ގިނަ ބަޔަކަށް ލޯނު ނުލިބުނީ އުސޫލާ އެއްގޮތަށް އެޕްލިކޭޝަން ނެތީމައި ކަމަށް ހަޔާ އެޑިއުކޭޝަން މިނިސްޓާ، ޑރ އިބްރާހިމް ހަސަން ވިދާޅުވެއްޖެއެވެ.

މިނިސްޓަރު ވިދާޅުވީ، ގިނަ ފަރާތްތައް ޑިސްކޮލިފައިވީ އާންމު ކުރެވުނު އުސޫލާއި އިއުލާނާއި ހިލާފަށް އެޕްލިކޭޝަން ހުށަހަޅާފައި ވާތީ ކަމަށެވެ. އަދި ޑިސްކޮލިފައިވި ސަބަބު ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ހާމަ ކުރައްވާނެ ކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ. މިނިސްޓަރު ވިދާޅުވީ، ބާކީ ހުރި ޖާގަތަކުގައި ކިޔެވުމަށް އަނެއްކާވެސް މި މަހު 20 އިން ފެށިގެން ލޯނަށް އިއުލާން ކުރާނެ ކަމަށެވެ.

މިނިސްޓަރު މިހެން ވިދާޅުވުން، އެއަށް ރައްދު ދެއްވަމުން، މާފަންނު ދެކުނު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ ވިދާޅުވީ އެޕްލިކޭޝަން ފުރިހަމަ ނުވުމުގެ ސަބަބުން ޑިސްކޮލިފައި ވެގެން، ހައިލީ ކޮލިފައިޑް ދަރިވަރުންގެ ފުރުސަތު އެ ރައުންޑްގައި ގެއްލިގެން ހިނގައިދާނެތީ، ފުރިހަމަނުވެ އޮތް ކަމެއް ވަގުތު ހަމަ ވުމުގެ ކުރިން ރަނގަޅުކޮށްލަން އަންގާލުން މުހިންމު ކަމަށް ދެންނެވި ކަމަށެވެ. ނަމަވެސް ކޮލިފައި ވި އަދަދުން އެނގެނީ އެކަން އެގޮތަށް ނުދިޔަކަމެވެ.

ލޯނު ލިބުނު ފަރާތްތަކުގެ ތަފުސީލު ހަޔާ އެޑިއުކޭޝަން މިނިސްޓްރީން އިއްޔެ ވަނީ އާއްމުކޮށްފަ އެވެ. އޭގައިވާ ގޮތުން، ލޯނު ހަމަޖެހުނީ ކުރިމަތިލީ 242 މީހުންގެ ތެރެއިން 79 މީހަކަށެވެ.

ހަޔާ އެޑިއުކޭޝަނުގެ އިއުލާނުގައި ބުނީ ލޯނު ލިބޭ ދަރިވަރުންނަށް މި މަހުގެ 11، 12 ގައި އީމެއިލް އަކުން އަންގާނެ ކަމަށެވެ. އެކަމާ ބެހޭ މައުލޫމާތު ސާފު ކުރުމުގެ ފުރުސަތު އަންނަ ހަފުތާގައި އޮންނާނެ ކަމަށް ވެސް ބުންޏެވެ.