ހިރި ނުލެވޭ ވަރަށް މާލެ ތޮއްޖެހުމުގެ ސަބަބުން މާލޭގައި ދިރިއުޅޭ ދެ ލައްކައެއްހާ މީހުންނަށް ވަނީ އެތައް ދަތިތަކަކާ ކުރިމަތިލާން ޖެހިފައެވެ. އެގޮތުން ކޮންކްރީޓް މަސައްކަތްތަކާއި ގޭހާއި ތެލުގެ މަސައްކަތް ނުވަތަ ބޮޑެތި ވޯކްޝޮޕްތަކުގެ މަސައްކަތްތަކަކީ ތޮށްޖެހިފައި މާލޭގެ އާންމު ދިރިއުޅުމަށް އުނދަގޫތަކެއް ފޯރާ ކަންކަމެވެ. މިކަންކަން ރަނގަޅު ކޮށް ދިނުމަށްޓަކައި ސިނާއީ މަސައްކަތްތައް ކުރާ ފަރާތްތަކަށް ހާއްސަކޮށް 2016 ވަނަ އަހަރު މާލޭގެ ހުޅަނގު ދެކުނު ސަރަހައްދުން 6.9 ހެކްޓަރުގެ ބޮޑު ބިމެއް ހިއްކައި "އިންޑަސްޓްރިއަލް ވިލެޖް" ގާއިމް ކުރަން ފެށުނެވެ.
މާލޭގެ ހަލަބޮލި މާހައުލަށް އިތުރު ލުޔެއް ލިބިގެންދާނެ ކަމަށް ބުނެ ކުރީ ސަރުކާރުން ފައްޓައިގެން ތަރައްގީ ކުރަމުން އައި އިންޑަސްޓްރިއަލް ވިލެޖްގެ މަސައްކަތް މިއަދާ ހަމައަށް އައިއިރު ރައްޔިތުން މިތިބީ އަންތަރީސް ވާ ހިސާބަށް ގޮސްފައެވެ. ގުދަންތަކާއި ގަރާޖްތައް ފަދަ ސިނާއީ މަސައްކަތް ކުރާ ތަންތަން އެއް ސަރަހައްދަކަށް ބަދަލުކުރުމުގެ ޕްލޭނެއްގެ ދަށުން ބިން ހިއްކައިގެން ގާއިމް ކުރި އިންޑަސްޓްރިއަލް ވިލެޖް މިހާރު ފެންނަނީ ގޮނޑެއްގެ ސިފައިގައެވެ.
އެ ސަރަހައްދަށް ވަދެލުމާއެކީ ފެންނަމުން ދަނީ އެ ސަރަހައްދުގައި ޕާކްކޮށްފައިވާ އެތައް އުޅަނދުތަކެވެ. އޭގެ އިތުރުން އެހިސާބަށް ރަނގަޅަށް ބަލާލައިފި ނަމަ އެ ސަރަހައްދަށް އަޅާފައިވާ ކުނި ބުނި އެތަނުގައި ޕާކްކޮށްފައިވާ ވެހިކަލްތަކަށް ވުރެ ގިނަކަން ފާހަގަ ވާނެއެވެ. މިފަދައިން އެ ސަރަހައްދަށް އުކާފައިވާ ކުނި ބުނިތަކުގެ ތެރޭގައި ހިމެނެނީ ގޮދަޑިތަކާއި ލަކުޑީގެ ބާވަތުގެ އެއްޗެއްސާއި އަންނައުނާއި ފެންނަން ނުޖެހޭތަކެއްޗާއި އެހެންގޮސް އެތައް އެއްޗެއް އެހިސާބުން ފެންނަ ކަން ފާހަގަކޮށްލެވެއެވެ. ދަޅާއި، ޓައްޕާއި ހަމާއި، ކަރުދާހާއި، ޕްލާސްޓިކް ފަދަ ތަކެތިވެސް އެހިސާބުން ފެންނަލެއް މަދެއް ނޫނެވެ.
