މުސްލިމް އިންވެސްޓަރުންނަށް މަކަރާ ހީލަތް ހަދައިގެން ގިނަ އަދަދެއްގެ ފައިސާތަކެއް ފޭރިގަތް މަންސޫރު ހާން މިހާރު އިންޑިއާގައިވެސް ނެތްކަމަށް ބެންގަލޫރު ފުލުހުން ބުނެފިއެވެ.

އިންޑިއާގެ "އިސްލާމިކް ބޭންކާ"ގެ ގޮތުގައި ގިނަ ބަޔަކު ދަންނަ މަންސޫރު ހާން ވަނީ މުސްލިމު އިންވެސްޓަރުންގެ އަތުން 1500 ކްރޯރް ރުޕީޒަށް ވުރެ ގިނަ އަދަދެއްގެ ފައިސާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އަތުލާފައެވެ.

އޭނާއާއި ދެކޮޅަށް 23000 އަށް ވުރެ ގިނަ ޝަކުވާ މިހާރު އުފުލާފައި ވާއިރު، މަންސޫރު ހާން އިންޑިއާއިން ފުރާފައިވަނީ އެނާއާއި ދެކޮޅަށް ފުރަތަމަ ޝަކުވާ ހުށަހެޅުމުގެ ކުޑަ ވަގުތުކޮޅެއް ކުރިން ކަމަށްވެސް ފުލުހުން ބުނެއެވެ.

ބެންގަލޫރު ސިޓީގެ ފުލުހުން މިހާރު ވަނީ މަންސޫރު ހޯދުމަށް ނޯޓިސް ނެރެފައެވެ.

މަންސޫރު ހާނާ ދެކޮޅަށް އެންމެ ފުރަތަމަ ޝަކުވާ އުފުލާފައިވަނީ އޭނާގެ ބިޒްނަސް ޕާޓްނަރެއްގެ ގޮތުގައި މަސައްކަތް ކުރަމުން ދިޔަ ހާލިދު އަހުމަދު ނަމަކަށް ކިއާ މީހެކެވެ. އަދި މާ ގިނައިރުތަކެއް ނުވެ، މަންސޫރު ހާން އަމިއްލައަށް މަރުވާން އުޅޭ ކަމަށް ބުނާ ކުލިޕެއް ވަޓްސްއެޕްގައި ދައުރުވާން ފެށިއެވެ. އޭނާއާއި 'ވިޔަފާރީ'ގެ އެއްބަސްވުންތައް ހަދާފައިވާ މީހުން ޝަކުވާ އުފުލަންފެށީ އެހާ ހިސާބުންނެވެ. ނަމަވެސް ޝަކުވާތައް ފައިލްކޮށް މައްސަލަ ބަލަން ފެށުނުއިރު އޭނާ ފިލައިފިއެވެ.

މަންސޫރު ހާން އިންޑިއާއިން ފިލާފައިވަނީ އޭނާ ދުއްވާ ޖެގުއާ ކާރުގައި އަމިއްލައަށް ދުއްވާފައި އެއާޕޯޓަށް ގޮސް، އިމިގްރޭޝަން ކްލިއަރަންސްވެސް ހޯދުމަށް ފަހުގައި ކަމަށް ޚަބަރު ލިބެއެވެ. މަންސޫރު ހާން އިންޑިއާއިން ދިޔައީ ދުބާއީއަށެވެ. ފުލުހުން ބުނީ މަންސޫރު ހާން ދުބާއީއަށް ދަތުރު ކޮށްފައި ވަނީވެސް ބިޒްނަސް ކުލާހުގައި ކަމަށެވެ.

އައި މަނިޓަރީ އެޑްވައިޒަރީގެ ނަމުގައި އިސްލާމީ ބޭންކިންގްގެ ޚިދުމަތޭ ކިޔައިގެން މަންސޫރު ހާން ހިންގަމުން ދިޔަ ޖަރީމާގައި ބައިވެރިވިކަމުގެ ކުށުގެ ތުހުމަތުގައި 7 މީހަކު ހައްޔަރު ކޮށްފައި ވާކަމަށް ޚަބަރު ލިބެއެވެ.