ސޫދާންގެ ވެރިރަށް ޚާރުތޫމްގައި ކުރަމުންދާ މުޒާހަރާތައް ރޫޅާލުމުގެ ނަމުގައި ހިންގަމުންދާ ކުރިމަތިލުންތަކުގައި މަރުވި މީހުންގެ އަދަދު 106 އަށް އަރާފައިވާކަމަށް، އިދިކޮޅު ފަރާތްތަކާ ގުޅިފައިވާ ސިއްހީ އެހީތެރިންގެ ޓީމަކުން ބުނެފިއެވެ.
ކަންމިހެން އޮތްއިރު، ސޫދާންގެ ސިއްހަތާ ބެހޭ ވުޒާރާއިން ބުނީ ކުރިމަތިލުންތަކުގައި މަރުވެފައިވަނީ 46 މީހުން ކަމަށެވެ.
ސޫދާންގައި ކުރަމުންދާ މުޒާހަރާތައް ހުއްޓުމަކަށް ގެނެސް، މުޒާހަރާގެ ބައިވެރިން ފަހަތަށް ޖެއްސުމަށް އެގައުމުގެ އަސްކަރިއްޔާއިން ފުރިހަމަ ބާރާއެކު މަގުތަކަށް ނިކުމެފައިވަނީ އެ މުޒާހަރާތަކަކީ ގައުމީ ސަލާމަތަށް ހުރި ނުރައްކަލެއް ކަމަށް ސޫދާންގައި ވަގުތީ ގޮތުން ވެރިކަން ކުރަމުން އަންނަ ސަރުކާރުން ކަނޑައެޅުމާއެކުގައެވެ.
ޚާރުތޫމްގައި ކުރަމުންދާ މުޒާހަރާތައް ރޫޅާލުމަށް ނެރުނު އޯޑަރާއެކު އަސްކަރިއްޔާއިން ހިންގި އަމަލުތަކުގައި ބައެއްގެ ފުރާނަ ގެއްލިފައިވާއިރު، އިންސާފުވެރި ގޮތެއްގައި އެ މައްސަލަ ބަލަން ފަށާފައިވާކަމަށް، ސޫދާން މިލިޓްރީ ކައުންސިލްގެ ނައިބު ވަނީ ވިދާޅުވެފައެވެ.
ސޫދާންގެ މަސްރަހު މިހާ ހޫނުވެފައި މިވަނީ، އެތައް އަހަރެއް ވަންދެން ވެރިކަން ކުރަމުންދިޔަ އުމަރު އަލް ބަޝީރުގެ ވެރިކަން ވައްޓާލުމަށް ގިނަ ދުވަސްތަކެއް ވަންދެން އާންމުން ކުރި މުޒާހަރާތަކަށްފަހުވެސް އެގައުމަށް ފުރިހަމަ މިނިވަންކަމެއް ލިބިފައި ނުވާތީ ކަމަށް މުޒާހަރާގެ ބައިވެރިންނާ ހަވާލާދީ މީޑިއާ ރިޕޯޓްތައް ބުނެއެވެ.