މާލޭ ވައިގެ ބަނދަރުގައި ޖީއެމްއާރު ޔުނިފޯމުގައި ހަރަކާތްތެރިވާ ބައެއްގެ ފޮޓޯތައް އާންމު ވެއްޖެއެވެ. ފޮޓޯތަކުން ފެންނަ ގޮތުގައި އެމީހުން ލައިގެން ތިބީ ޖީއެމްއާރުގެ ޔުނިފޯމެވެ. އަދި ޔުނިފޯމާއެކު ވިސިޓާ ފާސްވެސް އޮތްތަން ފޮޓޯތަކުން ފެނެއެވެ.

ފޯޓޮތަކުން 10 ވަރަކަށް މީހުން ހަރަކާތްތެރިވާތަން ފެނެއެވެ.

މިކަމާ ގުޅޭ ގޮތުން ކަމާ ގުޅުންހުރި އެއްވެސް ފަރާތަކުން އަދި ކޮމެންޓެއް ނުކުރެއެވެ.

އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓު ހިންގުން ޖީއެމްއާރާ ހަވާލު ކުރީ ކުރީގެ ރައީސް އަދި މިހާރުގެ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައެވެ.

ޖީއެމްއާރަށް އެއާޕޯޓު ދިން މައްސަލަ ބޮޑުވެ ރައީސް ނަޝީދުގެ ސަރުކާރު ވެއްޓި އައި ރައީސް މުހައްމަދު ވަހީދުގެ ސަރުކާރުގައި ޖީއެމްއާރުގެ އެއްބަސްވުން ބާތިލު ކުރުމާއެކު އެކުންފުނިން ބަދަލު ހޯދަން ދައުވާ ކުރިއެވެ. އަދި ބަދަލުގެ ގޮތުގައި ދޭން ޖެހޭ ކަމަށް ސިންގަޕޫރު ކޯޓުން ނިންމި 271 މިލިއަން ޑޮލަރު ދިވެހި ސަރުކާރުން މިހާރު ވަނީ ދައްކާ ހަލާސް ކޮށްފައެވެ.

ހިނގަމުން މިދާ ވެރިކަން ފެށުމާއެކު ޖީއެމްއާރުގެ އެކި ގިންތީގެ މުވައްޒަފުން ރާއްޖެ އަންނަ ކަމަށް ދޭތެރެ ދޭތެރެއިން ދަނީ ވާހަކަ ދެކެވެމުންނެވެ. އެގޮތުން ޖީއެމްއާރުގެ އިސް އޮފިޝަލުންތަކެއް މިސަރުކާރުގެ ބަންޑާރަ ނައިބާ ބައްދަލު ކުރި ވާހަކައާއި އެއާޕޯޓުގެ ޑިއުޓީ ފްރީ ފިހާރަތައް އެމީހުންނަށް ދޭން އުޅޭ ވާހަކަ ދައްކާ އިރު މިއިން އެއްވެސް ވާހަކައަކަށް ސަރުކާރުން ކޮމެންޓެއް ކޮށްފައި ނުވެއެވެ.

ޖީއެމްއާރު ޔުނިފޯމުގައި ތިބި ބަޔަކު އެއާޕޯޓުގައި ހަރަކާތްތެރިވާތަން މިއަދު ފެންމަތި މިވީ އިންޑިއާގެ ބޮޑުވަރީޒު ނަރެންދްރަ މޯޑީ މިމަހުގެ 8 ގައި ރާއްޖެ ވަޑައިގަތުމަށް ތައްޔާރުވެފައި ވަނިކޮށެވެ.