ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރަށް ދެމުންދާ ސެކިއުރިޓީ އެންމެ ފަހުން ރިވިއު ކުރިތާ އަދި ވީ މަހެއްހާ ދުވަސް ކަމަށް މޯލްޑިވްސް ޕޮލިސް ސާވިސަސް އިން ބުނެފިއެވެ.

ފުލުހުން ބުނީ، އުމަރަށް ސެކިއުތިޓީ ދޭން ފަށާފައި ވަނީ 2016 ވަނަ އަހަރުގެ ޖުލައި 31 ވަނަ ދުވަހުން ފެށިގެން ކަމަށެވެ. އަދި އޭނާއަށް ސެކިއުރިޓީ ދޭން ފެށީ، އޭނާއަށް އިންޒާރު ދިން މައްސަލައެއްގައި ފުލުހުންގެ އިންޓެލިޖެންސް ރިޕޯޓަށް ބިނާކޮށް ކަމަށް ފުލުހުން ބުނެއެވެ.

އުމަރަށް ފުލުހުންގެ ސެކިއުރިޓީ ދޭން ފެށިފަހުން، އޭނާއަށް ސެކިއުރިޓީ ފޯރުކޮށްދޭން ޖެހޭ ސަބަބެއް އޮތްތޯ ބެލުމަށް، ފުލުހުން ވަނީ އެކިފަހަރު މަތިން ސެކިއުރިޓީ ރިވިއު ކޮށްފައެވެ. އެގޮތުން، މިދިޔަ ސަރުކާރު ބަދަލު ވި ފަހުން ވެސް އުމަރުގެ ސެކިއުރިޓީ ރިވިއު ކޮށްފައި ވާއިރު، މީގެ މަހެއްހާ ދުވަސް ކުރިން ވެސް މި ސެކިއުރިޓީ ރިވިއު ކޮށްފައި ވާނެ ކަމަށް ފުލުހުން ބުނެއެވެ. ފުލުހުން ބުނީ އުމަރަށް ދެމުންދާ ސެކިއުރިޓީ ދަނީ މިހާރު ވެސް ރިވިއު ކުރަމުން ކަމަށެވެ.

އުމަރަށް ސެކިއުރިޓީ ފޯރުކޮށްދެނީ ކީއްވެތޯ އަހާ އާންމުންގެ މީހަކު ވަނީ ޓްވީޓެއް ވެސް ކޮށްފައެވެ. އެމްއެންޑީއެފާއި ފުލުހުން ޓެގް ކޮށް އޭނާ ކުރި ޓްވީޓްގައި، އުމަރު ނަސީރު ވަޑައިގަންނަވާހާ ތަނަކަށް އޭނާއާ އެކު ސެކިއުރިޓީ ދަނީ، އޭނާއަކީ މި ގައުމުގައި ސިޔާސީ ގޮތުން ކިހާ ވަރެއްހެ ބުރަދަނެއް ހުރި ބޭފުޅަކަށް ވީމާތޯ އަހާ ސުވާލު ކޮށްފައިވެއެވެ.

އުމަރު އަށް ސެކިއުރިޓީ ފޯރުކޮށްދެމުން އަންނަނީ 2016 ވަނަ އަހަރު އޭނާ ހޯމް މިނިސްޓަރުކަމުން އިސްތިއުފާ ދެއްވިތާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ގޭންގަކަށް ނިސްބަތްވާ ބަޔަކު އޭނާގެ އޮފީސް ކައިރިއަށް ގޮސް އިންޒާރު ދިން މައްސަލައެއް ފުލުހުންނަށް ހުށަހެޅުމާއި ގުޅިގެންނެވެ. ގޭންގުތަކުގެ އިންޒާރާއި އޭރުގެ ސަރުކާރުގެ ތެރެއިން ފިއްތުންތައް އުމަރަށް ކުރިމަތިވީ ހޯމް މިނިސްޓަރު ކަމުގައި ހުންނަވާ، ނުރައްކާތެރި ކުށްވެރިންގެ ގައިގައި ޓެގް އެޅުވުމާއި ގުޅިގެންނެވެ.

ސޯޝަލްމީޑިއާގައި ދައުރުވަމުންދާ ލިޔުމަކުން އެނގޭގޮތުގައި އުމަރު ވަނީ ސެކިއުޓިރީ ބޭނުންފުޅުވެގެން ޖެނުއަރީ 26، 2014 ގައި ޑިފެންސުގައި އެދިވަޑައިގެންފައެވެ. އެސިޓީގައި 24 ގަޑިއިރު ސެކިއުރިޓީ ދިނުން ނުވަތަ އޭނާގެ އަތްޕުޅަށް ފިސްތޯލައެއް ދޫކޮށް ދެއްވުމަށް އެދިވަޑައިގެންފައި ވެއެވެ.