"ވޯލްޑް ޓްރޭޑް އޯގަނައިޒޭޝަންގެ ޓްރޭޑް ފެސިލިޓޭޝަން" އެއްބަސްވުމުގައި ރާއްޖެއިން ސޮއި ކުރުމާ ގުޅޭގޮތުން ވަޒީރުންގެ މަޖިލީހުގެ ލަފާގެ މަތިން ރައްޔިތުންގެ މަޖިލީހުގެ ލަފާއަށް ހުށަހެޅުއްވުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ނިންމަވައިފިއެވެ.

މި އެއްބަސްވުމުގައި ސޮއި ކުރެއްވުމަށް ވަޒީރުންގެ މަޖިލީހުގެ ލަފާގެ މަތިން މަޖިލީހުގެ ލަފާއަށް ހުށަހެޅުއްވުމަށް ރައީސް ސޯލިހް ނިންމެވީ މިއަދު އޮތް ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި އެކަމާ ބެހޭގޮތުން މަޝްވަރާ ކުރެއްވުމަށް ފަހުގައެވެ. ޓްރޭޑް ފެސިލިޓޭޝަން އެއްބަސްވުމަކީ، ގައުމެއްގައި ވިޔަފާރި ކުރުމުގައި ވިޔަފާރިވެރިންނަށް ވީހާވެސް ހާމަކަން ބޮޑު ގޮތެއްގައި ގާނޫނުތަކާއި ގަވާއިދުތަކާއި ޕްރޮސީޖާތައް ބަޔާންކުރުމަށް އަދި އެގޮތަށް މެންބަރު ގައުމުތަކުން އަމަލު ކުރުމަށް މަގުފަހި ކުރުމަށް އެކުލަވާލެވިފައިވާ އެއްބަސްވުމެކެވެ.

މި އެއްބަސްވުމުގެ އެންމެ ބޮޑު އެއް މަގްސަދަކީ، މުދާ ކްލިއާ ކުރުމާއި، ރިލީސް ކުރުމާއި، މުދާ ޓްރާންސިޓް ކުރަންޖެހޭ ހާލަތްތަކުގައި، ލުއިފަސޭހަ ގޮތްތަކެއް ހޯދައިދިނުމެވެ. އަދި ގައުމުތަކުގެ ކަސްޓަމްސްއާ އެހެނިހެން މުއައްސަސާތަކާ ގުޅިގެން، ޓްރޭޑް ފެސިލިޓޭޓްކުރުމަށް މަސައްކަތް ކުރުމާއި، އިމްޕޯޓް އެކްސްޕޯޓް މަރުޙަލާގައި ބޯޑަރުގައި ދިމާވާ ހުރަސްތައް ނައްތާލުމަށްޓަކައި ކަސްޓަމްސް ކޮމްޕްލަޔަންސް ހަރުދަނާ ކުރުމެވެ. މި މަގްސަދުތައް ހާސިލް ކުރުމަށް ކުރަންޖެހޭ ކަންތައްތައް ކުރުމުން، ވިޔަފާރީގެ މުއާމަލާތްތަކުގެ ނުވަތަ ޓްރާންސްސެކްޝަންތަކުގެ ހަރަދުތަކާއި އާންމުން ހިދުމަތް ހޯދުމަށް ހޭދަވާ ވަގުތު ނިސްބަތުން ކުޑަކުރެވި، ވިޔަފާރި ކުރުމުގައި ފަހި މާހައުލެއް ގާއިމު ކުރެވޭނެ ކަމަށް ބެލެވެއެވެ.

މި އެއްބަސްވުމުގެ ދަށުން، މުދާ ކްލިއާ ކުރުން އަވަސްވުމާއި، ބޯޑާ އެޖެންސީތަކުގެ ގުޅުން ބަދަހި ވުމާއި، ވިޔަފާރިވެރިންނަށް މިކަމުން ލިބިގެންދާ ލުއިފަސޭހަތަކާއި ވިޔަފާރި ކުރުމުގެ ހަރަދުތައް ކުޑަވުމުގެ ނަތީޖާއަކަށް ވެގެންދާނީ، އެ ގައުމަކުން އަގުހެޔޮކޮށް މުދާ ގަންނަން ލިބުމެވެ. އަދި އެ ގައުމަކުން މުދާ އެކްސްޕޯޓް ކުރުން ފަސޭހަވެގެން ދިޔުމާއި، އެކްސްޕޯޓް ކުރެވޭ މުދާ އިތުރުވެ އެ ގައުމުގެ އުފެއްދުންތެރިކަމަށް ހެޔޮ ބަދަލުތަކެއް އައުން ވެސް ހިމެނެއެވެ

ވޯލްޑް ޓްރޭޑް އޯގަނައިޒޭޝަންގެ ޓްރޭޑް ފެސިލިޓޭޝަން އެއްބަސްވުމުގައި ރާއްޖެއިން ސޮއިކުރުމަށް ރައީސް ސޯލިހް ނިންމެވުމާ ގުޅިގެން، ގާނޫނުއަސާސީގައިވާ ގޮތުގެ މަތިން މި އެއްބަސްވުމުގައި ބައިވެރިވުމަށްޓަކައި ފުރިހަމަ ކުރަންޖެހޭ ގާނޫނީ އިޖްރާއަތްތައް ފުރިހަމަކުރުމުގެ މަސައްކަތް ރައީސް އޮފީހުން ކުރިޔަށް ގެންދާނެ ކަމަށް އެ އޮފީހުން ބުނެއެވެ.