3 ކިލޯގެ މަސްތުވާތަކެތީގެ މައްސަލައިގައި ހައްޔަރު ކުރި ދެމީހުން ދޫކޮށްލީ ޝަރީއަތް ކުރުމާ ބެހޭ ޖިނާއީ އިޖުރާއާތުގެ ގަވާއިދުގެ 8 ވަނަ ނަންބަރުގައި ބުނާ ޝަރުތުތައް ފުލުހުން ފުރިހަމަ ނުކޮށް އޮތުމުން ކަމަށް ޑިޕާޓުމަންޓް އޮފް ޖުޑީޝަލް އެޑިމިނިސްޓްރޭޝަނުން ބުނެފިއެވެ.

"ދަ ޕްރެސް" އަށް މައުލޫމާތު ދެއްވަމުން، ޑީޖޭއޭގެ އޮފިޝަލަކު ވިދާޅުވީ، ފުރަތަމަ ފަހަރަށް މި ދެ މީހުން ހައްޔަރު ކުރުމަށް ފަހު، ދޫކޮށްލީ، މި މީހުން ހައްޔަރު ކުރުމަށް ނެރުނު އަމުރުގެ ފަހު ގަނޑުގައި ގާޒީގެ ނަން ނެތުމުން ކަމަށެވެ. އޭނާ ވިދާޅުވީ، މި ދެމީހުން ފަހުން ހައްޔަރު ކޮށްފައިވަނީ، ހުޅުމާލޭ ކޯޓުގެ އަމުރަކަށް ކަމަށެވެ. އަދި މިއަދު މި މީހުންގެ ދޫކޮށްލީ ވެސް ހުޅުމާލޭ ކޯޓުން ކަމަށެވެ. ނަމަވެސް، ފުލުހުން ބުނެފައިވާ ގޮތުގައި، މިއަދު މި މީހުން ދޫކޮށްލީ ކްރިމިނަލް ކޯޓުންނެވެ.

އޮފިޝަލް އިތުރަށް ވިދާޅުވީ، މިއަދު މި ދެމީހުން ދޫކޮށްލީ އެ ގަވާއިދުގެ 8 ވަނަ ނަންބަރުގައި ބުނާ ޝަރުތުތައް ކަމުގައިވާ، މައްސަލަ ބަލާ ފަރާތް ކޯޓަށް ހާޒިރު ވުމާއި، އޭނާއަށް ހާޒިރު ނުވެވޭ ހާލަތެއްގައި ނަމަ، އެ އިދާރާއެއްގެ ރަސްމީ ލިޔުމެއް ގެނައުމަށް ބުނެފައި އޮތް އޮތުން ފުލުހުން ފުރިހަމަ ކޮށްފައި ނެތުމުންނެވެ.

ޑީޖޭއޭ އިން ބުނީ މިއަދު ހުޅުމާލެ ކޯޓަށް ހާޒިރު ވީ މައްސަލަ ބަލާ އައިއޯ ނޫން ކަމަށާ، އަދި ބަދަލުގައި މީހަކު ފޮނުވާކަމުގެ ލިޔުމެއްވެސް ފުލުހުން ހުށަހަޅާފައި ނުވާކަމަށެވެ.

މި މައްސަލައިގައި ހައްޔަރު ކުރި ދެމީހުން މިހާރު މިނިވަން ވެފައި ވާއިރު މަސްތުވާތަކެތީގެ ގިނަ މައްސަލަތަކުގައި ހައްޔަރުވާ މީހުން ނިޒާމުގެ ތެރެއިން ދޫވެގެން ދާކަން ފާހަގަ ކުރެވެއެވެ. އަދި މިއީ މައްސަލަ ބަލާ ފަރާތްތަކައި މުއައްސަސާތަކުން ގާނޫނާއި ގަވާއިދު ތަކަށް އަހުލުވެރިވެފައި ވުން ކުޑަވުމުގެ ސަބަބުން ދިމާވާ މައްސަލައެއްތޯ މިހާރު ވަނީ ސުވާލު އުފެދިފައެވެ.

އަދި މިހާދިސާގައި ހިމެނޭ ދެމީހުންގެ ތެރެއިން އެކަކީ ޕީޖީ އޮފީހުގެ ވަކީލެއްގެ އާއިލާގެ މީހެއް ކަމަށް ބުނާއިރު ދެވަނަ މީހާއަކީ ކްރިމިނަލް ކޯޓުގެ މީހަކާ އާއިލީ ގުޅުން އޮންނަ މީހެއް ކަމަށް ބުނާ ވާހަކަ އެކޯޓުން ވަނީ ދޮގުކޮށްފައެވެ.