މަޖިލީހުގެ ގަވާއިދަށް އިސްލާހު ގެނެސް، މެންބަރުން އިސްލާހު ކުރި ވަގުތު ދިނުމުގެ އުސޫލަށް އަމަލުކުރަން ފަށައިފިއެވެ.

މިއަދުގެ މަޖިލިސް ޖަލްސާ ފެށުމުގެ ކުރިން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވަނީ ވަގުތު ދިނުމުގެ އުސޫލަށް ގެނެވުނު ބަދަލަށް މިއަދުން ފެށިގެން އަމަލުކުރަން ފަށާނެކަން އިއުލާން ކުރައްވާފައެވެ. އަދި ދެން ކުރިއަށް ގެންދާ މަސައްކަތުގައި ވަގުތު ބައްސަވާނީ އާ އުސޫލުގެ ދަށުން ކަމަށް މަޖިލިސް ރައީސް ވަނީ ވިދާޅުވެފައެވެ.

ނަޝީދު ވިދާޅުވީ މެންބަރުންނަށް ވަގުތު އެރުވަމުން ގެންދަވަނީ ރާއްޖޭގެ ރައްޔިތުން މަޖިލީހަށް މެންބަރުން އައްޔަން ކުރެވުނުގޮތުގެ މައްޗަށް ބިނާވެގެން ކަމަށެވެ. އަދި މީގެކުރިން ވަގުތު އަރުވަމުންދިޔަ ހަރުކަށި އުސޫލު، މަޖިލީހުގެ ގަވާއިދަށް އިސްލާހު ގެނެވުނު އިރުގައި ވަނީ ބަދަލުވެފައި ކަމަށާއި، އެހެންކަމުން ވަގުތު އަރުވާ އެރުވުމުގައި ވާދަވެރި ފަރާތްތަކަށް ލިބިވަޑައިގަންނަވާ ވަގުތު ގިނަކަމަށް ނަޝީދު ވިދާޅުވިއެވެ.

މިސާލަކަށް ހަތަރު ގަޑި އިރުގެ އިބްތިދާއީ ބަހުސްގެ ވަގުތުގެ ތެރޭގައި އެމްޑީޕީއަށް އެއިން ލިބޭ ވަގުތާއި އަމިއްލަ މެންބަރުންނަށް ލިބެ ވަގުތާއި އަޅާކިޔާނަމަ ތި ބޭފުޅުންނަށް ސާފުވެވަޑައިގަންނަވާނެ އަޅުގަނޑު މި ދަންނަވާ ނުކުތާ. އަމިއްލަ ކޮންމެ މެންބަރަކަށް އެބަ ލިބިވަޑައިގަންނަވާ ތިން މިނެޓް. އެމްޑީޕީގެ މެންބަރަކަށް ލިބިވަޑައިިގަންނަވަނީ 2 މިނެޓް 21 ސިކުންތު. ޕީޕީއެމްގެ މެންބަރަކަށް ލިބިވަޑައިގަންނަވާ ހަތަރު މިނެޓް
ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު

ނަޝީދު ވިދާޅުވީ މެންބަރުން މަދުވުމުން ވާދަވެރި ފަރާތްތަކަށް ގިނަވަގުތު ލިބިވަޑައިގަންނަވާ ކަމަށެވެ.

ހަމަހަމަ އުސޫލުގައި ކަނޑައެޅިގެންދާއިރުގައި އެމްޑީޕީގެ މެންބަރަކަށް ހަތަރު ގަޑި އިރުގެ ބަހުސެއްގައި ލިބިވަޑައިގަންނަވާނީ 2 މިނެޓް 21 ސިކުންތެވެ. އަދި ޕީޕީއެމްގެ ކޮންމެ މެންބަރަކަށާއި ޖޭޕީގެ ކޮންމެ މެންބަރަކަށް ހަތަރު މިނެޓް ލިބިވަޑައިގަންނަވާ އިރު، ޕީއެންސީގެ ކޮންމެ މެންބަރަކަށް ފަސް މިނެޓް އަދި އެމްޑީއޭގެ ކޮންމެ މެންބަރަކަށް ހަތް މިނެޓް ލިބިވަޑައިގަންނަވައެވެ.

އެއްވެސް ހާލެއްގައި ދެބުޅަލުގެ އަރާރުމަކަށް ވަގުތު ބެހުމެއް ނުދާނެ. ވަގުތު ބެހިގެންދާނީ އޭގައި އޮތް އެންމެ ހަމަހަމަ އުސޫލަށް
މަޖިލީހުގެ ރައީސް

މަޖިލީހުގެ ގަވާއިދު އިސްލާހު ކުރުމުގެ މަސައްކަތް ފަށާފައިވާ އިރު، ގަވާއިދު އިސްލާހު ކުރެވެމުންދާ ވަރަކަށް ގަވާއިދަށް އަމަލުކުރަމުންދާގޮތަށް މަޖިލީހުން ވަނީ ފާސްކޮށްފައެވެ.