އިންޑިޔާގެ ބޮޑުވަޒީރު ނަރެންދްރާ މޯދީ ދިވެހިރާއްޖެއަށް ކުރެއްވި ދަތުރުފުޅު ނިމުނިއިރު، ދިވެހިރާއްޖޭގެ ތަރައްގީއަށް އެކަށީގެންވާ ހިއްސާއެއް ނުލިބި، ގައުމާއި ރައްޔިތުން އިތުރަށް ދަރަނިވެރި ކުރުވާފައި ވާކަމަށް އިދިކޮޅު މައި ޕާޓީ ޕީޕީއެމުން ހާމަކޮށްފިއެވެ.

އެ ޕާޓީން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ މިހާރު ރާއްޖޭގައި ގާއިމު ވެފައިއޮތް ސަރުކާރުން، ރާއްޖޭގެ އާމްދަނީ އިތުރުކޮށް ރައްޔިތުންނަށް ދޭން ޖެހޭ އަސާސީ ހިދުމަތްތައް ދީ، ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް ގެންގުޅޭ ހަމައެކަނި ފޯމިއުލާ އަކީ، ރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލަށް ގެއްލުންވާ މިންވަރަށް ވަކި ފަރާތަކަށް އިގްތިސާދީ ގޮތުން ބަރޯސާވުން ކަމަށާ އެއީ، އެ ޕާޓީން އެކަމާ ކަންބޮޑުވާކަމެއް ކަމަށެވެ. އަދި މިސަރުކާރަށް މި ޒަމާނުގެ ވައްޓަފާޅީގައި ވިޔަފާރީގެ ވިސްނުންތަކެއް ނޭނގޭކަމާއި، ބަވަނަ ވެފައިވާ ދުނިޔެއެއްގައި ދިވެހިރާއްޖެ އިގްތިސާދީގޮތުން މިނިވަންކޮށް، އަމިއްލަ ފައިމައްޗަށް ތެދުވުމަށް ދިވެހިން ކުރާ މަސައްކަތުގައި އިސްނަގައި ކާމިޔާބު ކުރުމުގެ ގާބިލުކަން މިސަރުކާރުގައި ނެތްކަން ވަކި ގައުމަކަށް ބަރޯސާ ވުމުން އަންގައިދޭ އަލިގަދަ ހެއްކެއްކަމަށް ޕީޕީއެމުން ބުނެއެވެ.

ޕީޕީއެމުން ވަނީ އިއްޔެ ސޮއިކުރި ބައެއް އެއްބަސްވުންތަކަކީ އެއްވެސް ކަހަލަ ދިރާސާ ކުރުމެއް ނެތި އެކަމުގެ ސަބަބުން ނުކުންނަ ނަތީޖާއަކަށް ބެލުމެއް ނެތި ސޮއިކުރި އެއްބަސްވުންތަކެއްކަން ފާހަގަކޮށްފައެވެ.

"ދިވެހިރާއްޖެއާއި އިންޑިޔާއާ ދެމެދު ގާއިމުކުރަން އެއްބަސްވެވުނު، ފެރީ ގެ ހިދުމަތުގެ އެއްބަސްވުމަކީ، އެއްވެސް ކަހަލަ ދިރާސާއެއް ނުކޮށް، އެފަދަ މުވާސަލާތެއްގެ ބޭނުންކުރާނީ ދިވެހިންގެ ނިސްބަތުންކިތައް މީހުންތޯ އަދި އިންޑިޔާގެ ނިސްބަތުން ކިތައް މީހުންތޯއާއި، އެ ކަމުގެ ސަބަބުން ލިބޭނީ ކިހާ އިގްތީސޯދީ ފައިދާއެއްތޯ އަދި ނިކުންނާނީ ކިހާ އިޖްތިމާއީ މައްސަލަތަކެއްތޯ ނުބަލައި ކުރެވުނު އެއްބަސްވުމެއްކަން ފާހަގަކުރަމެވެ. އަދި މިއީ މިޒަމާނުގެ ސިނާއީ ތަރައްގީގެ ވިސްނުންތަކާއި ދުރު، ހިޔުމަން ޓްރެފިކިން އާއި، ޑްރަގްސް އާއި އަދި ރާއްޖޭގައި އިގްތިސާދީ ގޮތުންނާއި އިޖްތިމާއީގޮތުން ރާއްޖޭގައި އާބާދުކުރަން ބޭނުންނުވާނޭ ފަދަ އާބާދީއަކަށް ހުޅުވާލެވޭ ދޮރެއްކަން ކަންބޮޑުވުމާއެކު ފާހަގަކުރަން."
ޕީޕީއެމްގެ ނޫސްބަޔާނުގައި ބުނެފައިވެއެވެ.

މީގެ އިތުރުން އެންމެ މުހިންމު ކަމެއްގެ ގޮތުން، 2 ގައުމުގެ ދޭތެރޭގައި ސޮއިކުރެވުނު ހައިޑްރޮގްރެފީ ނުވަތަ ދިވެހިރާއްޖޭގެ ކަނޑުތަކުގެ ސާވޭ ކުރުމަށް އިންޑިޔާ ސަރުކާރުން އެހީހޯދުމާ ބެހޭ އެއްބަސްވުމަކީ، ދިވެހިރާއްޖޭގެ އެންމެ ހައްސާސް އަދި އެންމެ ރައްކާތެރިކަމާއެކު ބަލަހައްޓަންޖެހޭ ޓެރިޓޯރިއަލް މައުލޫމާތުތައް އެހެން ގައުމަކާ ހިއްސާކުރެވޭ ގޮތަށް ކޮށްފައިވާ އެއްބަސްވުމެއް ކަމަށް ޕީޕީއެމުން ވަނީ ބުނެފައެވެ. އަދި މިއީ ޒަމާނުއްސުރެ ސަރުކާރުތަކުން ގަސްދުގައި ނުކޮށް ބާއްވާފައިވާ މުއާމަލާތެއް ކަމާއި، އެއީ މިފަދަ ކަންކަމީ ގައުމީ ސަލާމަތަށް ނުރައްކާ ވާފަދަ ކަންކަން ކަމުގައި ވާތީ ކަމުގައި ޕީޕީއެމްގެ ނޫސްބަޔާނުގައި ބުނެފައިވެއެވެ.

