ރާއްޖޭގެ މައި ވައިގެ ބަނދަރު ކުރިން ހިންގި ޖީއެމްއާރު ކުންފުންޏަށް އަލުން އެތަން ދިނުމަށް އަދި، ސަރުކާރުގެ އެއްވެސް މަޝްރޫއެއް އިންޑިއާގެ އެހެން ކުންފުންޏަކަށް ދޭން ނިންމާފައި ނުވާކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް ހޫދު ވިދާޅުވީ ޖީއެމްއާރު ކުންފުޏްޏަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް އަލުން ދިނުމަށް އަދި އެހެން އެއްވެސް މަޝްރޫއެއް ހަވާލުކުރަން ސަރުކާރުން މަޝްވަރާކޮށްފައި ނުވާ ކަމަށެވެ.

ހޫދު މިހެން ވިދާޅުވެފައިވާ އިރު، ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި، އެއާޕޯޓު ހިންގަން ހަވާލުކުރި ޖީއެމްއާރުގެ މުވައްޒަފުންތަކެއް ވެލާނާ އެއާޕޯޓުގައި ހަރަކާތްތެރިވި މަންޒަރު ފެންނަ ފޮޓޯއެއް ސޯޝަލް މީޑިއާގައި އާންމުވެފައިވެއެވެ. އަދި އެމީހުން ތިބީ އެއާޕޯޓުން ފޯރުކޮށްދޭ ވިޒިޓާސް ފާހުގައެވެ.

މި މައްސަލައާއި ގުޅިގެން ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބެއް ދެއްވަމުން ހޫދު ވިދާޅުވީ، އެއާޕޯޓުގައި ޖީއެމްއާރު ކުންފުނީގެ ބަޔަކު ތިބުމަކީ ސަރުކާރާއި ގުޅިފައި އޮތް ކަމަށް ނޫން ކަމަށެވެ.

"ޖީއެމްއާރަށް އެއާޕޯޓު ދޭން ރާވާފައި ނުވޭ. އިންޑިޔާއަށް އަދި އެ ގައުމުގެ އެ ކުންފުޏަށް ރާއްޖޭގެ އެހެން ތަނެއް ވެސް ދީފައި ނުވާނެ. ދަރުމަވަންތަ ހޮސްޕިޓަލު ނުވަތަ އެހެން ތަނެއް ހޯއްދަވަން ވެސް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ދަތުރުފުޅުގައި އެދި ވަޑައިގެންފައި ނުވޭ،"
އިބްރާހިމް ހޫދު

އޭނާ ވިދާޅުވީ ރާއްޖެއަށް މިލިއަނެއްހާ ޓުއަރިސްޓުން އަހަރެއްގެ މައްޗަށް އަންނަ އިރު، އެއާޕޯޓުން ޖީއެމްއާރު ކުންފުނީގެ ބޭފުޅުން ފެނިދާނެކަމަށެވެ. އަދި އެމީހުން އައީ ޗުއްޓީއެއް ހޭދަކުރަން ކަމަށް ވެދާނެކަމަށް ވެސް ހޫދު ވިދާޅުވިއެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ދައުވަތަކަށް ރާއްޖެ ވަޑައިގެންނެވި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ދަތުރުފުޅާ ކައިރިކޮށް، ވެލާނާ އެއާޕޯޓާއި ދަރުމަވަންތަ ހޮސްޕިޓަލް އިންޑިއާއަށް ދޭން އުޅޭކަމުގެ އަޑުތަކެއް ފެތުރުނެވެ. ނަމަވެސް އެކަން ރައީސް އޮފީހުންނާއި ކަމާ ބެހޭ ފަރާތްތަކުން ވަނީ ދޮގުކޮށްފައެވެ.