18 ވަނަ ރައްޔިތުންގެ މަޖިލީހުގައި މަސައްކަތް ކުރި ގޮތަށް 19 ވަނަ މަޖިލީހުގައި މަސައްކަތް ކޮށްގެން ނުވާނެ ކަމަށް ޕީއެންސީގެ ނައިބު ރައީސް އަދި ބާރަށު ދާއިރާގެ ކުރީގެ މެންބަރު އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެއެވެ.

ޝުޖާއު މިހެން ވިދާޅުވީ، މިނިސްޓާ އޮފް ޔޫތް އެންޑް ސްޕޯޓްސް އަހްމަދު މަހްލޫފް މިއަދު ކުރެއްވި ޓްވީޓެއްގައި ނިމުނު މަޖިލީހުގަ ބައެއް ދުވަހު ހެނދުނު ފަށާގޮތަށް ދަންވަރު ވެސް މަޖިލީސް ނިންމާފައި ހުރި ކަމަށް ވިދާޅުވުމާއި ގުޅިގެން، އެކަމަށް ރައްދުު ދެއްވަމުންނެވެ.

ޝުޖާއު ވިދާޅުވީ، ނަޒާހަތްތެރި 19 ވަނަ މަޖިލީހެއް ހޯދީ، ކުރީގެ މަޖިލީހުގައި މަސައްކަތް ކުރީ ރަނގަޅަށް ނޫން ކަމަށް ރައްޔިތުންނަށް ވިސްނައި ދީގެން ކަމަށާއި، ކުރީގެ މަޖިލީހުގައި މަސައްކަތް ކުރި ގޮތަށް 19 ވަނަ މަޖިލީހުގައި މަސައްކަތް ކޮށްގެން ނުވާނެ ކަމަށެވެ.

އިންޑިއާގެ ބޮޑު ވަޒީރު ނަރެންދްރަ މޯދީ ރައްޔިތުންގެ މަޖިލީހުގައި ތަގުރީރު ކުރައްވާ ވަގުތު ދެ ނަމާދު ދޭތެރެއަށް ވާތީ، އެކަމާ އިދިކޮޅު މެންބަރުން އަންނަނީ ކަންބޮޑުވުން ފާޅުކުރައްވަމުންނެވެ. އެކަމާ ގުޅިގެން، އިދިކޮޅު ޕީޕިއެމްގެ ނައިބު ރައީސް އަހުމަދު ޝިޔާމް ކުރެއްވި ޓްވީޓެއްގައި ވަނީ ދިވެހި ރާއްޖޭގެ ގާނޫނު ހަދާ މަޖިލީހުގައި އިންޑިއާގެ ބޮޑުވަޒީރު ތަގުރީރު ކުރައްވާ ޖަލްސާ ދެ ނަމާދު (މަޢްރިބު އަދި އިޝާ) ދޭތެރޭއަށް ވާގޮތަށް މަޖިލިސް ރައީސް އެޖެންޑާ ކުރެއްވުމުގެ މަޖުބޫރު ކަމަކީ ކޮބައިތޯ ސުވާލު އުފައްދަވާފައެވެ.

ޝިޔާމް ވިދާޅުވީ، މަޖިލީހުގައި ދީނާއި ސިޔާސަތު ވަކި ކުރުމުގެ ވިސްނުމެއް ގެންގުޅެން ޖެހޭ ކަމަށެވެ. ޝިޔާމްގެ މި ޓްވީޓަށް ރައްދު ދެއްވަމުން މިނިސްޓަރު މަހްލޫފް ވިދާޅުވީ، މަޢްރިބް ނަމާދު ޖަމާއަތުގައި ކުރުމަށް ފަހު މޯދީގެ ތަގުރީރު އައްސަވާފައި، އިޝާ ނަމާދަށް ޖަމާއަތަށް ވަޑައިގެންނެވޭނެ ކަމަށެވެ. އަދި ނިމުނު މަޖިލީހުގަ ބައެއް ދުވަހު ހެނދުނު ފަށާގޮތަށް ދަންވަރު ވެސް ނިންމާފައި އެބަ ހުރި ކަމަށް މިނިސްޓަރު މަހްލޫފް ވިދާޅުވިއެވެ. ޝިޔާމް ޓެގް ކުރައްވާ މަހްލޫފް ވިދާޅުވީ، ދެނަމާދުދޭތެރެ ނޫން ގަޑިއެއް ނާންނަ ކަމަށެވެ. އެގޮތުން، އެއްދުވަހު ފަތިސް ނަމާދުން ފެށިގެން އަނެއް ދުވަހު ފަތިސް ނަމާދާއި ހަމައަށް ވެސް އަންނަނީ ހުސް ދެ ނަމާދު ދޭތެރެ ކަމަށެވެ.

ހޮނިހިރު ދުވަހު މޯދީ ރާއްޖެއަށް ކުރައްވާ ދަތުރުފުޅުގައި، ރައްޔިތުން މަޖިލީހުގައި ތަގުރީރު ކުރައްވަން މަޖިލީހުގެ ގިނަ މެންބަރުން ވަނީ ތާއިދުކުރައްވާފައެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ އެދިވަޑައިގަތުމުގެ މަތިން، މޯދީ މަޖިލީހުގައި ތަގުރީރު ކުރެއްވުމާ ގުޅޭގޮތުން މެންބަރުންނާއި މަޝްވަރާ ކުރެއްވުމަށް ފަހު، ގޮތް ނިންމީ 80 މެންބަރުންގެ ވޯޓާއި އެކުގައެވެ.

މިއީ މޯދީ ރާއްޖެ ވަޑައިގަންނަވާ ދެވަނަ ފަހަރެވެ. މޯދީ ފުރަތަމަ ރާއްޖެއަށް ވަޑައިގެންނެވީ ރައީސް ސޯލިހު މަގާމުގެ ހުވާކުރެއްވި ހަފުލާއަށެވެ.