ތިނަދޫ މެޖިސްޓްރޭޓް ކޯޓުގެ ފަނޑިޔާރު އިބްރާހިމް ރަޝީދު މަގާމުން ވަކިކުރުމަށް ޖުޑިޝަލް ސާވިސް ކޮމިޝަނުން ނިންމާ ރައްޔިތުންގެ މަޖިލީހަށް ފޮނުވައިފިއެވެ.
މިއަދު ބޭއްވި ޖޭއެސްސީގެ ޖަލްސާގައި، ތިނަދޫ މެޖިސްޓްރޭޓް ކޯޓުގެ ފަނޑިޔާރު އިބްރާހިމް ރަޝީދު މަގާމުން ވަކިކުރުމަށް އެ ކޮމިޝަނުން ވަނީ ނިންމާފައެވެ. އަދި މި ނިންމުން އެ ކޮމިޝަނުން ވަނީ ރައްޔިތުންގެ މަޖިލީހަށް ވެސް ފޮނުވާފައެވެ. މިއީ ޖޭއެސްސީގެ ތާރީހުގައި ފަނޑިޔާރަކު މަގާމުން ވަކި ކުރަން ނިންމި ފުރަތަމަ ފަހަރެވެ.
ޖޭއެސްސީން މިއަދު ނޫސްވެރިންނަށް މައުލޫމާތު ދިނުމަށް ބޭއްވި ބައްދަލުވުމުގައި ބުނީ، ތިނަދޫ މެޖިސްޓްރޭޓް ކޯޓުގެ ފަނޑިޔާރު މަގަމުން ވަކި ކުރުމުގެ އިތުރުން ޖޭއެސްސީން، ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީ އަދި ފެމިލީ ކޯޓުގެ އިސް ގާޒީ ހަސަން ސައީދު ސަސްޕެންޑް ކޮށްފައިވާ ކަމަށެވެ.
ޖޭއެސްސީން ބުނީ، ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީ ސަސްޕެންޑް ކޮށްފައި ވަނީ މިހާރު ބަލަމުންދާ ޖިނާއީ މައްސަލައަކާއި ގުޅިގެން ފުލުހުން ތަހުގީގު ކުރަމުންދާތީ ކަމަށެވެ. އެ ކޮމިޝަނުން ބުނީ ފެމިލީ ކޯޓުގެ އިސް ގާޒީ ހަސަން ސައީދު ސަސްޕެންޑް ކުރީ، އެ ކޮމިޝަނުން ތަހުގީގު ކުރަމުންދާ މައްސަލައަކާއި ގުޅިގެން ތަހުގީގު ކުރާ ކޮމިޓީން އޭނާ ސަސްޕެންޑް ކުރަން ޖެހޭ ކަމަށް ބުނުމާއި ގުޅިގެން ކަމަށެވެ.
ޖޭއެސްސީން ބުނީ ފަނޑިޔާރު އަބްދުﷲ ދީދީއާ ގާޒީ ހަސަން ސައީދު ސަސްޕެންޑް ކުރަން ނިންމީ މިއަދު ބޭއްވި ޖޭއެސްސީގެ ޖަލްސާގައި ބަހުސް ކުރުމަށް ފަހުގައި ކަމަށެވެ. އެގޮތުން، ގާޒީ ހަސަން ސައީދު ސަސްޕެންޑް ކުރުމަށް ނިންމީ މިއަދުގެ ޖަލްސާގެ އިއްތިފާގުން ކަމަށާއި، ފަނޑިޔާރު އަބްދުﷲ ދީދީ ސަސްޕެންޑް ކުރަން ނިންމީ ޖަލްސާގެ އަޣުލަބިއްޔަތުން ކަމަށް ވެސް ޖޭއެސްސީން ބުނެއެވެ.
ތިނަދޫ މެޖިސްޓްރޭޓް ކޯޓުގެ ފަނޑިޔާރު ވަނީ 2016 ވަަނ އަހަރު، މަސްތުވާތަކެތީގެ މައްސަލައެއްގައި ހައްޔަރުކޮށްފައެވެ. ނަމަވެސް، އޭރު އޭނާ ހައްޔަރު ކުރީ ފުލުހުން ރާވައިގެން ކަމަށާއި މަސްތުވާ އެއްޗެއް އެތެރެކުރި ކަމަށް ބުނެ ކުރިން ވެސް އޭނާ ހައްޔަރުކުރި ކަމަށް ރަޝީދު ވަނީ ވިދާޅުވެފައެވެ.