާނުގެ އިސް އޮފިޝަލަކު ވިދާޅުވީ މިއީ ސާބިތު، އަދި އެއްވެސް އަސާސެއް ނެތި އެމެރިކާއިން ދައްކަމުންދާ ވާހަކަތަކެއް ކަމަށެވެ. އަދި ތެޔޮ ޓޭންކަރު ތަކުގައި ގޮވި ގޮވުންތަކާ އީރާނާ އެއްވެސް ގުޅުމެއް ނުވާނެ ކަމަށްވެސް އީރާނުގެ އޮފިޝަލު ވަނީ ވިދާޅުވެފައެވެ.

އެމެރިކާގެ ތުހުމަތުތަކަށް އިންކާރުކޮށް، މި އަމަލު ކުށްވެރިކޮށް އދއިން އީރާނަށް ކަނޑައަޅާފައި ހުންނަ މިޝަނުން މިއަދު ބަޔާނެއް އާންމުކުރުމާއެކު، އެމެރިކާގެ ސެންޓްރަލް އިންޓެލިޖެންސް ކޮމާންޑުން ވަނީ، ހާދިސާ ހިނގި ސަރަހައްދުގައި ނުގޮވާ އޮތް މައިނެއް ނެގުމުގެ މަސައްކަތް، އީރާނު އަސްކަރިއްޔާގެ އިސް ގޮތްޕެއް ކަމަށްވާ ރިވަލޫޝަނަރީ ގާޑުންގެ ޓީމަކުން ކުރަމުންދާ މަންޒަރު ފެންނަ ކަމަށް ބުނާ ވީޑިއޯއެއް އާންމުކޮށްފައެވެ.

ގަލްފް އޮފް އޮމާން ކަނޑުގެ ސަރަހައްދުން 2 ޓޭންކަރަކަށް ހަމަލާދީފައި މިވަނީ، އެކުވެރި އަރަބި އިމާރާތުގެ ކަނޑުގެ ސަރަހައްދުން 4 ޓޭންކަރަކަށް ހަމަލާދިންތާ މަހެއްހާ ދުވަހުގެ ތެރޭގައެވެ.