ގިނަ ދުވަސްތަކަކަށް ދިގުލާ ގޮސްފައިވާ ސިޔާސީ ހަމަނުޖެހުންގަނޑެއް ހިންގަމުންދާ ސޫދާންގައި މަދަނީ ބަސްނޭހުމަކަށް ގޮވާލައިފިއެވެ.
އާންމު ރައްޔިތުން މަދަނީ ބަސްނޭހުމަކަށް ދިއުމަށް ގޮވާލާފައިވަނީ އެގައުމަށް ޑިމޮކްރަސީ ގެނައުމަށް ވަކާލާތު ކުރަމުންދާ ހަރަކާތުންނެވެ.
އެ ހަރަކާތަކުން މަދަނީ ބަސްނޭހުމަކަށް ގޮވާލާފައިވަނީ އާންމު ރައްޔިތުން ކުރަމުންދިޔަ މުޒާހަރާއަކީ ގައުމީ ސަލާމަތަށްހުރި ނުރައްކަލެއް ކަމަށް ވަގުތީ ސަރުކާރުން އެންގުމާއެކު މުޒާހަރާ ރޫޅާލުމުގެ ނަމުގައި އަސްކަރިއްޔާއިން ވަރުގަދަ ކުރިމަތިލުންތަކެއް ހިންގާ، އާންމުންގެ ގިނަ ބަޔަކު މަރާލާފައިވުމާ ގުޅިގެން ކަމަށް ޚަބަރު ލިބެއެވެ.
މަދަނީ ބަސްނޭހުމުގެ ގައުމީ ކެމްޕޭނެއް ފަށާ، މަދަނީ ސަރުކާރެއް އެކުލަވާލެވެންދެން މަދަނީ ބަސްނޭހުން ކުރިއަށް ގެންދިއުމަށް މިކަން އިންތިޒާމް ކުރި ފަރާތުން ވަނީ ގޮވާލާފައެވެ.
މިދަނޑިވަޅަކީ ސޫދާންގެ އިދިކޮޅު ލީޑަރުންތަކެއް ހައްޔަރުވެސްކޮށްފައިވާ ދަނޑިވަޅެކެވެ.
ސޫދާން މަސްރަހު ހަމައަކަށް އެޅުވުމުގައި މެދުވެރިއެއްގެ ދައުރު އަދާކުރުމުގައި އިސްކޮށް ހަރަކާތްތެރިވަނީ އިތިއޮޕިއާއިންނެވެ.