ފަލަސްތީނުގެ ސަރުކާރު ހިއްސާ ނުވާ އަމިއްލަ ޖަމިއްޔާ (އެން.ޖީ.އޯ)އަކަށް އދ ގަބޫލުކުރާ ކޮންސަލްޓަންޓް ސްޓޭޓަސް ދިނުމާ ދެކޮޅަށް، އދގެ އިގުތިސޯދާ ބެހޭ ކައުންސިލް (އިކޯސޮކް)އަށް އިސްރާއީލުން ހުށަހަޅާފައިވާ ހުށަހެޅުމަށް އިންޑިއާއިން ތާއީދު ކޮށްފިއެވެ.

ފަލަސްތީނުގެ އެން.ޖީ.އޯއެއް ކަމަށްވާ 'ޕަލަސްތީނިއަން އެސޯސިއޭޝަން ފޯ ހިއުމަން ރައިޓްސް – ވިޓްނަސް'ގެ މައްސަލަ، އދގެ އެން.ޖީ.އޯތަކާ ބެހޭ ކޮމިޓީއަށް އިސްރާއީލުން ހުށަހެޅީ، ގައްޒާ ކޮންޓްރޯލް ކުރަމުންދާ ހަމާސް ޖަމާއަތާ އެ ޖަމާއަތާ އޮންނަ ގުޅުންތައް ސިއްރުކޮށްފައި އޮތް ކަމަށް ބުނެއެވެ.

ކޮންސަލްޓަންޓް ސްޓޭޓަސް ހޯދުމަށް 'ޕަލަސްތީނިއަން އެސޯސިއޭޝަން ފޯ ހިއުމަން ރައިޓްސް – ވިޓްނަސް'އިން އެދުނު އެދުން ބަލައިގަނެވެން ނެތްކަމަށް އދއިން ނިންމީ މުހިންމު މައުލޫމާތުތަކެއް ފޯރުކޮށްދީފައި ނުވާކަމަށް ބުނެއެވެ.

މިމައްސަލާގައި އިސްރާއީލުން ހުށަހެޅި ހުށަހެޅުމާއި އެއްކޮޅަށް 28 ގައުމަކުން ވޯޓު ދިންއިރު އޭގެ ތެރޭގައި އިންޑިއާގެ އިތުރުން ދެން ހިމެނެނީ ފިލިޕީންސް، އިނގިރޭސިވިލާތް، އެމެރިކާ، ނޯވޭ، އަދި ޖަރުމަނުވިލާތް ފަދަ ގައުމުތަކެވެ. މި ހުށަހެޅުމާ ދެކޮޅަށް 15 ފަރާތަކުން ވޯޓު ދީފައިވާއިރު އޭގެ ތެރޭގައި ޗައިނާ، ޕާކިސްތާނު، މިސްރު، އީރާނު އަދި ތުރުކީވިލާތް ފަދަ ގައުމުތައް ހިމެނެއެވެ.

މި ބައްދަލުވުމުގައި އިސްރާއީލާ އެއްކޮޅަށް އިންޑިއާއިން ނިންމި އާދަޔާ ހިލާފު ނިންމުން އިސްރާއީލުން ވަނީ ފާހަގަކޮށްފައެވެ.