ހުކުރު ނަމާދަށް ހުއްޓާ ވެއްޓުުނު މީހަކަށް ނައިބު ރައީސް، ފައިސަލް ނަސީމާއި އެމަނިކުފާނުގެ ސެކިއުރިޓީން އެހީތެރިކަން ފޯރުކޮށްދީފިއެވެ.

މިއަދު ނައިބު ރައީސް، ހުކުރަށް ވަޑައިގެންނެވި ޒިޔާރަތް މިސްކިތުގައި ނަމާދަށް ހުރި މީހަކު ހޭނެތިގެން ވެއްޓުމުން، އެ މީހާއަށް އެހީތެރިކަށް ފޯރުކޮށް ދެއްވީ، ނައިބު ރައީސާއި، އެމަނިކުފަނުގެ ސެކިއުރިޓީންނެވެ. އެމަނިކުފާނުގެ ސެކިއުރިޓީން، ވެއްޓުނު މީހާ ނަގައިގެން ގެންގޮސް ނައިބު ރައީސްގެ ކާރުކޮޅުގައި ހޮސްޕިޓަލަށް ގެންދިޔުމަށް ކުރި މަސައްކަތުގައި އަމަލީ ގޮތުން ނައިބު ރައީސް ބައިވެރިވެވަޑައިގެންނެވިއެވެ.

ނަމާދަށް ހުއްޓާ ވެއްޓުނު މީހާއަށް ނައިބު ރައީސް އެހީތެރިކަން ފޯރުކޮށްދެއްވަނިކޮށް، މީހަކު ވަނީ ފޮޓޯ ނެގުމަށް ފަހު، ސޯޝަލްމީޑިއާގައި އެ ފޮޓޯތައް ހިއްސާކޮށްފައެވެ. ސޯޝަލް މީޑިއާގައި މި ފޮޓޯތައް އާންމު ވުމާއި ގުޅިގެން، ވަރަށް ގިނަ ބަޔަކު ދަނީ އެކަމަށް ތައުރީފް ކުރަމުންނެވެ. ނައިބު ރައީސްގެ ޓީމުގެ ފަރާތުން ދައްކާފައިވަނީ ވެރިންގެ ފަރާތުން ފެންނަންޖެހޭ ވަރަށް ފުރިހަމަ މިސާލެއް ކަމަށް ބުނެ، ގިނަ ބަޔަކު ދަނީ ތައުރީފު ކުރަމުންނެވެ.

ނަމާދަށް ހުއްޓާ ވެއްޓުނު މީހާއަށް ނައިބު ރައީސް ފައިސަލް ނަސީމްގެ ސެކިއުރިޓީން އެހީތެރިކަން ފޯރުކޮށްދެނީ

ނައިބު ރައީސް ފައިސަލް އަކީ ހިތްޕުޅު ހެޔޮ ބޭފުޅެއް ކަމަށް މީހުން ދަނީ ސިފަ ކުރަމުންނެވެ. އަދި އެމަނިކުފާނު ދެއްކެވި ނަމޫނާއަށް އައްސަރިބަހާއި ސާބަސް ރައްދުކުރަމުން މީހަކު ބުނީ، ވެރިންނަކީ ރައްޔިތުންގެ ހާދިމުންކަން މިއަދު ނައިބު ރައީސްގެ އަމަލުފުޅުން ދައްކަވައިފި ކަމަށެވެ.