މި މައްސަލައިގައި "ދަ ޕްރެސް" އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ޕްލޭނިންގް މިނިސްޓްރީގެ މީޑިއާ އޮފިޝަލް ވިދާޅުވީ، އިންޑަސްޓްރިއަލް ވިލޭޖް ތަރައްގީ ކުރުމުގެ މަސައްކަތް އެމްޓީސީސީގެ ފަރާތުން އެއްކޮށް ނިމިފައި ނުވާތީ، މުޅި ސަރަހައްދު އެކީ މިނިސްޓްރީއާ ހަވާލު ކޮށްފައި ނުވާ ކަމަށެވެ. އެހެންކަމުން އެ ސަރަހައްދު މޮނިޓާ ކުރުމުގެ މަސައްކަތް ކުރިއަށް ގެންދަނީ އެމްޓީސީސީއާއި މިނިސްޓްރީއާ ގުޅިގެން ކަމަށެވެ.
ޕްލޭނިންގް މިނިސްޓްރީން ބުނީ، އެ ސަރަހައްދަށް ކުނި ބުނީގެ ގޮތުގަޔާއި އެހެނިހެން ގޮތްގޮތުން އަޅާފައިވާ ތަކެތި ނެގުމުގެ މަސައްކަތް އެ މިނިސްޓްރީން ކުރަމުން ދާ ކަމަށެވެ. އެގޮތުން އެ ތަކެތި ނެގުމާއި، ވަގުތީ ގޮތުން އެ ސަރަހައްދު އެކި ބޭނުންތަކަށް ތަރުތީބުކުރުމުގެ މަސައްކަތް ކުރިއަށް ގެންދާ ކަމަށްވެސް އެ މިނިސްޓްރީން ބުނެއެވެ.
"ދަ ޕްރެސް" އަށް މައުލޫމާތު ދެއްވަމުން މާލެ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔާ ޝާމާއު ޝަރީފް ވިދާޅުވީ، ޕްލޭނިންގް މިނިސްޓްރީން އިންޑަސްޓްރިއަލް ވިލެޖް ސާފުކުރުމުގެ މަސައްކަތް ރޯދަމަހުން ފެށިގެން ކުރިއަށްގެންދާ ކަމަށެވެ. އެތަނުގައި ހުރި ބައެއް ދަގަނޑުތަކާއި ސާމާނުތައް ނެގުމަށް މިދިޔަ ބުރާސްފަތި ދުވަހުވެސް ސިޓީ ކައުންސިލުގައި މަޝްވަރާތަކެއް ކުރެވުނުކަމަށް ޝަމާއު ވިދާޅުވިއެވެ. އެތަން ސާފުކުރުމަށްފަހު ޕްލޭންކޮށްފައި އޮތްގޮތަށް އެތަން ތަރައްގީ ކުރުމުގެ މަސައްކަތް ކުރިއަށް އޮތް ދެމަހެއްހާ ހިސާބުގައި ނިމޭނެ ކަމަށާއި އޭރުން ދެން އެތަން އޮންނާނީ ސާފުކޮށް ކަަމަށް އޭނާ ވިދާޅުވިއެވެ.
ކުނީގެ އިތުރުން އެތަނުގައި ޕާކްކޮށްފައިވާ ވެހިކަލްތަކަށް ބާލާލާއިރު އެތައް ޓެކްސީއެއް އެ ސަރަހައްދުގައި ޕާކްކޮށްފައިވާ ކަން ފާހަގަކޮށްލެވެއެވެ. "ދަ ޕްރެސް" އަށް މައުލޫމާތު ދެމުން ފުލުހުން ބުނީ، އިންޑަސްޓްރިއަލް ވިލެޖު ސަރަހައްދުގައި ގަވާއިދާ ހިލާފަށް ޕާކް ކޮށްފައި ހުންނަ ވެހިކަލްތައް ވަކި ހާއްސަ އިވެންޓަކާ ގުޅިގެން މެނުވީ ފިޔަވަޅު ނާޅާ ކަމަށާއި އެ ފަދަ އިވެންޓަކަށް އެތަން ހުސްކުރާނަމަ އުޅަނދުތައް ޓޯކޮށް އެކަމަށް ހާއްސަ ފިޔަވަޅު އަލާ ކަމަށެވެ. އެފަދައިން ކަން ކުރާ ސަބަބްެއް ކަމަށް ފުލުހުން ބުނީ އެއީ އެތަނުގައި އުޅަނދު ޕާކް ކުރުމުގެ ސަބަބުން އާންމުކޮށް މާލޭގެ ޓްރެފިކަށް ބާރު ބޮޑު ނުވާތީ ކަމަށެވެ.
