ޖުޑީޝަލް ކައުންސިލުން އުފައްދަން ނިންމި ފަނޑިޔާރުންގެ ޖަމިއްޔާ އުފެއްދުމުގައި ސުވާލު އުފެދޭ ކަންތައްތަކެއް އެބަހުރި ކަމަށް ޔޫތް މިނިސްޓަރު އަހުމަދު މަހުލޫފް ވިދާޅުވެއްޖެއެވެ.

ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޖަމިއްޔާގެ ނަމުގައި ޖަމިއްޔާއެއް އުފެއްދުމަށް ނިންމާފައި ވަނީ މިދިޔަ މަހުގެ 21 ވަނަ ދުވަހު ބޭއްވުނު ޖުޑީޝަލް ކައުންސިލްގެ ބައްދަލުވުމުން ފާސްކޮށްގެންނެވެ. ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިިން ބުނީ މި ޖަމިއްޔާ އުފެއްދުމަށް ހުށަހަޅަން ޖެހޭ އެންމެހާ ލިޔެކިޔުންތައް މިދިޔަ މަހުގެ 26 ވަނަ ދުވަހު ޔޫތް މިނިސްޓްރީއަށް ހުށަހަޅާފައިވާ ކަމަށެވެ.

ޖަމިއްޔާތަށް އުފައްދަން މިހާރު ހުށަހަޅަން ޖެހެނީ ޔޫތް މިނިސްޓްރީ އަށެވެ. ޔޫތް މިނިސްޓަރު މަހުލޫފް ވިދާޅުވީ ފަނޑިޔާރުންގެ ޖަމިއްޔާ އުފެއްދުމުގައި ސުވާލު އުފެދޭ ކަންތައްތަކެއް ހުރުމާއެކު، އެ މައްސަލައަށް ގޮތެއް ނިންމާނީ އޭޖީގެ ލަފާގެ މަތިން ކަމަށެވެ.

ޑީޖޭއޭއިން ބުނީ ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ގާނޫނުގެ 10 ވަނަ މާއްދާއިން ފަނޑިޔާރުންނަށް ލިބިދީފައިވާ ޖަމިއްޔާ ހެދުމުގެ ހައްގުގެ ދަށުން އުފެއްދުމަށް ކަނޑައަޅާފައިވާ މި ޖަމިއްޔާގެ މައިގަނޑު މަގުސަދަކީ، ފަނޑިޔާރުންގެ މުސްތަގިއްލުކަން ހިމާޔަތް ކުރުމަށް މަސައްކަތް ކުރުމާއި ފަނޑިޔާރުންގެ މިނިވަންކަމާއި މުސްތަގިއްލުކަން ދެމެހެއްޓުމަށް މަސައްކަތް ކުރުމާއި އެމީހުންގެ އިމްތިޔާޒުތައް ހިމާޔަތް ކުރުމަށް މަސައްކަތް ކުރުން ކަމަށެވެ.