ރައްޔިތުން ސަރުކާރެއް ގެނައީ، އިގްތިސޯދީ ދުވެލި ދަށް ކުރުމަށް ނޫން ކަމަށާ ދަރަންޏާއި ހިލޭ އެހީން ގައުމު ހިންގުމުގެ ސަގާފަތް ގެނައުމަކީ ނުރައްކަލެއް ކަމަށް މާވަށު ދާއިރާގެ މެންބަރު އަދި ޕީއެންސީގެ ނައިބު ރައީސް މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

ސައީދު ވިދާޅުވީ، ރާއްޖޭ އިގްތިސާދީ ދުވެލި ކުރިއަށް އޮތް ތިން އަހަރު ދަށްވެ، ސަރަހައްދީ އެހެން ގައުމުތައް ކުރިއެރުމަކީ ކުރިން ތަކުރާރު ވަމުންއައި ރޭވުންތެރި ސަގަފަތްތަކަށް އަލުން ރުޖޫއަވުން ކަމުގައެވެ. އަދި މި ސަގާފަތްތަކަށް ރުޖޫއަވެ، އަގު ބޮޑު އަނދިރި ކްރެޑިޓް ލައިން ތަކާއި ހިލޭ އެހީ އިން ގައުމު ހިންގުމުގެ ސަގާފަތް އިއާދަވުން ކަމަށެވެ.

"ދަ ޕްރެސް" އަށް މައުލޫމާތު ދެއްވަމުން ސައީދު ވިދާޅުވީ، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ރާއްޖޭގެ އިގްތިސޯދީ ދުވެލި ހަލުވި ކޮށް ކުރިއަރުވާފައި ވާނެ ކަމަށާއި، ރާއްޖޭގެ ފިޗް ރޭޓިން ބީ ޕްލަސް ކަމަށް ނިންމުމަކީ ރައީސް ޔާމީންގެ އިގްތިސާދީ ސިޔާސަތު ހަރުދަނާކަން އަންގައިދޭ ކަމެއް ކަމަށެވެ. އަދި މިދިޔަ އަހަރު ސަރުކާރު ބަދަލުވެ، ރާއްޖޭގެ ދަރަނި ދުވަހެއް ދުވަހަކަށް އުފުލިގެން ދިއުމަކީ، އެއީ ރާއްޖެއިން ކުރިން ގެންގުޅުނު ކްރެޑިޓް ލައިން ތަކާއި ހިލޭ އެހީ އިން ގައުމު ހިންގުމުގެ ސަގާފަތް އަލުން ގެނައުން ކަމަށް ސައީދު ވިދާޅުވިއެވެ. ސައީދު ވިދާޅުވީ، ރާއްޖެއަކީ ވަސީލަތްތައް މަދު ގައުމެއް ކަމަށް ދެކި، ހިލޭ އެހީ އިން ގައުމު ހިންގާނަމަ، ރާއްޖެ އިގްތިސޯދީ ގޮތުން ކުރިއަރައިގެން ނުދާނެ ކަމަށެވެ.

ސައީދު މިހެން ވިދާޅުވީ، ރާއްޖޭގެ އިގްތިސޯދީ ދުވެލި ކުރިއަށް އޮތް ތިން އަހަރު ދަށަށް ދާނެ ކަމަށް ވޯލްޑް ބޭންކުން ލަފާކުރުމާއި ގުޅިގެންނެވެ. ވޯލްޑް ބޭންކުން ރާއްޖޭގެ އިގްތިސޯދީ ދުވެލި ދަށްވާނެ ކަމަށް ލަފާކޮށްފައި ވަނީ ކުރިއަށް އޮތް ތިން އަހަރު ރާއްޖޭގައި އިންވެސްޓްމަންޓްތައް ކުރިއަށްދާނެ މިންވަރަށް ބެލުމަށްފަހުގައެވެ.

ރާއްޖޭގެ އިގްތިސޯދީ ކުރިއެރުމާ ގުޅޭ ގޮތުން ވޯލްޑް ބޭންކުން ބުނީ، މި އަހަރު ރާއްޖޭގެ އިގްތިސޯދީ ދުވެލި 5.7 ޕަސަންޓްގައި ދަށްވި އިރު، މިދިޔަ އަހަރު ރާއްޖޭގެ އިގްތިސޯދީ ދުވެލި ހުރީ 6.1 ޕަސަންޓްގައި ކަމަށެވެ. އަދި އަންނަ އަހަރު އިގްތިސޯދީ ދުވެލި 5.2 ޕަސަންޓަށް ދަށްވާނެ ކަމަށާއި 2021 ވަނަ އަހަރު މި ދުވެލި 5.3 ޕަސަންޓަށް ދާނެ ކަމަށް ވޯލްޑް ބޭންކުން ވަނީ ލަފާކޮށްފައެވެ.

ސައުތު އޭޝިޔާގެ ގައުމުތަކުގެ ތެރެއިން އިގްތިސޯދީ ދުވެލި ކުރިއަށް އޮތް ތިން އަހަރު އެންމެ ކުރީގައި އުޅޭނެ ކަމަށް ލަފާ ކުރެވޭ ގައުމުތަކުގެ ތެރޭގައި އިންޑިއާ ހިމެނެއެވެ. އެގޮތުން، އިންޑިއާގެ އިގްތިސާދީ ދުވެލި 7.5 ޕަސަންޓްގައި ހިފެހެއްޓިފައި ހުންނާނެ ކަމަށް ވޯލްޑް ބޭންކުން ލަފާކުރެއެވެ.

ސައީދު މިހެން ވިދާޅުވީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެރިކަމާއި ހަވާލުވެ ވަޑައިގެންނެވި ފަހުން، އިންޑިއާ އިން ރާއްޖޭ އިގްތިސޯދު ކުރިއެރުވުމަށްޓަކައި، ހިލޭ އެހީގެ ގޮތުގައި ފައިސާ ދެމުން ދާތީ އެވެ. ސައީދުގެ އިތުރުން، އިދިކޮޅުގެ ގިނަ ބޭފުޅުން ދަނީ މި ހިލޭ އެހީއާ ގުޅިގެން ހިތްހަމަނުޖެހުން ފާޅު ކުރައްވަމުންނެވެ. ނަމަވެސް، ރައީސް ޔާމީންގެ ސަރުކާރުގައި ވެސް ރާއްޖޭގެ އިގްތިސޯދު ކުރިއެރުވުމަށްޓަކައި ވަނީ ޗައިނާ އިން މިފަދަ ބޮޑެތި ލޯނުތައް ނަގާފައެވެ.