އެ ސަރަހައްދަކީ ރަސްމީކޮށް ހަތަރު ފުރޮޅުލީ އުޅަނދު ޕާކްކުރުމަށް ހުއްދަ ދީފައިވާ ސަރަހައްދެއް ނޫން ކަމަށް ވެސް ފުލުހުން ބުނެއެވެ. މީގެ އިތުރުން މިހާރު ސަރުކާރުގެ ވުޒާރާތަކާ ގުޅުގެން އެ ސަރަހައްދު ހުސް ކުރުމުގެ މަސައްކަތް ކުރުމަށް ރާވަމުން ދާ ކަމަށާއި އަދި އެ މަސައްކަތް ފެއްޓޭނެ ވަކި ތާރީހެއް ނޭނގޭ ކަމަށްވެސް ފުލުހުން މައުލޫމާތު ދެއެވެ.
އިންޑަސްޓްރިއަލް ވިލޭޖްގައި ޕާކްކޮށްފައިވާ ދުއްވާ އެއްޗިއްސާ ގުޅޭ ގޮތުން ޝަމާއު ވިދާޅުވީ، ޕާކް ކުރެވޭނެ ތަންތަން ވަކިން އެނގޭނެހެން ޒޯންތައް ކުރާހާފައި ފާހަގަވާން ހުންނާނެ ކަމަށެވެ. އިންޑަސްޓްރިއަލް ވިލެޖަކީ އަދި ނުނިމި އޮތް ތަނަކަށްވެފައި އެތަނުގައި އެފަދަ އުޅަނދުތައް ޕާކްކޮށް ހެދުމަކީ މުޅިން މަނާ ކަމެއް ކަމަށެވެ. މީގެ އިތުރުން ޝާމާއު ވިދާޅުވީ ހަތަރު ފުރޮޅުލީ އުޅަނދުތައް ރަޖިސްޓާ ކުރެވޭނީ ގަރާޖެއްގައި ޖައްސައިގެން ކަމަށާއި އަދި އެފަދަ ވެހިކަލްތައް ޕާކް ކުރެވިފައި ހުންނަން ވާނީ އެ ގަރާޖުތަކުގައި ކަމަށް އޭނާ ވިދާޅުވިއެވެ.
އުޅަނދު ދުއްވާ ފަރާތްތަކަށް ޕާކް ނުކުރެވޭ ކަހަލަ ސަރަހައްދުތަކުގައި ޕާކް ކުރަނީ އެކަން އެނގިހުރެ ކަމަށް ވިދާޅުވަމުން ޝަމާއު ވިދާޅުވީ އާންމުންނަށް ވާނެ އުނދަގުލާ މެދު އެމީހުން ނުވިސްނާ ކަމަށެވެ. ކަންތައްތައް ނުބެލެހެއްޓި ބޮއްސުން ލާފައި އޮތުމުގެ ސަބަބުން ހަމަ ކިރިޔާ ތަންކޮޅެއް ފެންނަ އިރަށް ގޮސް އެތަނެއްގައި އުޅަނދު ޕާކް ކުރާ ކަމަށާއި އެއީ އެގޮތަށް އެކަން ނުކުރެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން އެ ސަރަހައްދު އަލުން ރީޕްލޭން ކުރުމަށް ހަމަޖެހިފައި ވަނީ މިހާރު މާލެއަށް ދިމާވެފައިވާ އެންމެ މުހިއްމު އާބަން މައްސަލަތަކަށް ރިއާޔަތްކޮށް މާލޭގައި ދިރިއުޅޭ އާންމު ރައްޔިތުންނާ ގުޅުން ހުރި އިޖްތިމާއީ ހަރަކާތްތަކަށް މަގުފަހިވާ ގޮތަށް ކަމަށް ޕްލޭނިންގް މިނިސްޓްރީން ބުނެއެވެ.
