މިނާފުއް ލައްވައިގެން ބޭނުންކުރާ ބަޑިއެއް ހޯދާ ފުލުހުން ޒުވާނަކާ ސުވާލުކޮށްފިއެވެ.

ފުލުހުން ބުނީ ރޭ ދަންވަރު 1:32 ހާއިރު އިސްލާމިކް ޔުނިވާސިޓީ ފަހަތުގައި އޮންނަ ޕާކު (ލޮރެންޒާ ޕާކް) ތެރޭގައި ތިބި ބައެއްގެ ކައިރީގައި މިނާފުއް ލައްވައިގެން ބޭނުންކުރާ ވައްތަރުގެ ބަޑިއެއް ބާއްވާފައި އޮއްވާ ފެނިފައިވާ ކަމަށެވެ. އަދި މި މައްސަލައާއި ގުޅިގެން 22 އަހަރުގެ ފިރިހެނަކު ރޭ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ސުވާލުކުރުމަށްފަހު ދޫކޮށްލާފައިވާ ކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން ބުނީ ބަޑި އޮތީ ފުލުހުންގެ ބެލުމުގެ ދަށުގައި ކަމަށާއި، މި މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ.

ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި މިނާފުއް ބަޑީގައި ބޭނުންކުރި މިނާފުއްތައް

ފުލުހުން އާންމުކުރި ފޮޓޯއިން ފެންނަ ގޮތުގައި އެއީ ފެންވަރު ރަނގަޅު ބަޑިއެއް ކަމަށް ބެލެވެއެވެ. މިނާފުއް ބަޑި ބޭނުންކުރުމުގެ ސަބަބުން ބައެއް ފަހަރު ގެއްލުން ލިބިފައި ވެސް ހުރެއެވެ. ނަމަވެސް މިއީ ރާއްޖޭގައި ބޭނުންކުރުން މަނާކޮށްފައިވާ ބަޑިއެއް ނޫނެވެ. އަދި ފުލުހުން ބަޑި ހިފަހައްޓާ މައްސަލަ ތަހުގީގުކުރާ ސަބަބެއް ހާމަކޮށްފައެއް ނުވެއެވެ.