ހުތުރުކޮށް އަދި އިހާނެތިގޮތެއްގައި ފަނޑިޔާރުން ބޭރު ކުރުމުގެ ކުރިން މަގާމު ދޫކޮށްލުން ފަދަ ގޮތެއް އިހުތިޔާރު ކުރުން ރަނގަޅުވާނެ ކަމަށާއި، ގާނޫނުއަސާސީ ބަދަލު ކުރައްވައިގެން ވިޔަސް ފަނޑިޔާރުގެ އަލުން އެކުލަވައިލާނެ ކަމަށް، ޝަރުއީ ދާއިރާ އިސްލާހު ކުރަން ސަރުކާރުން ގެނައި ރިޓަޔާޑް ޖަސްޓިސް ކްރީގްލާ ވިދާޅުވިކަމަށް ސުޕްރީމް ކޯޓުން ބުނެފިއެވެ.

ކްރިގްލާއަށް އެތައް ތުހުމަތެއް ކޮށް ސުޕްރީމް ކޯޓުން ނެރުނު ނޫސް ބަޔާނުގައި ބުނެފައިވަނީ ސިޔާސީ ބާރުތަކާއި ފަނޑިޔާރުގެއާ ދެމެދުގައި މިހާރު އޮތީ ކުރިމަތިލުމެއް ކަމަށާއި އެ ކުރިމަތިލުމުން ފަނޑިޔާރުގެއަށް ލިބޭނީ ބޮޑު ނާކާމިޔާބީއެއް ކަމަށް ތަކުރާރުކޮށް އޭނާ ވިދާޅުވި ކަމަށެވެ. އަދި އޭނާ ތައްޔާރުކުރައްވައި ހުށަހަޅުއްވާ ރިޕޯޓުގައި ރާއްޖޭގެ ފަނޑިޔާރުން މަގާމުން ވަކިކުރުމަށް އޭނާ ރެކޮމެންޑް ކުރައްވާނެ ކަމަށް ވެސް ވިދާޅުވެ، ދިވެހި ދައުލަތުގެ ސިޔާދަތީ ބާރުތަކުގެ ތެރެއިން އެއް ބާރު ކަމުގައިވާ އަދުލު އިންސާފު ގާއިމްކުރުމުގެ ބާރަށް ވަރަށް ސަރީހަ އިބާރާތުން ބިރު ދައްކާ އިންޒާރު ދިން ކަމަށް ސުޕްރީމް ކޯޓުން ބުނެއެވެ.

"ރިޓަޔަރޑް ޖަސްޓިސް ކްރީގްލާގެ ވާހަކަފުޅުގައި، ދިވެހިރާއްޖޭގެ ކޯޓުތަކުގެ ފަނޑިޔާރުން މަގާމުން ވަކި ކުރުމުގެ ޕްލޭނެއް އޮތް ކަމަށާއި، ހުތުރުކޮށް އަދި އިހާނެތިގޮތެއްގައި ފަނޑިޔާރުން ބޭރު ކުރުމުގެ ކުރިން މަގާމު ދޫކޮށްލުން ފަދަ ގޮތެއް އިހުތިޔާރު ކުރުން ރަނގަޅުވާނެ ކަމަށާއި، ގާނޫނުއަސާސީ ބަދަލު ކޮށްގެން ވިޔަސް ފަނޑިޔާރުގެ އަލުން އެކުލަވައިލާނެ ކަމަށާއި، ސިޔާސީ ބާރުތަކާއި ފަނޑިޔާރުގެއާ ދެމެދުގައި މިހާރު އޮތީ ކުރިމަތިލުމެއް ކަމަށާއި އެ ކުރިމަތިލުމުން ފަނޑިޔާރުގެއަށް ލިބޭނީ ބޮޑު ނާކާމިޔާބީއެއް ކަމަށް ތަކުރާރުކޮށް ވިދާޅުވި" ސުޕްރީމް ކޯޓުގެ ބަޔާނުގައި ބުނެފައިވެއެވެ.

ސުޕްރީމް ކޯޓުން ބުނީ އަދުލުއިންސާފު ގާއިމު ކުރުމުގެ ނިޒާމު އިސްލާހު ކުރުމުގެ މަސައްކަތުގައި ދައުލަތުގެ އެއްވެސް އިދާރާއަކުން އެ އިދާރާއަކަށް ގާނޫނުއަސާސީން ލިބިދީފައިވާ އިހުތިސާސާއި މެންޑޭޓް އަދާކުރުމާ ބެހޭގޮތުން ލަފާ ދެއްވުމަށް ވަޑައިގަންނަވާ ބައިނަލްއަގުވާމީ ކޮންސަލްޓަންޓެއްގެ ދައުރަކަށް ވާންޖެހޭނީ ޕްރޮފެޝަނަލްކަމާއި މިނިވަންކަމާއެކު، ފަންނީ ލަފާދިނުން ކަމަށެވެ.

