މަޖިލިސް މެންބަރުކަމުގެ ހުވާ ގުރައިދޫ ދާއިރާއަށް އިންތިހާބު ވެވަޑައިގަތް މެންބަރު އިބްރާހިމް ރިޒާ މާދަމާ ކުރައްވާނެ ކަމަށް މަޖިލީހުގެ އަމީން އާމް ފާތިމަތު ނިއުޝާ ވިދާޅުވެއްޖެއެވެ.
19 ވަނަ ރައްޔިތުންގެ މަޖިލީހަށް އިންތިހާބުވެފައި 87 މެންބަރުން ތިބިއިރު، މިހާތަނަށް ހުވާ ކުރެއްވީ 86 މެންބަރުންނެވެ. ފުރަތަމަ ޖަލްސާއަށް ރިޒާއަށް ހާޒިރު ވެވަޑައިގެންފައި ނުވަނީ އޭނާ އުމްރާއަށް ވަޑައިގެންނެވުމުން ކަމަށް އަމީން އާންމު ވިދާޅުވެއެވެ. އުމްރާ އިން އެނބުރި ވަޑައިގެން ރިޒާ، މަޖިލިސް މެންބަރު ކަމަށް ހުވާ ކުރެއްވުމަށް ތާވަލް ކޮށްފައި ވަނީ މާދަމާ ހެނދުނު 10:00 ގައެވެ. ރިޒާ ހުވާކުރުމުގެ ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގަންނަވާނީ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އަދި އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ ކަމަށް އަމީން އާންމު ވިދާޅުވިއެވެ.
މިއަދު ނޫސްވެރިންނަށް މައުލޫމާތު ދިނުމަށް މަޖިލިސް އިދާރާގައި ބޭއްވި ބައްދަލުވުމުގައި، އަމީން އާންމު ވިދޅާުވީ، މާފު ދިނުމާއި އަދަބު ލުއި ކޮށް ދިނުމުގެ ގާނޫނުގެ ދަށުން މަޖިލިސް މެންބަރަކު ކްލެމެންސީ ބޯޑަށް ހޮއްވެވުމުގެ މަސައްކަތް މާދަމާ އޮންނަ ޖަލްސާގައި ކުރާނެ ކަމަށެވެ. އަދި މީހުން ޓްރެފިކް ކުރުން ހުއްޓުވުމުގެ ގާނޫނުގެ ދަށުން ޓްރެފިކް ކުރާ ކަންކަން ވިލަރެސް ކުރާ ކޮމިޓީއަށް މަޖިލިސް މެންބަރަކު އައްޔަން ކުރުމުގެ މަސައްކަތް ވެސް މާދަމަ ކުރާނެ ކަމަށެވެ.
މާދަމާ އޮންނަ މަޖިލިސް ޖަލްސާގައި ރިޔާސީ ކޮމިޝަންތަކުގެ ބިލާއި ގާނޫނީ ފަންނުގެ ބިލަށް ބަހުސް ކުރާނެ އެވެ. އަދި އަލުން ވިސްނުމަށް ފޮނުވާފައިވާ، ނައިބު ރައީސް ކަން ކުރެއްވި ފަރާތްތަކަށް ދޭންޖެހޭ އިނާޔަތާއި ރައްކާތެރިކަމުގެ ބިލާއި ފަނޑިޔާރުންގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލުގެ އިތުރުން ޖަލުތަކުގެ އޮޑިޓް ރިޕޯޓާއި ބެހޭ ގޮތުން ބަހުސް ކުރުން ވެސް މާދަމާ އޮންނާނެ ކަމަށް އަމީން އާމް ވިދާޅުވިއެވެ. މި ތިން މައްސލަައިގެ ބަހުސް ވަނީ މިދިޔަ ހަފްތާގެ ޖަލްސާގައި ފަށާފައެވެެ.
މީގެ އިތުރުން މަޖިލީހުގެ ދާއިމީ ކޮމިޓީތައް އެކުލަވާލުމަށް އެކުލަވާލާފައިވާ ވަގުތީ ކޮމިޓީގެ ރިޕޯޓް މިއަދު ނިމިއްޖެނަމަ މާދަމާގެ ޖަލްސާގައި އެޖެންޑާ ކުރެވޭނެ ކަމަށް މަޖިލީހުގެ އަމީން އާންމު ވިދާޅުވެއެވެ.