ރަހުމެއް ނެތި 5 ދަރިން މަރާލި ބައްޕައަށް މައާފު ދިނުމަށް އެ ކުދިންގެ މަންމަ ކޯޓުގައި އެދިއްޖެއެވެ.

ސައުތު ކެރޮލައިނާގެ ކޯޓެއްގައި ވާހަކަ ދައްކަމުން އެމްބާ ކައިޒާ ބުނީ، ދައުވާ ރައްދުވާ ޓިމް ޖޯންސް ޖޫނިއާ، 37، އަކީ އެއްވެސް ރަހުމެއް ހުރި މީހެއް ނޫންކަމަށާއި، ނަމަވެސް އެއީ އޭނާގެ ދަރިން އިންތިހާއަށް ލޯބިވި 'ބައްޕަ' ކަމަށެވެ.

2014 ވަނަ އަހަރުގެ އޯގަސްޓް މަހުގެ 28 ވަނަ ދުވަހު، އަމިއްލަ ގޭގައި، އުމުރުން އެންމެ 1 އަހަރާއި 8 އަހަރާ ދެމެދުގެ 5 ދަރިން މަރާލި މައްސަލާގައި ޓިމް ޖޯންސް ޖޫނިއާގެ މައްޗަށް ދައުވާ އުފުލީ މޭ މަހުއެވެ.

އެމެރިކާގެ ޝަރުއީ ނިޒާމު ހަމަޖެހިފައިވާ ގޮތުން މައްސަލައިގެ އަސްލަށް ބަލާ، ޓިމް ޖޯންސް ޖޫނިއާގެ މައްޗަށް އިއްވާ ތަންފީޒު ކުރާނީ މަރުގެ ހުކުމް ތޯ ނުވަތަ އުމުރު ދުވަހުގެ ޖަލު ހުކުމް ތޯ ކަނޑައެޅުމުގައި އިސް ދައުރެއް އަދާކުރާނީ ޖޫރީއިންނެވެ.

"އެ ދަރިން ތަހައްމަލު ކުރި ވޭން އަހަރެން އަޑުއެހިން. މައެއްގެ ހައިސިއްޔަތުން، ވެގެން ވިއްޔާ އޭނާގެ މޫނު އިރާ ކުދިވެސް ކޮށްލާނަން. އެއީ އަހަރެންގެ މައިވަންކަން ލޯބި މަޖުބޫރުކުރާ ގޮތް... އެކަމަކު އަހަރެން މިހާރު މި ވާހަކަ ދައްކަނީ ދަރިންގެ ފަރާތުން. އެ ދަރިން އެ ބައްޕަ ދެކެ އިންތިހާއަށް ލޯބިވި"
އެމްބާ

5 ދަރިން މަރާލިއިރު އެމްބާ އިނީ ވަރިކޮށްފައެވެ. ދަރިންނާ އެމްބާ ބައްދަލުކުރަނީ ހަމައެކަނި ހަފުތާއެއްގެ ހޮނިހިރު ދުވަހު، ރެސްޓޯރަންޓަކުންނެވެ.

ޓިމް ޖޯންސް ޖޫނިއާ އޭނާގެ ފަސް ދަރިން މަރާލާފައި ވަނީ، އުމުރުން 6 އަހަރުގެ ދަރިފުޅު ކަރަންޓް ސޮކެޓަކާ ކުޅެން އިންތަން ފެނުނު ހިސާބުންނެވެ. އެ ވަގުތުން ވަގުތަށް އެ ދަރިފުޅު މަރާލުމަށްފަހު، އުމުރުން 1 އަހަރާ، 2 އަހަރާ، 7 އަހަރާ، 8 އަހަރުގެ (4) ދަރިން މަރާލީއެވެ. އަދި ޕްލާސްޓިކް ޝީޓުތަކެއްގައި ހަށިގަނޑުތައް ބަންދުކުރުމަށްފަހު އޭނާ ދުއްވާ އުޅަނދަކަށް އަރުވައިގެން 9 ދުވަސްވަންދެން އެކި ހިސާބުތަކުގައި ދުއްވުމަށްފަހު އެލަބޭމާއަށް ހަށިގަނޑުތައް އެއްލާލިއެވެ.

ޓިމް ޖޯންސް ޖޫނިއާ ހައްޔަރުކޮށްފައި ވަނީ މިސިސިޕީއިންނެވެ. އެއީ އޭނާގެ އުޅަނދުން މިނިކުނިވަސް ދުވާތީ ފުލުހަކު އޭނާ ހުއްޓުވި ހިސާބުންނެވެ.

އޭނާއަކީ ނަފުސާނީ މައްސަލައެއް ހުންނަ މީހެއް ކަމަށް ބުނެ، ޓިމް ޖޯންސް ޖޫނިއާ ވަނީ މި ދައުވާތަކަށް އިންކާރުކޮށްފައެވެ. ޓިމް ޖޯންސް ޖޫނިއާގެ ވަކީލުންގެ ޓީމުން ބުނާ ގޮތުގައި އޭނާއަކީ ނުރައްކާތެރި ނަފުސާނީ ބައްޔެއް ކަމަށްވާ ސިޒޯފްރޭނިއާގެ ތަކުލީފުތައް އުފުލަމުންދާ މީހެކެވެ. މިކަމުގެ ތަކުލީފުތައް އޭނާގެ މަންމަވެސް އުފުލިކަމަށްވެއެވެ.

ޓިމް ޖޯންސް ޖޫނިއާއަށް ސިޒޯފްރޭނިއާގެ އުނދަގޫތައް ބޮޑުވާން ފެށީ، އެމީހުންގެ އަވަށްޓެރިއެއްގެ ގޮތުގައި ދިރިއުޅެމުންދިޔަ ފުރާވަރު އުމުރުގެ ކުއްޖެއްގެ ގާތަށް އޭނާގެ އަންހެން "ވަންނަން" ފެށުމުން ކަމަށްވެސް ޓީމް ޖޯންސް ޖޫނިއާގެ ދިފާއަށް މަސައްކަތްކުރާ ޓީމުން ވަނީ ވަކާލާތުކޮށްފައެވެ.