އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީގެ ތަގުރީރުގައި މާ ހާއްސަ ވާހަކަފުޅެއް ދައްކަވާފައި ނުވާކަމަށް އިދިކޮޅު ޕާޓީ ޕީއެންސީ އިން ބުނެފިއެވެ.

މޯދީ ރާއްޖެއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި ރައްޔިތުން މަޖިލީހުގައި ދެއްވި ތަގުރީރުގައި ދެއްކެވި ވާހަކަފުޅުތަކާ ގުޅޭ ގޮތުން ޕީއެންސީ އިން ބުނީ މޯދީގެ ތަގުރީރުގައި މާ ހާއްސަ ވާހަކަފުޅެއް ދައްކްވަފައި ނުވާކަމަށާ، މޯދީގެ ތަގުރީރުގައި ހަމަ އެކަނި ވާހަކަ ދައްކަވާފައި ވަނީ އިންޑިއާއާއި ރާއްޖެއާ ދެމެދުގައި އޮންނަ ގާތް ރަހުމަތްތެރި ކަމާ ގުޅޭ ގޮތުން ކަމަށެވެ.

އަދި ޕީއެންސީ އިން ބުނީ އެ ޕާޓީގެ މެންބަރުން ޖަލްސާ ފެށުމުގެ ކުރިން ހާޒިރުވެ ވަޑައިގެންމެވި ކަމަށާ ޕީއެންސީ އަދި ޕީޕީއެމް އިން ނެރުނު ބަޔާނުގައި ވާ ގޮތުގެ މަތީން ސުލްހަ ވެރިކަމާއެކު ތަގުރީރު އަޑު އަހާފައިވާނެކަމަށެވެ. ނަމަވެސް މަޖިލީހުގެ ޗެމްބަރުން ބައެއް މެންބަރުން ނުފެނެއެވެ،

މޯދީ މިއަދު ރައްޔިތުންގެ މަޖިލީހުގައި ދެއްވި ތަގުރީރުގައި ދެގައުމުގެ ދެމެދުގައި އޮތް އެއްބައިވަންތަ ގުޅުމުގެ އިތުރުން ދެގައުމުގެ ކުރިއެރުމަށް ހުރި ގޮންޖެހުންތަކަށް ވަނީ އަލިއަޅުއްވާލައްވާފައެެވެ. އެގޮތުން މޯދީ ވިދާޅުވެފައި ވަނީ ދެގައުމަށް ހުރި އެންމެ ބޮޑު ނުރައްކަލަކީ ޓެރެރިޒަމް ކަމަށެވެ.

މީގެ އިތުރުން ދެކުނު އޭޝިއާގެ އިތުރުން އިންޑޯ-ޕެސިފިކް ސަރަހައްދުގެ މުހިންމު ކަމުގެ މައްޗަށް ވެސް މޯދީގެ ދެއްވި ތަގުރީރުގައި ވަނީ އަލިއަޅުއްވާލައްވާފައެވެ. އަދި މި ސަރަހައްދުގެ ހުރިހާ ގައުމެއްގެ މުސްތަގުބަލު ގުޅިފައިވަނީ އެންމެން ގުޅިގެން މަސައްކަތް ކުރެވޭނެ ގޮތެއް ހޯދިގެން ކަމަށްވެސް މޯދީގެ ތަގުރީރުގައި ވަނީ ވިދާޅުވެފައެވެ.

އިންޑިއާ އާއި ރާއްޖެއާ ދެމެދުގައި އޮތް ގާތް ގުޅުމުގެ އިތުރުން މޯދީ ވަނީ މުހިންމު ދެކަމަކަށް އަލިއަޅުވައިލައްވައި ތަގުރީރު ދެއްވާފައެވެ. އަދި މި ތަގުރީރު ދެއްވާފައި ވަނީ ހިންދީ ބަހުން ކަމުގައި ވީނަމަވެސް ތަގުރީރުގެ ތަރުޖަމާ މެންބަރުންނަށް ވަނީ ވަގުތުން އިއްވާފައެވެ.

މޯދީ ރާއްޖެ އަށް ކުރަށްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު އަވައްޓެރި ލަންކާއަށް ޒިޔާރަތް ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން މާދަމާ ހެނދުނުގެ ވަގުތެއްގައި މޯދީ ލަންކާއަށް ވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ.