ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ކުރެއްވި ވައްކަންތަކުގެ ވާހަކަ ދައްކާނަމަ، މުޅި ޕެކޭޖް އެއްކޮށް ބަލަން ޖެހޭނެ ކަމަށާއި، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވާހަކަ ވެސް ދެކެވެން ޖެހޭނެ ކަމަށް ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ވިދާޅުވެއްޖެއެވެ.

އަދީބު ބޭސްފަރުވާއަށް ފުރާ މައްސަލައާއި ގުޅިގެން މަޖިލީހަށް ހުށަހެޅުނު ކުއްލި މައްސަލައިގައި ބަހުސް ކުރައްވަމުން ޖާބިރު ވިދާޅުވީ މި މައްސަލައަކީ ވަރަށް ސީރިއަސް މައްސަލައެއް ކަމަށާއި، މިރާއްޖޭގެ ކަންކަން ދަނީ ގޯހުން ގޯހަށް ކަމަށެވެ. އަދި އަދީބަކީ އެެކެއް ކަމަށާއި، ދެންތިބި މީހުން ކޮބައިތޯ ޖާބިރު ވަނީ ސުވާލު އުފައްދަވާފައެވެ.

އޭނާ ވިދާޅުވީ އެ ކަންކަމުގައި ހިމެނޭ ހުރިހާ އެންމެން މަޖިލީހަށް ގެންނަން ޖެހޭ ކަމަށާއި މަޖިލީހުގެ ކޮމިޓީތަކުން ކަންކަން ބަލަން ޖެހޭ ކަމަށެވެ. ޖާބިރު ވަނީ އަދީބުގެ މައްސަލައިގައި ކޮމިޝަނާ އޮފް ޕްރިޒަންސް މަޖިލީހަށް ހާޒިރުކުރުމުގެ ބަދަލުގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ހާޒިރުކުރަން ފެންނަ ކަމަށް ވިދާޅުވެފައެވެ.

"ރައީސްގެ ހުއްދައެއް ނެތި އެވަރުގެ ކަމެއް ނުވާނެ، ރައީސްގެ ދަށުން ޕޮލިސް އަދި އެމްއެންޑީއެފް އޮންނާނެ. އެންމެހާ ބާރުތައް އޮންނާނެ. އެހެންވީމާ މިއަދު އަޅުގަނޑުމެންގެ އަތްދަށުން ކަމެއް ކައްސާލައިގެން ގޮސްފިއްޔާ އެކަމުގެ ނަތީޖާ ގޯސްވާނެ. ކަންކަން ރަނގަޅަށް ބަލާފައި އެކަންކަން ބެލެންވީ،"
ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު

ޖާބިރު ވިދާޅުވީ ރާއްޖޭގައި ހިނގައިދިޔަ ބޮޑެތި ވައްކަންތަކާއި، ބޮޑެތި ކަންތައްތަކުގައި ރާއްޖޭގެ ހަތަރު ފަސް ވިޔަފާރިވެރިއަކު ބައިވެރިވެގެން އަދީބު ލައްވާ ވައްކަން ކުރުވި ކަމަށާއި، އެއިރު ރައީސަކަށް ހުންނެވި އަބްދުﷲ ޔާމީން އަދީބު ލައްވާ ދެން ހުރި ކަމެއް ކުރެއްވި ކަމަށެވެ. އަދި އެމަނިކުފާނު މިހާރު ހުންނެވީ ގޭގައި ތާސްކުޅުއްވަން ކަމަށާއި، އަދީބު އެ އުޅުއްވަނީ ފުރުއްވަން ކަމަށް ޖާބިރު ވިދާޅުވިއެވެ.

