ޕީޕީއެމްގެ ޕާލިމެންޓަރީ ގްރޫޕްގެ (ޕީޖީ) ލީޑަރަކަށް އޭދަފުށީ ދާއިރާގެ މެންބަރު އަހްމަދު ސަލީމް ހަމަޖައްސައިފިއެވެ.

ޕީޕީއެމްގެ ފަރާތުން ނައިފަރު ދާއިރާގެ މެންބަރު، އަހްމަދު ޝިޔާމް ވިދާޅުވީ، ސަލީމް ޕީޖީ ލީޑަރަކަށް ހޮވިވަޑައިގެންނެވީ، ޕީޕީއެމް މަޖިލިސް މެންބަރުންގެ އިއްތިފާގުން ކަމަށެވެ.

19 ވަނަ ރައްޔިތުންގެ މަޖިލީހުގައި ތިއްބަވަނީ، ޕީޕީއެމްގެ ފަސް މެންބަރުންނެވެ. މި ފަސް މެންބަރުންގެ ތެރޭގައި، ތ.ގުރައިދޫ ދާއިރާގެ މެންބަރު މުހައްމަދު ގައްސާން މައުމޫން، މަހިބަދޫ ދާއިރާގެ މެންބަރު އަހްމަދު ތޯރިގް، ގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ރިޒާގެ އިތުރުން ނައިފަރު ދާއިރާގެ މެންބަރު އަހްމަދު ޝިޔާމް އަދި އޭދަފުށީ ދާއިރާގެ މެންބަރު އަހްމަދު ސަލީމް ހިމެނެއެވެ.

18 ވަނަ މަޖިލީހުގައި ޕީޕީއެމްގެ ޕީޖީ ލީޑަރު ކުރީގެ ވިލިމާލެ ދާއިރާގެ މެންބަރު އަހްމަދު ނިހާން ވަނީ އެ ނަގާމުން އިސްތިއުފާ ދެއްވި ފަހުން ޕީޕީއެމްގެ ޕީޖީ ލީޑަރަކުހޮވި މިއީ ފުރަތަމަ ފަހަރެވެ. ނިހާން އިސްތިއުފާ ދެއްވީ، ނިމިދިޔަ އިންތިހާބުތަކުގައި ޕީޕީއެމް އަށް ލިބުނު ބޮޑު ނާކާމިޔާބީގެ ޒިންމާ ލީޑާޝިޕުން އުފުލަން ޖެހޭ ކަމަށް ވިދާޅުވަމުންނެވެ.