ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާ ބައްދަލު ކުރައްވައިފިއެވެ.

މިއަދު މަޖިލިސް ރައީސް، ފޮރިން މިނިސްޓަރާ ބައްދަލު ކުރެއްވީ އިންޑިއާގެ ބޮޑު ވަޒީރު ނަރެންދްރަ މޯދީ މާދަމާ ރާއްޖެއަށް ވަޑައިގަންނަވާތީ އެކަމާ ބެހޭ ގޮތުން މަޝްވަރާ ކުރެއްވުމަށް ކަމަށް ބެލެވެއެވެ.

މޯދީ ރާއްޖެ ވަޑައިގެން، ރައްޔިތުންގެ މަޖިލީހުގައި ތަގްރީރު ކުރެއްވުމާއި ބެހޭ ގޮތުން މަޝްވަރާ ކުރެއްވުމަށް މަޖިލިސް ރައީސް ވަނީ މިއަދު ޕާލިމަންޓަރީ ގްރޫޕުގެ ލީޑަރުންނާ ވެސް ބައްދަލު ކުރައްވާފައެވެ. މި ބައްދަލު ކުރެއްވުމަށްފަހު މަޖިލިސް ރައީސް ވަނީ ބައްދަލު ކުރެއްވުމުގައި ބައިވެރިވެ ވަޑައިގެންނެވި ޕާލިމަންޓްރީ ގްރޫޕްގެ މެންބަރުންނަށް ޝުކުރު ދަންނަވާފައެވެ.

މިއީ އިންޑިއާގެ ބޮޑު ވަޒީރު މޯދީ، ދެވަނަ ދައުރަކަށް އިންތިހާބު ވެވަޑައިގަތުމަށް ފަހު، ބޭރު ގައުމަކަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ. މޯދީ ރާއްޖެ ވަޑައިގަންނަވަނީ މާދަމާ މެންދުރު ފަހުއެވެ.