"ދެން ކިހިނެއްތޯ ވާނި. ޕެކޭޖް އެއްކޮށް ބަލާލިމަ ނޫންތީ ކަމެއް އަންޑަސްޓޭންޑް ވާނީ. އެންމެން އެކަށްޗެއް ކިޔައިގެން ވައްކަން ކޮށްފައި އަންބާ ކިޔާފައި ބޮޑެތި ބިލްޑިން ތަކެއް މި އަޅަނީ. މިކަމާ މެދުވެސް ވާހަކަ ދައްކަން ޖެހޭ. ރައީސް ޔާމިނަށް ކިހިނެއްތީ އެހެން ހުރެވެންވީ. ރައީސް ޔާމީނަކީ މީހާ ފުލައިޓްގައި އިންދާ ޕާސްޕޯޓް ކެންސަލް ކުރާ މީހެއް. ނުކުރާކަ ވައްކަމެއް އޮތީކީ ނޫން. އޭނާ ހުންނަވަނީ ބޮޑު ބިލްޑިންއެއް އަޅުއްވައިގެން އެތާގައި،"
ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު

ޖާބިރު ވިދާޅުވީ އަދީބުގެ ވާހަކަ ދައްކަވާނަމަ ވާހަކަ ދައްކަން ޖެހޭނީ ދެބައި އެއްކޮށް ކަމަށާއި، ސިސްޓަމް ވަރަށް ސާފުވާން ޖެހޭނެ ކަމަށެވެ. އޭނާ ވިދާޅުވީ ސިސްޓަމް ރަނގަޅު ނުކޮށް މިކަމެއް ނުވާނެ ކަމަށެވެ.

އަދީބު ބޭސްފަރުވާއަށް ބޭރަށް ވަޑައިގަންނަވާ މައްސަލައަށް އިޝާރާތް ކުރައްވާ ޖާބިރު ވިދާޅުވީ މިހާތަނަށް ގައިދީއަކު ބަލިވެއްޖެއްޔާ އޭނާ ވަނީ ފުރައިގެން ގޮސްފައި ކަމަށެވެ. ގިނަ ގައިދީންތަކެއް މިހާރުވެސް ފުރައިގެން ގޮސްފައިވާ އިރު، އަނބުރާ ނާންނާނެ ކަމުގެ ވިސްނުމެއް އޮތީކަމުގައި ވާނަމަ އެކަން ކޮށްގެން ނުވާނެ ކަމަށް ޖާބިރު ވިދާޅުވިއެވެ. އޭނާ ވިދާޅުވީ މަޖިލީހުގައި ވަރަށް ފުޅާދާއިރާއެއްގައި މިކަމާ ގުޅޭގޮތުން ބަހުސް ކުރަން ޖެހޭ ކަމަށެވެ. އަދި ވަކި މީގެއްގެ ޒާތަށް އެމީހަކު ކުށްވެރި ނުވާހާ ހިނދަކު، "އަންޓިލް ޕްރޫވަން ގިލްޓީ" އެމީހަކު ކުށްވެރި ނުވާނެ ކަމަށާއި، އެހެންނަމަވެސް ބައިވަރު ތުހުމަތުތައް ހުއްޓާ އެކަން އެގޮތަށް ދޫކޮށްލައިގެން ނުވާނެ ކަމަށް ޖާބިރު ވިދާޅުވިއެވެ.

ޖާބިރު ވިދާޅުވީ ރާއްޖޭގައި މަރުތަކެއް ހިނގައިފި ކަމަށާއި، ނޫސްވެރިޔާ އަހުމަދު ރިޟްވާން މަރުވީކަމެއް އަދާ ހަމައަށް އެނގެން ނެތް ކަމަށެވެ. އަދި އެކަމުގައި ޝާމިލްވާ ހުރިހާ އެންމެން އަދި އުނގޫފާރު ދާއިރާގެ ކުރީގެ މެންބަރު ޑރ. އަފްރާޝީމް އަލީ އަވަހާރަ ކޮށްލުމުގައި ބައިވެރިވިވާ މީހަކު ސަލާމަތުން ދިޔަދީގެން ނުވާނެ ކަމަށް އޭނާ ވިދާޅުވިއެވެ. ޖާބިރު ވިދާޅުވީ މިރާއްޖޭގައި ކަންކަން ރަނގަޅު ކުރުމަށްޓަކައި ރައްޔިތުން އޮތީ 19 ވަނަ މަޖިލިސް ބޮޑުތަނުން ހޮވާފައި ކަމަށާއި، މި މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަންޖެހޭ ކަމަށެވެ.