ހއ އަތޮޅުން އިމިގްރޭޝަންގެ ހިދުމަތްތައް ދިނުމަށްޓަކައި، އެ އެ އަތޮޅު ދިއްދޫގައި މޯލްޑިވްސް އިމިގްރޭޝަންގެ އޮފީހެއް ހުޅުވައި، ޕާސްޕޯޓުގެ ހިދުމަތް ދޭން ފަށައިފިއެވެ.

ދިއްދޫ އިމިގްރޭޝަން އޮފީސް ހުޅުވާދެއްވީ، މިއަދު އެ ރަށުގައި ބޭއްވި ރަސްމިއްޔާތެއްގައި، ދިއްދޫ ދާއިރާގެ މެންބަރު އަބްދުﷲ ވަހީދާއި ކޮންޓްރޯލާ، ޖެނެރަލް އޮފް އިމިގްރޭޝަން މުހައްމަދު އަހްމަދު ހުސެއިން (ހަނަފީ)އެވެ. މި ރަސްމިއްޔާތުގައި، އެރަށުން ދޫކުރާ އެންމެ ފުރަތަމަ ޕާސްޕޯޓް ހަވާލުކޮށްދެއްވީ އިމިގްރޭޝަންގެ ކޮންޓްރޯލާ ޖެނެރަލް ހަނަފީއެވެ.

މިއަދު ދިއްދޫގައި ޕާސްޕޯޓްގެ ހިދުމަތް ފެށިއިރު، މިއީ މާލޭގެ އިތުރުން އިމިގްރޭޝަންގެ ހިދުމަތް ދޭން ފެށި ހަތަރު ވަނަ އޮފީހެވެ. އެގޮތުން، އިމިގްރޭޝަންގެ ކޮންޓްރޯލާ ޖެނެރަލް، ހަނަފީ މަގާމާއި ހަވާލުވެ ވަޑައިގެންނެވުމަށްފަހު، ލާމަރުކަޒީ ނިޒާމުގެ ދަށުން އިމިމގެރޭޝަންގެ ހިދުމަތްތައް އަތޮޅުތެރެއަށް ފުޅާކުރުމަށްޓަކައި ދަނީ ގިނަ ގުނަ މަސައްކަތް ތަކެއް ކުރައްވަމުންނެވެ.

ކޮންޓްރޯލާ، ޖެނެރަލް އޮފް އިމިގްރޭޝަން މުހައްމަދު އަހްމަދު ހުސެއިން (ހަނަފީ) ހއ އަތޮޅު އިމިގްރޭޝަން އޮފީހުން ދޫކުރާ ފުރަތަމަ ޕާސްޕޯޓް ހަވާލުކޮށްދެއްވަނީ / ފޮޓޯ: އިމިގްރޭޝަން

ހއ އަތޮޅުގައި އިމިގްރޭޝަންގެ ހިދުމަތް ދޭން ފެށުމަކީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިދިޔަ މާޗް މަހު ދިއްދޫއަށް ވަޑަިއގެން އެރަށުގެ ރައްޔިތުންނާއި ބައްދަލު ކުރައްވާ، ރައްޔިތުންނަށް ވެވަޑައިގެންފައިވާ ވައުދުފުޅެކެވެ.

މީގެ އިތުރުން އިމިގްރޭޝަނުން ބުނީ، އެ މުއައްސަސާގެ އަމާޒަކީ އެ މުއައްސަސާއިން އަބަދުވެސް ދެމުންގެންދާ ހިދުމަތްތައް ރައްޔިތުންނަށް ލުއި ފަސޭހަ ވެގެންދާނެ ގޮތަށް ބައްޓަންކޮށް، ފެންވަރު ރަނގަޅު ހިދުމަތްތަކެއް ރައްޔިތުންނަށް ފޯރުކޮށްދީ، ހިދުމަތްތައް ފުޅާ ކުރުން ކަމަށެވެ.