ހއ ހޯރަފުށީ ކަރަންޓު ފޮށްޓެއްގައި ރޯވެ، އެ ރަށުގެ ބޮޑު ސަރަހައްދަކުން ކަރަންޓު ކެނޑިއްޖެއެވެ.

ފުލުހުން ބުނީ، މިއަދު ހެނދުނު 9:24 ހާއިރު ހޯރަފުށީ ސްކޫލް ސަރަހައްދުގައި ހުރި ޑިސްޓްރިބިއުޝަން ބޮކްސްގައި އަލިފާން ރޯވެފައިވާ މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ. ނަމަވެސް، މިހާރު އެ ރަށުގައި މަސައްކަތް ކުރާ ފުލުހުން ގޮސް އަލިފާން ނިއްވާލައިފައިވާ ކަމަށް ފުލުހުން މައުލޫމާތުދެއެވެ.

މި ހާދިސާއާ ގުޅިގެން "ދަ ޕްރެސް" އަށް މައުލޫމާތު ދެއްވަމުން ހޯރަފުށީގައި ހުންނަ ފެނަކަ އޮފީހުގެ މެނޭޖަރު ތޮލާލް ވިދާޅުވީ، މި ހާދިސާއާ ގުޅިގެން 10 ކަރަންޓު ފޮށީގެ އާތު ނަރު އަނދާފައިވާ ކަމަށެވެ. އަދި މިކަމުގެ ސަބަބުން، އެރަށުގެ ބޮޑު ސަރަހައްދަކުން ކަރަންޓު ކަނޑައިގެން ގޮސްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. ތޮލާލް ވިދާޅުވީ، ކަރަންޓުގެ މަސައްކަތް ހައްލު ކުރުމަށް އެ ރަށު ފެނަކަ ޓީމުން ދަނީ ހަތަރު ގްރޫޕަކަށް ބެހިގެން މަސައްކަތް ކުރަމުން ކަމަށެވެ. ނަމަވެސް، މި މައްސަލަ ހައްލުވެ އަލުން އެ ރަށަށް ކަރަންޓު ލިބޭނެ ވަގުތެއް ނޭނގޭ ކަމަށް ތޮލާލް ވިދާޅުވިއެވެ.

އަލިފާން ރޯވި ކަރަންޓު ބޯޑުން އަލިފާން ނިއްވާލުމުގެ މަސައްކަތުގައި ހޯރަފުށީ ފުލުހެއް ހަރަކާތްތެރ ވަނީ / ފޮޓޯ: ޕޮލިސް

މި ހާދިސާ ހިނގީ، ކަރަންޓު ބޯޑުގައި އަލިފާން ރޯވެފައިވަނީ ކަރަންޓު ސްޕާކް އެއް ވެގެން ކަމަށް ހޯރަފުށީ ފެނަކައިން ބުނެއެވެ. އަދި މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާވެފައި ނުވާ ކަމަށް ވެސް ފުލުހުން ބުނެއެވެ.