ބިޒްނަސް އިމޭޖް ގްރޫޕް (ބިގް) އާ ބެހޭ ގޮތުން ރައްޔިތުން މަޖިލީހުގައި ބަންޑާރަ ނައިބު މުހައްމަދު ރިއްފަތާ ސުވާލު ކުރެއްވުމަށް ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު އެދިވަޑައިގެންފިއެވެ.
މިކަމަށް އެދިވަޑައިގެން ޖާބިރު ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ފޮނުއްވި ސިޓީގައި ވަނީ މި ސުވާލުތައް ރައްޔިތުން މަޖިލީހުގައި ކުރެއްވޭނެ ގޮތް ހަމަޖައްސައި ދެއްވުމަށް އެޖެންޑާ ކޮށްދެއްވުމަށް އެދިވަޑައިގެންފައެވެ.
ޖާބިރު، ބަންޑާރަ ނައިބު ރިއްފަތާ ކުރައްވަން ބޭނުންފުޅުވާ ދެ ސުވާލަކީވެސް "ބިގް" ކުންފުންޏާ ގުޅޭ ގޮތުން ކުރައްވައި ދެ ސުވާލެވެ. އެގޮތުން "ބިގް" ކުންފުންޏަށް ފައިސާ ދޫކުރި މައްސަލަ އިސްތިއުނާފް ކޮށްފައި ވޭތޯ ނުވަތަ ނުކޮށް ދޫކޮށްލީ ކީއްވެގެން ތޯ އައްސަވާ ކުރައްވާ ސުވާލެވެ.
އަދި ސިވިލް ކޯޓު ހުކުމާ އެއްގޮތަށް "ބިގް" ކުންފުންޏަށް ފައިސާ ދޫކުރުމަށް ދައުލަތުގެ ކަމާބެހޭ އެއްވެސް ފަރާތަކަށް ލަފާ ދެއްވިންތޯ އަދި ދެއްވި ލަފާގެ މަތިން އެ ކުންފުންޏަށް ފައިސާ ދޫކޮށްފައި ވާކަން ރިއްފަތަށް އެނގިވަޑައިގަންނަވާތޯ އައްސަވާ ކުރައްވާ ސުވާލެވެ.
ދައުލަތުގެ މީޑިއާ ޕީއެސްއެމުން ބިގަށް 30 މިލިޔަން ރުފިޔާ ދިން މައްސަލަ އަލުން ބެލުމަށް މަޖިލީހުގެ މާލިއްޔަތު ކޮމެޓީ އިން ބަންޑާރަ ނައިބަށް ވަނީ އަންގާފައެވެ.
ދައުލަތުގެ މީޑިއާ (ޕީއެސްއެމް) އަށް ލިބޭހާ އާމްދަނީއެއްގެ 15 އިންސައްތަ މާކެޓިން ކުންފުންޏެއް ކަމަށް ވާ ބިގް އަށް ލިބޭގޮތަށް ދައުލަތުގެ މީޑިއާ ކުރިން ހިންގި މޯލްޑިވްސް ނޭޝަނަލް ބްރޯޑްކާސްޓިން ކޯޕަރޭޝަން (އެމްއެންބީސީ) އިން ހަދާފައިވާ އެއްބަސްވުމެއްގެ ޖޫރިމަނާ ކަމަށް ކަނޑައެޅި 78 މިލިއަންގެ ތެރެއިން 30 މިލިއަން ޕީއެސްއެމުން ބިގަށް ދިނީ މާޗު މަހުގެ ތެރޭގައެވެ. އެމްއެންބީސީން ދައުލަތުގެ މީޑިއާ ހިންގި އިރު ބިގް ކުންފުންޏާއެކު ހަދާފައިވާ އެއްބަސް ވުމަކީ ދައުލަތުގެ މީޑިއާ ހިންގާ ކުންފުންޏަށް ލިބޭހާ އާމްދަނީއެއްގެ 15 އިންސައްތަ ބިގް ކުންފުންޏަށް ދޭން ޖެހޭ ގޮތަށް އޭރުގެ ދައުލަތުގެ މީޑިއާގެ މާކެޓިން މަސައްކަތްތަކަށް އަގުކޮށް ހަދާފައިވާ 5 މިލިއަން ރުފިޔާގެ އެއްބަސްވުމެކެވެ.