ވައި ތަޣައްޔަރު ކުރާ މާއްދާތައް ދެނެގަތުމަށާއި އެ މާއްދާތައް ވައިގެ ތެރެއަށް ދޫކުރޭވޭ މިންވަރު މަދުކުރުމަށް އެކްޝަން ޕްލޭނެއް މިއަދު އިފްތިތާހު ކޮށްފިއެވެ
އެންވަޔަރަމަންޓް މިނިސްޓްރީން މިއަދު ހަވީރު ސޯޝަލް ސެންޓަރުގައި ބޭއްވި ހާއްސަ ހަފްލާގައި މި އެކްޝަން ޕްލޭން އިފްތިތާހު ކޮށްދެއްވީ މިނިސްޓާ އޮފް ޓްރާންސްޕޯޓް އައިޝަތު ނަހުލާއެވެ. މި ހަފްލާގައި ވާހަކަ ދައްކަވަމުން އައިޝާ8 ވިދާޅުވީ، މި ޕްލޭން ނެރުމަކީ ސަރުކާރުން މި މައްސަލަ ބަލައިގަނެ މި ކަމަށް މަސައްކަތް ކުރަމުން ދާކަމުގެ ފާހަގައެއް ކަަމަށެވެ.
މިއަދު އިފްތިތާހް ކުރި އެކްޝަން ޕްލޭނަކީ ވައި ތަޣައްޔަރު ކުރާ މާއްދާތަކުގެ މިންވަރު އަންދާޒާކޮށް އެކުލަވާލެވުނު މިފަދަ އެންމެ ފުރަތަމަ ސްޓަޑީސް ކަމަށް އެންވަޔަރަމަންޓް މިނިސްޓްރީން ބުނެއެވެ.
މި ޕްލޭންގައި ހިމެނޭ ބައިތަކުގެ ތެރޭގައި ވައި ތަޣައްޔަރު ކުރާ މާއްދާ ވަކިވަކިން ތަފްސީލުކޮށް ދީފައި ވާއިރު، ރާއްޖޭގެ ވައި ތަޣައްޔަރު ކުރާ މާއްދާތަކާއި އެ މާއްދާތައް ބޭރުކުރާ ސެކްޓާތަކާއި، ކޮންމެ ސެކްޓާއަކުން ވަކިވަކި މާއްދާތައް ބޭރުވާ މިންވަރުގެ އިތުރުން މި މާއްދާތައް މަދުކުރަން އަޅާނެ ފިޔަވަޅުތަކާއި 2030 ވަނަ އަހަރާ ހަމައަށް މި މާއްދަތާއް ރާއްޖެއިން ޖައްވަން ބޭރުކުރެވޭ މިންވަރު މަދުވެގެން ދާނެ މިންވަރު އަންދާޒާ ކޮށްފައި ވާނެ ކަމަށް އެ މިނިސްޓްރީން ބުނެއެވެ.
މި އަހަރުގެ ތިމާވެށި ދުވަހުގެ ޝިއާރާ ގުޅުވައިގެން ނެރުނު މި ޕްލޭންގެ ޕްރޮޖެކްޓް ކުރިއަށް ގެންދާނީ އެންވަޔަރަމަންޓް މިނިސްޓްރީން ސްޓޮކް ހޯމް އިންސްޓިޓިއުޓް ޓެކްނިކަލްގެ އެހީއާއި އަދި ކްލައިމެޓް އެންޑް ކްލީން އެއާ ކޯލިޝަންގެ މާލީ އެހީއާ އެކުގައި ކަމަށް އެ މިނިސްޓްރީން ބުނެއެވެ. ކްލައިމެޓް އެންޑް ކްލީން އެއާ ކޯލިޝަނަކީ ވައި ތަޣައްޔަރު ކުރުވާ މާއްދާތަކެއް ކަަމަށްވާ ޝޯޓް ލިވްޑް ކްލައިމެޓް ޕޮލޫޓަންޓްސް މަދުކޮށް މެނޭޖް ކުރުމަށް ގައުމުތަކާއި ގުޅިގެން މަސައްކަތް ކުރާ ކޯލިޝަނެކެވެ.
މީގެ އިތުރުން ވައި ތަޣައްޔަރު ކުރުވާ މާއްދާތަކުން ލިބޭ ގެއްލުންތަކަށް ހޭލުންތެރި ކުރުމަށް "ބްރީތް ލައިފް" ކެމްޕޭންގެ ނަމުގައި ނެޝަނަލް އެވެއާނަސް ކެމްޕޭނެއް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އާ ގުޅިގެން މިއަހަރުގެ ތެރޭގައި ހިންގުމަށް ހަމަޖެހިފައިވާ ކަމަށް ވެސް އެ މިނިސްޓްރީން ބުނެއެވެ.