ސައުދީ އަރަބިއްޔާގެ އަބްހާ ވައިގެ ބަނދަރަށް ހޫތީން ހަމަލާ ދީފިއެވެ.

ޔަމަނުގައި ހަރަކާތްތެރިވަމުންދާ ހޫތީ ހަނގުރާމަވެރިންގެ އަލްމަސީރާ ޓީވީއާ ހަވާލާދީ ބައިނަލްއަގުވާމީ ޚަބަރުތައް ބުނާ ގޮތުގައި އަބްހާ ވައިގެބަނދަރަށް ހަމަލާ ދީފައިވަނީ ކުރޫޒް މިސައިލް ބޭނުން ކޮށްގެންނެވެ.

މި ހަމަލާއާއި ބެހޭ އެއްވެސް ތަފްސީލެއް ސައުދީގެ ކަމާބެހޭ ފަރާތަކުން އަދި ހާމަކޮށްފައި ނުވާއިރު، މީގެ 1 ދުވަސް ކުރިންވެސް ހޫތީން ފޮނުވާލި 2 ޑްރޯންއެއް ކޮންޓްރޯލްކޮށް ނައްތާލާފައި ވާކަމަށް ސައުދީއިން ވަނީ ބުނެފައެވެ.

ސައުދީއަށް އަމާޒުކޮށް ހޫތީ ހަނގުރާމަވެރިން ހަމަލާ ދީފައި މިވަނީ ޔަމަނުގެ ދާހިލީ ހަނގުރާމާގައި ހޫތީން ބަލިކުރުމުގެ ނަމުގައި ސައުދީއާއި އެކުވެރި އަރަބި އިމާރާތް އެކުވެގެން ހަދާފައިވާ އަސްކަރީ ކޯލިޝަނުން ޔަމަނުގެ ހައްޖާ ޕްރޮވިންސްގައި ދެމުންދާ ހަމަލާތައް އިންތިހާއަށް ވަރުގަދަ ކޮށްފައިވާ ދަނޑިވަޅެއްގައެވެ.

ޔަމަނު ހަނގުރާމައިގެ ތެރެއަށް ސައުދީއިން ވަން ފަހުން މިހާތަނަށް އެތައް ހާސް ބައެއްގެ ފުރާނަ ގެއްލިފައި ވާއިރު، އެތައް މިލިއަން ބަޔަކު ވަނީ އިންތިހާއަށް ގޮސްފައިވާ ފަގީރުކަމާ ބަނޑުހައިހޫނުކަމުގެ ތުންފަތް މައްޗަށް ވެއްޓިފައެވެ.