"ހަމައެއާއެކު، ދިވެހިރާއްޖޭގައި ގާއިމުކުރެވިފައިވާ ރާޑާ ސިސްޓަމް ބެލެހެއްޓުމަކީ ވެސް ހަމައެކަނި ދިވެހި ސިފައިންގެ ބާރުގެ ތެރޭގައި އޮންނާނޭ ކަމެއްކަން ޔަގީންކޮށް، ދިވެހި ސިފައިންނަކީ އެފަދަ ގާބިލުކަން ހުރި ބައެއްކަމަށްވާއިރު، އެނޫންގޮތަކަށް އެކަން ހަމަނުޖެއްސެވުމަށް ދިވެހި ސަރުކާރަށް ގޮވާލަމެވެ."
ޕީޕީއެމްގެ ނޫސްބަޔާނުގައި ބުނެފައިވެއެވެ.

ޕީޕީއެމުން ބުނީ ރާއްޖެއަކީ ކިތަންމެ މީސްކޮޅު މަދު، ކިތައްމެ ކުޑަ ގައުމެއް ކަމުގައި ވީނަމަވެސް، ދިވެހިރާއްޖެއަކީ އިންޑިޔާ ކަނޑުގެ ވަރަށް މުހިންމު ހިސާބެއްގައި އުފެދިފައިވާ ގައުމެއް ކަމާއި، އަދި މިކަމުގެ ސަބަބުން ދިވެހިރާއްޖޭގެ މިނިވަންކަމާއި އަމިއްލަ ވެރިކަން ގާއިމުކޮށް ދިފާއު ކުރުމަށްޓަކައި ބޮޑެތި ގުރުބާނީ ތަކެއް އެންމެ އިހުގައި ދިވެހި ކާބަފައިން ވެފައިވާ ކަމާއި، އަދި މިފަހުގެ ތާރީހުގައިވެސް ދިވެހިން ވެފައިވާކަމާއި، މިހެންކަމުން ރައީސާއި ދައުލަތުގެ ވެރިންނާ ހަވާލުވެފައިވާ ޒިންމާއަކީ ކާބަފައިންގެ މިއަމާނާތަށް ރައްކާތެރިވުން ކަމަށެވެ.

އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީއާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ސަލާމް ކުރައްވަނީ / ފޮޓޯ: ރައީސް އޮފީސް

މީގެ އިތުރުން ބޭރުގެ ގައުމުތަކާއި ގުޅުން ބަދަހި ކުރުމަކީ އެއްބަޔަކު ނުވަތަ އެއް ގައުމަކުން ބޭނުންވާ ހާ ގޮތަކަށް ކަންކަން ދީލާލުން ނޫންކަމާއި، ޒަމާނުއްސުރެ ގައުމުގައި ހިފަހައްޓާފައި ހުންނަ ކަންކަން ދޫކޮށް، މުޅި ގައުމުގެ މުސްތަގުބަލް ބައްޓަން ކުރުމުގައި ބަސްނުބުނެވޭ މިންވަރަށް ގައުމު ބަލިކަށި ވުމަކީ، ބައިނަލްއަގުވާމީ ގުޅުންތައް ރަނގަޅު ކުރުން ނޫންކަމަށް ޕީޕީއެމުން ބުނެފައިވެއެވެ.

"މިއަށް ކިޔަނީ ޤައުމު ތަރައްގީކުރުން ނޫންކަމާއި އެއާ ހިލާފަށް ކިޔާނީ ޤައުމު އެހެން ބަޔަކަށް އަޅުދާސްވުން ކަމުގައިވެސް ކަންބޮޑުވުމާއެކު ފާހަގަކުރަން"
ޕީޕީއެމްގެ ނޫސްބަޔާނުގައި ބުނެފައިވެއެވެ.

ޕީޕީއެމުން ބުނީ އިންޑިޔާއާއި ދިވެހިރާއްޖެއާ ދެ ގައުމުގެ ދެމެދުގައި އޮންނަ ގުޅުމަކީ، އެއްވެސް ހާލެއްގައި ދެ ގައުމުގެ ދެ ސިޔާސީ ޕާޓީގެ ދެމެދުގައި ގާއިމުކުރެވޭ ގުޅުމަކަށް ނެހެދުމަށާއި މިއާ ހިލަފަށް މިއީ ދެ ގައުމާއި ދެ ގައުމުގެ ރައްޔިތުންގެ ދެމެދުގައި އޮންނަ، އެއްވެސް ގައުމަކުން އަނެއް ގައުމެއްގެ އިންތަކަށް އަރައިނުގަންނަ ގުޅުމެއްގެ ގޮތުގައި ދެމެހެއްޓުމަށް ޕީޕީއެމުން ވަނީ ދިވެހި ސަރުކާރަށް ގޮވާލާފައެވެ.