މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވާމަންޓްގެ ފަރާތުން މުޖުތަމައު ބާރުވެރިކުރުމުގެ ގޮތުން ހިންގަން ރާވާފައިވާ ކަންތައްތަކާއި ގުޅޭގޮތުން އާންމުންގެ ހިޔާލު ހޯދުމަށް ނެރޭ "ހުދު ކަރުދާސް" އިފްތިތާހުކޮށްފިއެވެ.

މާލޭ ކޮމިއުނިޓީ ސެންޓަރުގެ ސެމިނާ ރޫމްގައި ރޭ ބޭއްވި ހަފްލާއެއްގައި މި ކަރުދާސް ނެރެދެއްވީ ޕްރޮފެސާ ހަސަން އުގައިލްއެވެ. މި ހަފްލާގައި ޔޫތް މިނިސްްޓަރު އަހްމަދު މަހުލޫފްގެ އިތުރުން އެ މިނިސްޓްރީގެ އިސް ބޭފުޅުން ވަނީ ބައިވެރިވެ ވަޑައިގެންފައެވެ.

ހުދު ކަރުދާސް ތައްޔާރުކޮށްފައި ވަނީ، އަމިއްލަ ފަރުދުން، އާއިލާތައް، މުޖްތަމައުގެ އެކިއެކި ކްލަބް، ޖަމްއިއްޔާ ޖަމާއަތްތަކުން، އަދި އެކިއެކި ބަހާތަކުން، ތިމާގެ އަމިއްލަ ދިރިއުޅުމަށާއި، އަދި ރަށް ނުވަތަ ސިޓީއަށް ކުރިއެރުން ގެނައުމަށް ބޭނުންވާ ފަރާތްތަކަށް އެކަން ފަހި ކޮށްދިނުމަށެވެ. އަދި ދިވެހި މުޖްތަމައުގައި އެފަދަ ވިސްނުން އިތުރުކޮށް، އެފަދަ ކަންތަކަށް ހިތްވަރުދީ، އެހީތެރިވެދީ، ފުރުސަތު ހޯދައިދީ، ފަހިކޮށްދިނުމުގެ ގޮތުންނެވެ. މި ކަރުދާސް ތައްޔާރު ކޮށްފައިވަނީ ޔޫތް މިނިސްޓްރީން ކުރިއަށް ގެންދިއުމަށް ހުށަހަޅާ ހަރަކާތްތައް ވެސް ހިމަނައިގެންނެވެ.

ޔޫތް މިނިސްޓްރީގެ ވެބްސައިޓުގައި މި ކަރުދާސް ޝާއިއު ކުރެވިފައި ވާއިރު، މި މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް އާންމުންނަށް މި ކަރުދާހާއި ގުޅޭގޮތުން ހިޔާލު ހުށަހެޅުމުގެ ފުރުސަތު އެ މިނިސްޓްރީން ވަނީ ހުޅުވާލާފައެވެ. އެގޮތުން ކުރިޔަށް އޮތްތަނުގައި އެ މިނިސްޓްރީން މުޖުތަމައު ބާރުވެރިކުރުމަށް ހިންގާ ހަރަކާތްތަކުގައި މި ކަރުދާހަށް ހުށަހެޅޭ ހިޔާލުތަކަށް ރިއާޔަތް ކުރެވޭނެ ކަމަށް ވެސް ޔޫތް މިނިސްޓްރީން ބުނެއެވެ.