މި ސަރަހައްދަށް ވަދެ ނުކުމެ ހަދާ ފަރާތްތަކަށް މިހާރުވެސް މިތަނަށް އެތައް އަދަދެއްގެ ކުނި ބުނި އަޅާފައިވާ ކަަން ފާހަގަކުރެވޭނެއެވެ. ކުންޏަކީ މީހެއްގެ އެހީއަކާ ނުލާ އެތަނަށް ދާނެ އެއްޗެއް ނޫނެވެ. މި ކަން މިގޮތަށް ބަޔަކު ކުރަމުން ދާ އިރު މިތަނަށް މިފަދައިން ކުނި އަޅާ ބަޔަކު ހޯދަން މަސައްކަތް ނުކުރަނީ ކީއްވެގެންތޯ އެއީވެސް އުފެދޭ ވަރަށް ބޮޑު ސުވާލެކެވެ.
އިންޑަސްޓްރިއަލް ވިލެޖުގައި ހުރި މިފަދަ ކުނިތައް ނަގާ ސާފު ކުރުމަށް މަދު ޒުވާނުން ކޮޅެއް ކޮށްފައިވާ މަސައްކަތަށް ގިނަ ބައެއް ތައުރީފް ސޯޝަލް މީޑިއާގައި ދިޔައީ އޮއްސަމުންނެވެ. ނަމަވެސް މިފަދައިން ހުންނަ ތަންތަނަށް އަޅާ ކުނިތައް ސާފު ކުރުމަކީ އަމިއްލަ ފަރުދީ ޒިންމާއެއްގެ ގޮތުގައި ދެކިގެން އުޅޭ މީހުން މަދެވެ.
ޓްވިޓާގައި ޝާއިއުކޮށްފައިވާ ޕޯސްޓްގައި އެ ޒުވާނާ ބުނެފައި ވަނީ އޭނާގެ މަދު ރަހްމަތްރިންތަކެއް ވެގެން ކުނި ނެގުމަށް ކުރި ޗެލެންޖުގައި 15 ގޯނި ފުރާ ކުނި އިންޑަސްޓްރިއަލް ވިލޭޖްގެ ކުޑަ ސަރަހައްދަކުން ނަގާފައިވާ ކަމަށެވެ. އެ ސަރަހައްދުން ގާތްގަނަޑަކަށް އެ ދުވަހު އެ ޒުވާނުން ނަގާފައި ވަނީ ބައި ޓަނުގެ ކުނި ކަމަށް އޭނާ ބުނެފައި ވެއެވެ. މަގުތަަކަށް ކުނި އެޅުމުގެ މި ފަދަ ކަންކަން ހުއްޓުމަކަށް ގެނައުމުގެ ވިސްނުން ގެންގުޅޭ މިޒުވާނާ ބުނެފައި ވަނީ ކުނި އެޅެމުގެ ކުރިން ދެވަނަ ފަހަަރަކަށް ވިސްނާލުމަށެވެ.
ރަނގަޅު ވެއްޓެއް ބިނާކުރުމަށް ކަނޑައަޅައިގެން މުޅި މާލެތެރެ ސާފުކޮށް ބެލެހެއްޓުމުގެ ބޭނުމުގައި މި ސަރުކާރުން، މިއަހަރު ފެށުނު އިރު ވަނީ މުޅި މާލެތެރެ ސާފުކުރަން ނުކުމެ އެތައް ދިވެހި ރައްޔިތުންނެއް ވެގެން މާލޭގެ މިފަދަ ސަރަހައްދުތައް ސާފު ކޮށްފައެވެ. ނަމަވެސް ދުވަސްކޮޅެއް ވެސް ނުވެ މާލޭގެ އިންޑަސްޓްރިއަލް ވިލެޖް ސަރަހައްދަށް ކުނި ގިނަވެ އެ ސަރަހައްދަކީ "މާލޭ މުނިސިޕަލްޓީ ގޮނޑެކޭ" ތަފާތެއް ނެތް ވަރަށް އެ ސަރަހައްދު ވަނީ މުޑުދާރު ކޮށްފައެވެ.