މިދިޔަ މަހު 30 ވަނަ ދުވަހުގެ ރޭ، ސ. ހިތަދޫ އެޕޯލޯ ފިހާރަ ފަޅާލި މައްސަލައިގައި ހައްޔަރު ކުރި 3 މީހެއްގެ ބަންދަށް ހިތަދޫ މެޖިސްޓްރޭޓް ކޯޓުން 15 ދުވަސް ޖަހައިފިއެވެ.

ފުލުހުން ބުނީ ފިހާރައިގެ އޮފީސް ބަޔަށް ވަދެ އެތަނުގައި ހުރި ތިޖޫރީއެއް ފަޅާލައި އޭގެ ތެރޭގައި ހުރި 27،704 ރުފިޔާ އާއި 1،200 ޑޮލަރު ވަގަށް ނަގާފައި ވާކަމަށެވެ. އަދި މި މައްސަލައިގައި ފުލުހުން ކުރި ތަހުގީގުން، ވަގަށް ނަގާފައިވާ 1،200 ޑޮލަރާއި ވަގަށް ނަގާފައިވާ ރުފިޔާގެ ތެރެއިން 14،000 ރުފިޔާ ހޯދާފައިވާ ކަމަށެވެ.

މި މައްސަލައާ ގުޅިގެން ފުލުހުން މިހާތަނަށް ކުރި ތަހުގީގުން، ތން މީހުން ހައްޔަރު ކޮށްފައި ވާއިރު، ހިތަދޫ މެޖިސްޓްރޭޓް ކޯޓުން ވަނީ މި މީހުންގެ ބަންދަށް 15 ދުވަސް ދީފައެވެ. އެގޮތުން، ފުލުހުން ހައްޔަރު ކުރީ، 19 އަހަރުގެ މީހަކާއި 26 އަހަރުގެ މީހެއްގެ އިތުރުން، 30 އަހަރުގެ މީހެއް ކަަމަށް ފުލުހުން މައުލޫމާތުދެއެވެ.

މިދިޔަ މަހު 30 ވަނަ ދުވަހުގެ ރޭ މި ފިހާރާއިގެ ތަޅު ހަލާކުކޮށްލައިގެން ވަނދެ ވައްކަން ކުރި ކަމުގެ ރިޕޯޓް އެދުވަހު ހެނދުނު 6:22 ހާއިރު ފުލުހުންނަށް ލިބުމާއި ގުޅިގެން ފުލުހުން ހިންގި ތަހުގީގުން ފުލުހުންނަށް ވަނީ އެ ފިހާރާއިގެ ތިޖޫރި އެ ރަށުގެ ވަލުތެރެއިން ފެނިފައެވެ. ނަމަވެސް ތިޖޫރީ ފެނުނު އިރު އޭގައި އެއްވެސް ފައިސާއެއް ނެތްކަމަށް ފުލުހުން ބުނެފައިވެއެވެ.