އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން އައްޑޫ ސިޓީ ހުޅުދޫގައި ޑްރަގް ޑީޓޮކްސިފިކޭޝަން އެންޑް ކޮމިއުނިޓީ ރިހަބިލިޓޭޝަން ސެންޓަރެއް އެޅުމަށް ނިންމައިފިއެވެ.
މިނިސްޓްރީ އޮފް ފޮރިން އެފެއާޒުން ބުނީ، އިންޑިއާ ސަރުކާރުން ރާއްޖެއަށް ހަދިޔާ ކޮށްފައިވާ 100 މިލިއަން ރުފިޔާގެ ހިލޭ އެހީގެ ދަށުން 6 މިލިއަން ރުފިޔާ ހަރަދުކުރުމަށް ދިވެހި ސަރުކާރާއި ހަވާލުކޮށް އިތުރު މަޝްރޫއު އެއް ފަށަން ނިންމާފައިވާ ކަމަށެވެ. އެ މިނިސްޓްރީން މިއަދު ނެރުނު ނޫސްބަޔާނުގައިވާ ގޮތުން، އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ހަރަދު ކުރުމަށް ހަމަޖެހިފައިވަނީ، އައްޑޫ ސިޓީގެ ހުޅުދޫގައި ޑްރަގް ޑީޓޮކްސިފިކޭޝަން އެންޑް ކޮމިއުނިޓީ ރިހަބިލިޓޭޝަން ސެންޓަރެއް އެޅުމަށެވެ.
މި މަޝްރޫއުގެ ތެރެއިން ހުޅުދޫގައި އަޅާ ސެންޓަރަކީ މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ ފަރާތްތަކަށް ފަރުވާދިނުމަށް އަޅާ ސެންޓަރެކެވެ. މި ސެންޓަރުން އައްޑޫ ސިޓީގައި ފަރުވާއަށް ބޭނުންވެފައިވާ ފަރާތްތަކަށް ހިދުމަތް ދިނުމަށް ވަނީ ހަމަޖެހިފައެވެ. މި ސެންޓަރަށް ބޭނުންވާ އިމާރާތްތައް އެޅުމުގެ އިތުރުން ބައިނަލްއަގްވާމީ މިންގަނޑުތަކާ އެއްގޮތަށް ސެންޓަރު ހިންގުމަށްޓަކައި އެ ތަނުގައި މަސައްކަތް ކުރާ ކައުންސެލަރުންނާއި ސޯޝަލް ވަރކަރުންނާއި އެހެނިހެން މުވައްޒަފުންނަށް ތަމްރީނު ދިނުމުގެ މަގި ފަހިކޮށްދޭނެއެވެ. އައްޑު ސިޓީ ހުޅުދޫގައި މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ ފަރާތްތަކަށް ފަރުވާދިނުމަށް ސެންޓަރެއް މިވަގުތު ނެތް ނަމަވެސް މި ފަރުވާއަށް ބޭނުންވެފައިވާ ފަރާތްތައް ގިނައެވެ.
އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން މީގެ ކުރިން ވަނީ ފަސް ޕްރޮޖެކްޓެއް ފަށާފައެވެ. އެގޮތުން ނ ޅޮހީގައި ހަ ކްލާސްރޫމާއި ރ ކިނޮޅަހުގައި ހަ ކްލާސްރޫމް އެޅުމުގެ ޕްރޮޖެކްޓަށް 1.2 މިލިއަން ރުފިޔާ އަދި ހއ އިހަވަންދޫގެ ހެލްތު ސެންޓަރުގައި އިމަޖެންސީ މެޑިކަލް ހިދުމަތް ދިނުމުގެ އިންތިޒާމް ހަމަޖެއްސުމުގެ ޕްރޮޖެކްޓަށް 8.7 މިލިއަން ރުފިޔާ ދީފައިވެއެވެ. އަދި ދ ވާނީގައި ހުންނަ ފުލުހުން ތަމްރީނު ކުރުމަށް ހާއްސަކޮށްފައިވާ ޓްރެއިނިން ސްކޫލަށް އިންޑިއާ ސަރުކާރުން 7 މިލިއަން ރުފިޔާގެ ހިލޭ އެހީ ދީފައިވާއިރު އއ އުކުޅަހުގައި ބައިނަލްއަގުވާމީ ފެންވަރުގެ ކޮންވެންޝަން ސެންޓަރެއް އެޅުމަށް އިންޑިއާ ސަރުކާރުން 7.8 މިލިއަން ރުފިޔާގެ ހިލޭ އެހީ ދީފައިވެއެވެ. މީގެ އިތުރުން، ރާއްޖޭގެ 61 ރަށެއްގައި ބެހެއްޓުމަށް އައުޓްޑޯ ފިޓްނަސް އިކްއިޕްމަންޓް ގަތުމަށް އިންޑިއާއިން އަށް މިލިއަން ޑޮލަރު ދީފައިވާއިރު، ހޮސްޕިޓަލުތަކުގައާ ހެލްތު ސެންޓަރުތަކުގައި ބޭނުންކުރުމަށް 11 އެމްބިއުލާންސް ގަތުމަށް އިންޑިއާ އިން ދީފައި ވަނީ 7.7 މިލިއަން ޑޮލަރެވެ.
100 މިލިއަން ރުފިޔާގެ ހިލޭ އެހީ ރާއްޖެއަށް ދިނުމަށް އިންޑިއާއިން އެއްބަސްވީ މި އަހަރުގެ މާޗް މަހު 17 އަދި 18 ވަނަ ދުވަހު، އިންޑިއާގެ ފޮރިން މިނިސްޓަރު، ސުޝްމާ ސްވަރާޖް ރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައެވެ.