ދައުލަތުގެ ފައިސާއާއި މުދަލަށް ހިޔާނާތްތެރިވުމުގެ މައްސަލަތަކާއި ގޮތްނޭނގޭ މަރުގެ މައްސަލަތައް ބެލުމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އުފައްދަވާފައިވާ ރިޔާސީ ކޮމިޝަންތަކަށް ބާރުލިބޭ ގޮތަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބިލުގެ އިބްތިދާއީ ބަހުސް ކުރުމަށް މާދަމާގެ ޖަލްސާއަށް އެޖެންޑާކޮށްފިއެވެ.

މަޖިލީހުން ބުނީ މާދަމާ އޮންނާނީ މި ދެ ބިލުގެ އިބްތިދާއީ ބަހުސެވެ. ރިޔާސީ ކޮމިޝަންތަކުގެ ބިލުގެ ފުރަތަމަ ކިޔުން އިއްވާފައިވަނީ މިދިޔަ ހަފްތާގެ ބުދަ ދުވަހު ބޭއްވި ޖަލްސާގައެވެ. ނިމިގެން ދިޔަ މަޖިލީހަށް ވެސް މި ބިލުތަައް ހުށަހެޅުނެވެ. ނަމަވެސް، މަސައްކަތްތައް ދިގުލައިގެން ދިޔުމާއި، މެންބަރުން ހަމަނުވުމުގެ ސަބަބުން ބިލުގެ މަސައްކަތް ކުރިއަށް ނުގެންދެވި މަޖިލިސް ވަނީ ނިންމާލާފައެވެ.

ރިޔާސީ ކޮމިޝަންގެ ބިލަކީ، ކޮމިޝަންތަކުން ކުރަމުންދާ މަސައްކަތްތައް ކުރުމުގައި ގާނޫނީ ބާރުދޭނެ ބިލެކެވެ. އެކޮމިޝަންތަކުން ބުނެފައިވަނީ ކޮމިޝަންގެ މަސައްކަތުގެ ބޮޑުބައެއް މިހާރު ނިމިފައިވާ ކަމަށެވެ. ނަަމަވެސް ކޮމިޝަންތަކުގެ ބިލް ފާސް ނުވުމުގެ ސަބުބުން މަސައްކަތްތައް ނިންމާނުލެވިފައިވާކަމަށް އެ ކޮމިޝަންތަކުން ވަނީ ބުނެފައެވެ.

ރިޔާސީ ކޮމިޝަނުގެ ބިލުގެ އިތުރުން ސަރުކާރުގެ ފަރާތުން، މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ ހުށަހަޅުއްވާފައިވާ ދިވެހިރާއްޖޭގެ ގާނޫނީ ފަންނުގެ ބިލުވެސް ވަނީ އިބްތިދާއީ ބަހުސް ކުރުމަށް އެޖެންޑާކޮށްފައެވެ. މި ބިލަކީ ބާ އެސޯސިއޭޝަން އުފައްދަން ބޭނުންވާ ބިލެވެ.

މީގެ އިތުރުން މައާފު ދިނުމާއި އަދަބު ލުއި ކޮށް ދިނުމުގެ ގާނޫނުގެ ދަށުން މަޖިލިސް މެންބަރަކު ކްލެމެންސީ ބޯޑަށް ހޮއްވެވުމުގެ މަސައްކަތާއި، މީހުން ޓްރެފިކް ކުރުން ހުއްޓުވުމުގެ ގާނޫނުގެ ދަށުން ޓްރެފިކް ކުރާ ކަންކަން ވިލަރެސް ކުރާ ކޮމިޓީއަށް މަޖިލިސް މެންބަރަކު އައްޔަން ކުރުމުގެ މަސައްކަތް ވެސް މާދަމަ ޖަލްސާގައި އޮންނާނެ ކަމަށް މަޖިލީހުން ބުނެއެވެ.