ނަމަވެސް ކްރީގްލާގެ އަމަލާއި ބަސްމަގުހުރީ އެގޮތުގެމަތިން ނޫންކަން ފާހަގަކުރަނީ ކަންބޮޑުވުމާއި ހިތާމަޔާ އެކުގައި ކަމަށް ސުޕްރީމް ކޯޓުން ބުނެފައިވެއެވެ. ސުޕްރީމް ކޯޓުން ބުނީ އޭނާ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ވަޑައިގެން ފަނޑިޔާރުންނާ ބައްދަލު ކުރެއްވީ، ޝަރުއީ ދާއިރާއާ އެއްވެސް މިންވަރަކަށް މަޝްވަރާ ކުރެއްވުމެއްނެތި އަދި ކަންތައްތައް ހިނގަމުންދާ ގޮތާމެދު ޝަރުއީ ދާއިރާގެ ބަހެއް ހޯއްދަވައި، ކަމުގެ ހަގީގަތްތައް ވެސް އޮޅުންފިލުއްވުމެއް ނެތި، ވަކި ގޮތަކަށް ވިސްނުން ބައްޓަން ކުރައްވައިގެން ކަމަށެވެ. އަދި ވަކި ގޮތަކަށް އަމަލު ކުރެއްވުމަށް ކުރިންސުރެ ރާއްވަވައިގެންކަން އޭނާގެ ވާހަކައިން ސާފުކޮށް އެނގޭ ކަމަށާއި، ޝަރުއީ ދާއިރާއާ މެދު އޭނާގެ ވާހަކަ ހުރީ ނަފްރަތާއި ތައައްސުބުން ފުރިގެންވާ ގޮތެއްގައިކަމަށް ސުޕްރީމް ކޯޓުން ބުނެފައިވެއެވެ،

"ފަނޑިޔާރުގެ އިސްލާހުކޮށް ތަރައްގީކުރުމާ ބެހޭގޮތުން ޝަރުއީ ދާއިރާގެ ވިސްނުން އޮޅުންފިލުވުމުގެ އެއްވެސް ޝައުގުވެރިކަމެއް އޭނާގެ ކިބައިގައި ނެތްކަން، އޭނާ އަމަލު ކުރެއްވި ގޮތުން ކަށަވަރު ވެގެންދިޔައެވެ. އަދި އޭނާގެ ވާހަކަ ހުރީ ހަގީގަތާ ހިލާފު މައުލޫމާތުތަކެއްގެ މައްޗަށް ބުރަވެވަޑައިގެން، ވަކި ނަތީޖާއެއް ހާސިލު ކުރެއްވުމަށް މަސައްކަތް ކުރައްވާ ގޮތަށެވެ. ބައިނަލްއަގުވާމީ ކޮންސަލްޓެންޓެއްގެ ގޮތުގައި މަސައްކަތްކުރައްވާ ބޭފުޅަކު، ފަނޑިޔާރުގެއަށް ވިޔަސް އަދި ދައުލަތުގެ އެހެން ބާރަކަށް ނުވަތަ އިދާރާޔަކަށް ވިޔަސް ބިރު ދައްކައި އިންޒާރުކުރުމަކީ ދިވެހި ދައުލަތުގެ ކަރާމަތާއި ހައިބަތަށް އިހުތިރާމް ކުޑަކުރުމުގެ އަމަލުތަކެއް" ސުޕްރީމް ކޯޓުން ބަޔާނުގައި ބުނެފައިވެއެވެ.

ސުޕްރީމް ކޯޓުން ވަނީ ހުރިހާ ފަރާތްތަކަކުން ވެސް ގާނޫނުއަސާސީއިން ކަށަވަރުކޮށްދީފައިވާ ފަނޑިޔާރުގޭގެ މިނިވަންކަމަށް ފުރިހަމައަށް އިހުތިރާމުކުރުމަށާއި، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން އިސްނަގައިގެން ފަނޑިޔާރުގެ އިސްލާހުކޮށް ހަރުދަނާ ކުރުމަށް ކުރަމުން ގެންދާ މުހިއްމު މަސައްކަތްތަކަށް އެހީތެރިކަމާއި އެއްބާރުލުން ފޯރުކޮށްދެމުން ގެންދިޔުމަށް އިލްތިމާސް ކޮށްފައެެވެ.