ހުކުރު ނަމާދަށް ހުއްޓާ ވެއްޓި ނައިބު ރައީސް، ފައިސަލް ނަސީމާއި އެމަނިކުފާނުގެ ސެކިއުރިޓީން އެހީތެރިކަން ފޯރުކޮށްދިން މީހާ މަރުވެއްޖެއެވެ.

މިއަދު ޒިޔާރަތް މިސްކިތުގައި ނަމާދަށް ހުއްޓާ ބޯ އަނބުރައިގެން ވެއްޓުނު 44 އަހަރުގެ ފިރިހެން މީހާ އައިޖީއެމްއެޗްގައި ޓެސްތުތަކެއް ހެއްދުމަށް ފަހު، އިތުރު ފަރުވާ ދެމުން ދަނިކޮށް މަރުވެފައިވާ ކަމަށް އެ ހޮސްޕިޓަލުން ބުނެއެވެ. އޭނާ މަރުވާން މެދުވެރިވި ސަބަބު އަދި ނޭނގޭ ކަމަށް އައިޖީއެމްއެޗުން ބުނެއެވެ.

މިއަދު ނައިބު ރައީސް، ހުކުރަށް ވަޑައިގެންނެވި ޒިޔާރަތް މިސްކިތުގައި ނަމާދަށް ހުރި މީހަކު ހޭނެތިގެން ވެއްޓުމުން، އެ މީހާއަށް އެހީތެރިކަށް ފޯރުކޮށް ދެއްވީ ނައިބު ރައީސާއި، އެމަނިކުފަނުގެ ސެކިއުރިޓީންނެވެ. އެމަނިކުފާނުގެ ސެކިއުރިޓީން، ވެއްޓުނު މީހާ ނަގައިގެން ގެންގޮސް ނައިބު ރައީސްގެ ކާރުކޮޅުގައި ހޮސްޕިޓަލަށް ގެންދިޔުމަށް ކުރި މަސައްކަތުގައި އަމަލީ ގޮތުން ނައިބު ރައީސް ބައިވެރިވެވަޑައިގެންނެވިއެވެ.

ނަމާދަށް ހުއްޓާ ވެއްޓުނު މީހާއަށް ނައިބު ރައީސް އެހީތެރިކަން ފޯރުކޮށްދެއްވަނިކޮށް، މީހަކު ވަނީ ފޮޓޯ ނެގުމަށް ފަހު، ސޯޝަލްމީޑިއާގައި އެ ފޮޓޯތައް ހިއްސާކޮށްފައެވެ. ސޯޝަލް މީޑިއާގައި މި ފޮޓޯތައް އާންމު ވުމާއި ގުޅިގެން، ވަރަށް ގިނަ ބަޔަކު ދަނީ އެކަމަށް ތައުރީފް ކުރަމުންނެވެ. ނައިބު ރައީސްގެ ޓީމުގެ ފަރާތުން ދައްކާފައިވަނީ ވެރިންގެ ފަރާތުން ފެންނަންޖެހޭ ވަރަށް ފުރިހަމަ މިސާލެއް ކަމަށް ބުނެ، ގިނަ ބަޔަކު ދަނީ ތައުރީފު ކުރަމުންނެވެ.