ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީއަށް ރައްޔިތުންގެ މަޖިލީހުގެ ސުޕާ މެޖޯރިޓީ އޮތުމުގެ މާނައަކީ ޕާޓީ އޮފީހުން މަޖިލިސް ހިންގުމެއް ނޫންކަމަށް ވިލިމާލެ ދާއިރާގެ މެންބަރު އަހުމަދު އުޝާމް ވިދާޅުވެއްޖެއެވެ.

އުޝާމް މިގޮތަށް ވިދާޅުވެފައި ވަނީ، މަތީ ތައުލީމުގެ ލޯނު މައްސަލަައިގައި އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕުގެ މެންބަރުން ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހީމް ހަސަންއާއި އެމްޑީޕީ އޮފީހުގައި މަޝްވަރާ ކުރެއްވުމާއި ގުޅިގެންނެވެ.

އުޝާމް ވިދާޅުވީ މަތީ ތައުލީމަށް ކިޔެވުމުގެ ލޯނު ދޫކުރުމުގެ ކަންކަން އެކަށީގެންވާ ގޮތެއްގައި ވަޒީރު ތަންފީޒު ކުރައްވައިފައި ނުވާނަމަ، މަޖިލިސް މެންބަރުން ސަރުކާރު ޖަވާބުދާރީ ކުރުވަން ޖެހޭނީ ވަޒީރު މަޖިލީހަށް ހާޒިރު ކޮށްގެން ކަމަށެވެ. ނަމަވެސް ސުޕާ މެޖޯރިޓީ އޮތުމުގެ މާނައަކީ، ޕާޓީ އޮފީހުން މަޖިލީސް ހިންގުމެއް ނޫންކަމަށް އޭނާ ވިދާޅުވިއެވެ.

ހަޔާ އެޑިއުކޭޝަން މިނިސްޓަރު މީގެ ކުރިން ވިދާޅުވެފައި ވަނީ ލޯން ލިބުނީ ކުރިމަތިލި ފަރާތްތަކުގެ ތެރެއިން 79 ފަރާތަކަށް ކަމަށެވެ. އަދި ގިނަ ފަރާތްތައް ޑިސްކޮލިފައިވީ އާންމު ކުރެވުނު އުސޫލާއި އިއުލާނާ ހިލާފަށް އެޕްލިކޭޝަން ހުށަހަޅާފައި ވާތީ ކަމަށެވެ. އެގޮތުން އޭނާ ފާހަގަ ކުރެއްވީ ގިނަ ފަރާތްތަކުން ސެޓްފިކެޓުގެ ދެފުށް ހުށަހަޅާފައި ނުވާ ކަމަށެވެ.

މިދިޔަ މާޗް މަހުގެ 21 ގައި މަތީތައުލީމް ލޯނުގެ 242 ޖާގައަށް މިނިސްޓްރީން އިއުލާން ކުރިއެވެ. އަދި އެންމެ ގިނައިން ލޯނަށް އެދިފައިވަނީ ބޭނުން ދާއިރާއަކުން ވަކި ގައުމުތަކުން ކިޔެވުމަށް ހުޅުވާލި ފުރުސަތަށެވެ. އެ ދާއިރާއިން 332 މީހުން ލޯނަށް އެދުނެވެ.

މި އަހަރުގެ ދައުލަތުގެ ބަޖެޓުގައި މަތީ ތައުލީމަށް 54 މިލިއަން ރުފިޔާގެ ބަޖެޓެއް ވަނީ ފާސްކޮށްފައެވެ. ތިން ޕަސެންޓުގެ އިންޓްރެސްޓާއެކު ދޭ މި ލޯން ދައްކަން ޖެހެނީ ކިޔެވުން ނިމޭތާ ހަ މަސް ފަހުން 20 އަހަރަށް ބަހަލައިގެންނެވެ.