ރާއްޖޭގައި އެހެން ގައުމެއްގެ މިލިޓަރީ ބޭސް އެއް ހެދުމަކީ ރައްޔިތުގެ ހިތްތަކަށް ބިރުވެރިކަން ވެއްދުން ކަމަށް ނައިފަރު ދާއިރާގެ މެންބަރު އަހްމަދު ޝިޔާމް ވިދާޅު ވެއްޖެއެވެ.

ޝިޔާމް ވިދާޅުވީ، ރާއްޖޭގެ އެއްވެސް ސަރަހައްދެއްގައި އެހެން ގައުމެއްގެ މިލިޓަރީ ބޭސް އެއް ހަދައިފި ނަމަ އެކަން ވެގެން ދާނީ ދިވެހި ރައްޔިތުން އިންތިހާއަށް ކަންބޮޑުވާނެ އަދި ގައުމީ ސަލާމަތާއި، މިނިވަންކަމާއި، އިސްތިގްލާލަށް ހުރި ނުރައްކަލެއް ކަމަށެވެ. އަދި ރައްޔިތުންގެ ހިތްތަކުގައި އުފެދިފައިވާ ބިރުވެރި ކަމަށް ސަރުކާރުން ޖަވާބުދާރީ ވާން ޖެހޭ ކަމަށް ވެސް ޝިޔާމް ވިދާޅުވިއެވެ.

މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އުތުރު ތިލަ ފަޅު ޕްރޮޖެކްޓްގެ ޑިވެލޮޕްމަންޓް ޕްލޭންގެ ފޮޓޯ އަކާއި އެކު ޝިޔާމް ކުރެއްވި ޓްވީޓާއި ގުޅިގެން އާންމުންގެ މީހަކު ކުރި ކޮމެންޓެއްގައި ރައްޔިތުންނާއިގެން މި ސަރުކާރު ނޫޅޭ ކަމަށާއި އެޖެންޑާ 19 ގައި އޮތީ އަވަސް ގޮތަކަށް ދައުލަތް ލޫޓުވާލައި ފުރުން ކަމަށް ބުނެފައިވެއެވެ.

މީގެ އިތުރުން މީހަކު ކުރި ކޮމެންޓެއްގައި ބުނީ، ފޮޓޯ އިން ފެންނަ ބޭސް އަކީ އެއީ ކުޑަކުދިންގެ ބަގީޗާގައި ކުރިން އޮތް ކިނބޫ މަރާލުމަށްފަހު ވަޅުލި އެމްއެންޑީއެފްގެ ބޭސް އެއް ކަމަށެވެ.

ރާއްޖޭގައި އެހެން ގައުމެއްގެ މިލިޓަރީ ބޭސް އެއް ހަދަން ސަރުކާރުން ހުއްދަ ދޭން އުޅޭ ކަމުގެ އިޝާރާތެއް ޝިޔާމް ކުރެއްވި އިރު، އިދިކޮޅުގެ އެހެން ބައެއް ފަރާތްތަކުން ވެސް ވަނީ މިފަދަ އިޝާރާތްތަކެއް ކޮށްފައެވެ. އެގޮތުން، ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވަނީ، މިސަރުކާރުން އައްޑޫގައި އިންޑިއާ ސިފައިންގެ އަސްކަރީ މަރުކަޒެއް ހަދަން މަސައްކަތްކުރާ ކަމަށް ވިދާޅުވެފައެވެ. އުމަރު ވިދާޅުވީ، އިންޑިއާ އިން ރާއްޖޭގައި އޮޕަރޭޓްކުރާ ދެ ހެލިކޮޕްޓަރުގެ ބޭނުމަކީ އޮޅުވާލުމެއްގެ ތެރެއިން އިންޑިއާ ސިފައިން ރާއްޖޭގައި ގެންގުޅުން ކަމަށެވެ. އަދި ހެލިކޮޕްޓަރުތައް އޮޕަރޭޓް ކުރުމުގައި ދިވެހި ސަރުކާރަށް ކޮންޓްރޯލް ނޯންނަ ކަމަށްވެސް އޭނާ ވިދާޅުވެފައި ވެއެވެ. މީގެ އިތުރުން އިންޑިއާއިން ރާއްޖޭގައި ބަހައްޓަމުން އަންނަ ރާޑަރުތައް ބެލެހެއްޓުމުގެ ނަމުގައި ވެސް އިންޑިއާގެ އިތުރު ސިފައިން އަންނާނެ ކަމަށް ވެސް އުމަރު ތުހުމަތު ކުރެއްވިއެވެ.

ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ފޮނުވާލަން އުމަރު ވަނީ ފާޅުގައި ގޮވާލައްވާފައެވެ. އުމަރުގެ އިތުރުން ރާއްޖޭގައި އިންޑިއާގެ ސިފައިން ތިބުމާއި ދެކޮޅަށް ކުރީގެ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް އުމަރު ވެސް ވަނީ ވާހަކަ ދައްކަވާފައެވެ. އެގޮތުން އޭނާ ވިދާޅުވީ، ރާއްޖޭގައި އިންޑިއާ ސިފައިން ތިބުމަކީ އެއްވެސް ގޮތަކަށް ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. އިންޑިއާ ސިފައިން ރާއްޖޭގައި ތިބުމަކީ ރާއްޖޭގެ ސަލާމަތީ ބާރު ތަކަށް އެމީހުންގެ ނުފޫޒު ފޯރާނެ ކަމެއް ކަމަށް އާދަމް ޝަރީފު ވަނީ ވިދާޅުވެފައެވެ.

އިންޑިއާއާ ގުޅުންހުރި ވާހަކަތަކުގެ އަޑު ގަދަވަމުން އަންނަ މި ދަނޑިވަޅަކީ، އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ރާއްޖެއަށް ދަތުރުފުޅެއް ކުރެއްވުމަށް ހަމަޖެހިފައިވާ ދަނޑިވަޅެކެވެ. މޯދީގެ ދަތުރުފުޅު އޮތީ އަންނަ ހޮނިހުރު ދުވަހުއެވެ.

ސޯޝަލްމީޑިއާއާއި އެނޫންވެސް ފަރާތްތަކުން ތުހުމަތު ކުރާ ގޮތުގައި މޯދީގެ ދަތުރުފުޅުގެ އެންމެ ބޮޑު އަމާޒަކީ އަސްކަރިއްޔާއާއި ގުޅުން ހުރި އެއްބަސްވުންތަކެއް ގާއިމު ކުރެއްވުމެވެ.