މާލޭއިން ހުޅުމާލެއަށް ދިޔަ ކާރެއް ޓަޔަރު ފަޅާއިގެން ގޮސް ހައިވޭގެ ފެންސަށް ކާރު އަރައިފިއެވެ.

މި އެކްސިޑެންޓް ހިނގާފައި ވަނީ މާލެއިން ހުޅުމާލެއަށް ހައިވޭގައި ދުއްވާފައި ދިޔަ ކާރުގެ ޓަޔަރު ފަޅައިގެން ދިޔުމުގެ ސަބަބުން ކާރު ކަހާލައިގެން ދިޔަ ވަގުތު ފެންސްގައި ޖެހިފައި ކަމަށް ފުލުހުން ބުނެއެވެ. މި އެކްސިޑެންޓް ހިނގާފައިވާ ކަމަށް ފުލުހުންނަށް ރިޕޯޓްކޮށްފައި ވަނީ ރޭ ދަންވަރު 2:30 ހާއިރެވެ.

އެ ކާރު ދުއްވަން އިން މީހާގެ އަތުގައި ލައިސަންސް އޮތް އިރު އެ ކާރަކީ ރަނގަޅު ޒޯނަށް ރަޖިސްޓްރީ ކޮށްފައިވާ ކާރެއް ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

ހައިވޭގައި ޓަޔަރު ފަޅައިގެން ގޮސް އެކްސިޑެންޓްވި ކާރު / ފޮޓޯ: ޕޮލިސް

މި އެކްސިޑެންޓްގައި ކާރުގެ ބޮނެޓާއި ބަފަރު ވަނީ ވަރަށް ބޮޑަށް ހަލާކުވެފައެވެ. ނަމަވެސް މި އެކްސިޑެންޓުގައި އެއްވެސް މީހަކަށް އަނިޔާ ނުވެއެވެ. ފުލުހުން ދަނީ އިތުރަށް މި މައްސަލަ ތަހުގީގު ކުރަމުންނެވެ.

ރޭ މާލޭގައި ދެ ސައިކަލެއް ޖެހި ވަނީ އިތުރު އެކްސިޑެންޓެއް ވެސް ހިނގާފައެވެ. މާލޭގެ ބޮޑުތަކުރުފާނު މަގުގެ ހުޅަނގުން އިރަށް ބާރު ސްޕީޑެއްގައި ދުއްވާފައި ދިޔަ ސައިކަލަކާއި ހިލާލީ މަގުން ބޮޑުތަކުރުފާނު މަގަށް ނުކުތް ސައިކަލެއް ޖެހިގެން އެކްސިޑެންޓް ހިނގާފައިވަނީ ރޭ 12:38 ހާއިރެވެ. މި އެކްސިޑެންޓްގައި ހިލާލީ މަގުން ނުކުތް ސައިކަލު ދުއްވަން އިން މީހާގެ ނިތްކުރި ފަޅައިގެން ގޮސްފައިވެއެވެ.

މިދިޔަ މަހުގެ ތެރޭގައި މާލޭގައި އެކަނި 221 އެކްސިޑެންޓެއް ވަނީ ހިނގާފައެވެ. މީގެ ތެރެއިން އެންމެ ގިނައިން އެކްސިޑެންޓް ހިނގާފައި ވަނީ ރޯދަ މަހުގެ ފަހު ހަފްތާ ތެރޭގައެވެ. އެ ހަފްތާގައި 64 އެކްސިޑެންޓު ހިނގާފައިވާއިރު، މިއީ ނިސްބަތުން ދުވާލެއްގެ މައްޗަށް 10 ވަރަކަށް އެކްސިޑެންޓެވެ. މި އެކްސިޑެންޓު ތަކުގައި 54 މީހަކަށް އަނިޔާވެގެން ފަރުވާދީފައި ވެއެވެ.