ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ރާއްޖެއިން ބޭރަށް ބޭސްފަރުވާއަށް ވަޑައިގަންނަވާއިރު އޭނާގެ އަނބިކަނބަލުން މަރިޔަމް ނަޝްވާއަށް އެކުގައި ވަޑައިގެންނެވޭނެ ކަމަށް ކޮމިޝަނާ އޮފް ޕްރިޒަންސް އަބްދުﷲ މުނާޒު ވިދާޅުވެއްޖެއެވެ.
މުނާޒް ވިދާޅުވީ، ގައިދީއަކު ރާއްޖެއިން ބޭރަށް ބޭސްފަރުވާއަށް ފޮނުވާއިރު، އާއިލާގެ ފަރާތުން އެއްބޭފުޅަކު ހަވާލުވާން ޖެހޭނެ ކަމަށެވެ. އަދި އާއިލާގެ ފަރާތުން ހަވާލުވާ ބޭފުޅަކަށް ޕްރިޒަންސް އިން ޝަރުތުތަކެއް ކަނޑައަޅާނެ ކަމަށާއި، މި ޝަރުތުތަކުގެ މައްޗަށް ގައިދީއާ އެކު ދެވޭނީ އާއިލާގެ އެންމެ ބޭފުޅަކަށް ކަމަށާއި، މުޅި އާއިލާއަށް ވަޑައިނުގެންނެވޭނެ ކަމަށް މުނާޒް ވިދާޅުވިއެވެ.
މުނާޒް މިހެން ވިދާޅުވީ، އަދީބު ރާއްޖެއިން ބޭރަށް ބޭސްފަރުވާއަށް ފުރުވާލަން ނިންމުމާ ގުޅިގެން ކަމާބެހޭ އިދާރާތަކުގެ ވެރިން ރައްޔިތުންގެ މަޖިލީހުގެ ގައުމީ ސަލާމަތާއި ހާރިޖީ ގުޅުންތަކާ ބެހޭ ކޮމިޓީ އަށް ހާޒިރު ކުރުމުންނެވެ. މި ކޮމިޓީން ބާއްވާ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަންނަވާ މުއައްސަސާތަކުގެ އިސް ބޭފުޅުންގެ ތެރޭގައި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އާއި، ކޮމިޝަނާ އޮފް ޕްރިޒަންސް އަބްދުﷲ މުނާޒުގެ އިތުރުން ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު އަދި އިމިގްރޭޝަން ކޮންޓްރޯލަރު މުހައްމަދު އަހުމަދު ހުސައިން (ހަނަފީ) ހިމެނެއެވެ.
އެގޮތުން، އަދީބު ރާއްޖެއިން ބޭރަށް ބޭސްފަރުވާއަށް ފުރާވަޑައިގަތުމަށް އަންނަ ހުކުރު ދުވަހު ހަމަޖެހިފައި ވާއިރު، އަނބުރާ ވަޑައިގަންނަވާނީ މިމަހު 26 ގައި ކަމަށް ހޯމް މިނިސްޓަރު އިމްރާން ވަނީ ވިދާޅުވެފައެވެ. ނަމަވެސް، މިހާރު ކުރިއަށްދާ، މަޖިލީހުގެ ގައުމީ ސަލާމަތާއި ހާރިޖީ ގުޅުންތަކާ ބެހޭ ކޮމިޓީގެ ބައްދަލުވުމުގައި ދަނީ އަދީބު ބޭރަށް ފުރާވަޑައިގެންފި ނަމަ، އަދީބު އެނބުރި ރާއްޖެއަށް ވަޑައި ނުގަންނަވާނެކަމަށް ބުނެ ބައެއް ފަރާތްތަކުން ދައްކަވާ ވާހާކައަށް މަޝްވަރާ ކުރަމުންނެވެ.
މީގެ އިތުރުން، އަދީބުގެ ބޭސްފަރުވާގެ ކަންތަކާއި ގުޅޭގޮތުން މުނާޒު މިއަދު ކުރެއްވި ޓްވީޓެއްގައި، އަދީބުގެ ބޭސްފަރުވާގެ ހައްގު ކަށަވަރު ކޮށްދިނުމުގެ އިންތިޒާމްތައް ހަމަޖައްސާފައިވާ ގޮތާ ބެހޭގޮތުން މިވަގުތު ހާމަ ނުކުރާ ބައެއް މައުލޫމާތު އެބަހުރި ކަމަށް ވިދާޅުވެފައިވެއެވެ. އަދި ކަންކަން ހާމަ ކުރެއްވުމުން، އިތުބާރު ބޮޑުވެގެންދާނެ ކަމަށް ޔަގީން ކުރައްވާ ކަމަށް ވެސް މުނާޒު ވިދާޅުވިއެވެ.