މަގުތައް ހަދާ ބަލަހެއްޓުމަށް "ރޯޑް ޑިވެލޮޕްމެންޓަ ކޯޕަރޭޝަން ލިމިޓެޑް" ގެ ނަމުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ކުންފުންޏެއް އުފައްދަވައިފިއެވެ.

ގާނޫނުން ރައީސް ސޯލިހަށް ލިބިވަޑައިގަންނަވާ ބާރުގެ ދަށުން، ރައީސް ސޯލިހް މި ކުންފުނި އުފެއްދެވީ ސަރުކާރުން އެކުލަވާލާ ސިޔާސަތުތަކާ އެއްގޮތްވާގޮތުގެ މަތިން، ކުރު ރާސްތާގައި އަދި ދިގު ރާސްތާގައި، އެއްގަމު ދަތުރުފަތުރު ކުރުމަށް އެއްރަށާއި އަނެއް ރަށް ގުޅާލައި، ފާލަންތައް ތަރައްގީކޮށް އެންމެ އެކަށީގެންވާ ފެންވަރެއްގައި މިފަދަ ތަންތަން ބެލެހެއްޓުމަށެވެ. މިފަދަ ކުންފުންޏެއް ގާއިމުކުރުމުމުގެ ގޮތުން ސަރުކާރުގެ ކުންފުންޏެއް ރައީސް ސޯލިހް އުފައްދަވާ ދެއްވީ ގަރާރަކުންނެވެ. މިއީ ސައްތައިން ސައްތަ ސަރުކާރު ހިއްސާވާ ސަރުކާރުގެ ކުންފުންޏެކެވެ.

މި ކުންފުންޏަކީ ސަރުކާރުގެ ސިޔާސަތުތަކާ އެއްގޮތްވާ ގޮތުގެ މަތިން، ރާއްޖޭގައި މީހުން ދިރިއުޅޭ ރަށްތަކުގައި، އެއްގަމު ދަތުރުފަތުރު ކުރެވޭނެފަދަ މަގުތަކެއް ރަނގަޅު ފެންވަރެއްގައި ހަދައި، ބެލެހެއްޓޭނެ ނިޒާމެއް ގާއިމުކޮށްފައި އޮތުމަކީ، ރައްޔިތުންނަށް ލިބެންޖެހޭ އަސާސީ ހިދުމަތަކަށްވާތީ އުފައްދަފައިވާ ކުންފުންޏެކެވެ. ރައީސް ސޯލިހް މި ކުންފުނި އުފެއްދެވީ އިގްތިސާދީ އަދި އުމްރާނީ ތަރައްގީއަށް މުހިއްމު ކަމެއްކަމަށް އެމަނިކުފާނު ދެކެވަޑައިގަންނަވާތީ މިފަދަ އެންމެހައި މަސައްކަތްތައް ކުރުމަށް، އެކަމުގެ ގާބިލުކަން ތަރައްގީކުރެވޭފަދަ ކުންފުންޏެއް އުފެއްދެވެމުގެ ގޮތުންނެވެ.

ރާއްޖޭގެ މަގުތައް ރަނގަޅު ފެންވަރެއްގައި ހަދާ، ބެލެހެއްޓޭނެ ނިޒާމެއް ގާއިމުކުރުމަކީ، ރައީސް ސޯލިހްގެ 100 ދުވަހުގެ ވައުދެކެވެ.