މަޢްރިބް ނަމާދު ޖަމާއަތުގައި ކުރުމަށް ފަހު މޯދީގެ ތަގުރީރު އައްސަވާފަ، އިޝާ ނަމާދަށް ޖަމާއަތަށް ވަޑައިގެންނެވޭނެ ކަމަށް މިނިސްޓާ އޮފް ޔޫތް އެންޑް ސްޕޯޓްސް އަހްމަދު މަހްލޫފް ވިދާޅުވެއްޖެއެވެ.

އިންޑިއާގެ ބޮޑު ވަޒީރު ނަރެންދްރަ މޯދީ ރައްޔިތުންގެ މަޖިލީހުގައި ތަގުރީރު ކުރައްވާ ވަގުތު ދެ ނަމާދު ދޭތެރެއަށް ވަންނާތީ، އެކަމާ އިދިކޮޅު މެންބަރުން އަންނަނީ ކަންބޮޑުވުން ފާޅުކުރައްވަމުންނެވެ. އެކަމާ ގުޅިގެން، އިދިކޮޅު ޕީޕިއެމްގެ ނައިބު ރައީސް އަހުމަދު ޝިޔާމް ކުރެއްވި ޓްވީޓެއްގައި ވަނީ ދިވެހި ރާއްޖޭގެ ގާނޫނު ހަދާ މަޖިލީހުގައި އިންޑިއާގެ ބޮޑުވަޒީރު ތަގުރީރު ކުރައްވާ ޖަލްސާ ދެ ނަމާދު (މަޢްރިބު އަދި އިޝާ) ދޭތެރޭއަށް ވާގޮތަށް މަޖިލިސް ރައީސް އެޖެންޑާ ކުރެއްވުމުގެ މަޖުބޫރު ކަމަކީ ކޮބައިތޯ ސުވާލު އުފައްދަވާފައެވެ.

ޝިޔާމް ވިދާޅުވީ، މަޖިލީހުގައި ދީނާއި ސިޔާސަތު ވަކި ކުރުމުގެ ވިސްނުމެއް ގެންގުޅެން ޖެހޭ ކަމަށެވެ. ޝިޔާމްގެ މި ޓްވީޓަށް ރައްދު ދެއްވަމުން މިނިސްޓަރު މަހްލޫފް ވިދާޅުވީ، މަޢްރިބް ނަމާދު ޖަމާއަތުގައި ކުރުމަށް ފަހު މޯދީގެ ތަގުރީރު އައްސަވާފަ، އިޝާ ނަމާދަށް ޖަމާއަތަށް ވަޑައިގެންނެވޭނެ ކަމަށެވެ. އަދި ނިމުނު މަޖިލީހުގަ ބައެއް ދުވަހު ހެނދުނު ފަށާގޮތަށް ދަންވަރު ވެސް ނިންމާފައި އެބަ ހުރި ކަމަށް މިނިސްޓަރު މަހްލޫފް ވިދާޅުވިއެވެ.

ފަތިސް- މެންދުރު- އަސުރު- މަޢްރިބް- އިޝާ- ފަތިސް. ހައްތަަހާވެސް ސެ ނަމާދު ދޭތެރެ ނޫންތޯ؟
މަހްލޫފް

ޝިޔާމް ޓެގް ކުރައްވާ މަހްލޫފް ވިދާޅުވީ، ދެ ނަމާދު ދޭތެރެ ނޫން ގަޑިއެއް ނާންނަ ކަމަށެވެ. އެގޮތުން، އެއްދުވަހު ފަތިސް ނަމާދުން ފެށިގެން އަނެއް ދުވަހު ފަތިސް ނަމާދާއި ހަމައަށް ވެސް އަންނަނީ ހުސް ދެ ނަމާދު ދޭތެރެ ކަމަށެވެ.

ހޮނިހިރު ދުވަހު މޯދީ ރާއްޖެއަށް ކުރައްވާ ދަތުރުފުޅުގައި، ރައްޔިތުން މަޖިލީހުގައި ތަގުރީރު ކުރައްވަން މަޖިލީހުގެ ގިނަ މެންބަރުން ވަނީ ތާއިދުކުރައްވާފައެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ އެދުމުގެ މަތިން، މޯދީ މަޖިލީހުގައި ތަގުރީރު ކުރެއްވުމާ ގުޅޭގޮތުން މެންބަރުންނާއި މަޝްވަރާ ކުރެއްވުމަށް ފަހު، ގޮތް ނިންމީ 80 މެންބަރުންގެ ވޯޓާއި އެކުގައެވެ.

މިއީ މޯދީ ރާއްޖެ ވަޑައިގަންނަވާ ދެވަނަ ދަތުރުފުޅެވެ. މޯދީ ފުރަތަމަ ރާއްޖެއަށް ވަޑައިގެންނެވީ ރައީސް ސޯލިހު މަގާމުގެ ހުވާކުރެއްވި ހަފުލާއަށެވެ.